އެމްއެމްޕީއާރުސީ ޚިޔާނާތުގެ ތެރެއިން މަނީލޯންޑާ ކުރުމުގެ ތުހުމަތުގައި ޗަމްޕާ ބްރަދާސް ކުންފުނީގެ މައްޗަށް ހުށަހަޅާފައިވާ މައްސަލައިގައި ކޮރަޕްޝަނުގެ ކުށެއް އެކުލެވިގެންނުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ނިންމައިފިއެވެ.
ޗަމްޕާ ބްރަދާސްގެ މައްޗަށް ތުހުމަތުކުރި މައްސަލަ ބެލުމަށްފަހު އޭސީސީއިން މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައި ބުނެފައިވަނީ، މި މައްސަލައިގައި ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ ކުށެއް ހިނގި ކަމަށް ތަހުގީގަށް ސާބިތުވާ މިންވަރަށް ހެކި ގަރީނާ ނެތުމުން، މި މައްސަލައަކީ ކޮރަޕްޝަނުގެ ކުށެއް އެކުލެވިގެންނުވާ މައްސަލައެއްކަމަށް ކަނޑައަޅައި ނިންމާކަމަށެވެ.
އޭސީސީން މި މައްސަލަ ބަލާފައިވަނީ 2014 ވަނަ އަހަރުގެ ފެބުރުއަރީ މަހުން ފެށިގެން 2015 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިޒަމްގެ ބޭނުމަށް ވިއްކާފައިވާ ފަޅުތަކާއި ރަށްތަކުން ލިބެންޖެހޭ ފައިސާއިން ބައެއް ޗަމްޕާ ބްރަދާސްގެ އެކައުންޓަށް ޖަމާކުރިކަމަށް ކުރާ ތުހުމަތުކާ ގުޅިގެންނެވެ.
އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލަ ތަހުގީގު ކުރުމަށްފަހު މީގެކުރިން އޭސީސީން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ އެމްއެމްޕީއާރުސީއަށް ލިބެންޖެހޭ އެތައް މިލިއަން ޑޮލަރެއް އެސްއޯއެފް މެދުވެރިކޮށް ރާއްޖޭގެ ބައެއް ކުންފުނިތަކުގެ އެކައުންޓްތަކަށް ޖަމާކޮށްފައިވާކަމަށެވެ.
އެމްއެމްޕީއާރުސީން ވ. އާރަށް ކުއްޔަށް ދޫކުރުމުގައި އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ނަންގަވައި އެ ފައިސާ ލޯންޑާކުރެއްވުމުގެ ކުށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށް ލާން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
މީގެ އިތުރުން، އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅުން ހުރި ދައުވާތަކުގައި ނައިބު ރައީސް އަހުމަދު އަދީބު 20 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައިވާ އިރު، އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ވެސް 11 އަހަރަށް ޖަލަށް ލާން 2020 ވަނަ އަހަރު ވަނީ ހުކުމްކޮށްފައެވެ.