ނ. މާފަރުގައި ރޭ ކޯޑި ކުޅުނުއިރު ކޯޑީގެ ކޮޅުގައި މިނިކާވަގެއްގެ ޕްރިންޓް ހަރުކޮށްފިއެވެ.
އެ ރަށުގައި ރޭ ނެރުނީ ފަން ކޯޑިއެކެވެ. އެ ރަށުގައި ފަންކޯޑިއެއް ނެރިފައި މިވަނީ 12 އަހަރަށްފަހުއެވެ. މިދިޔަ އަހަރުތަކުގައި ކޯޑި ހަދައިފައިވަނީ ކަރުދާހުންނެވެ.
“ބްލެކް ޕެންތާ”ގެ ނަމުގައި ރޭ ބޭއްވި ކޯޑި ކުޅުމުގެ ހަރަކާތުގައި ވަނީ ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވެފައެވެ. ކޯޑި ހިފައިގެން މާފަރުގެ ބޮޑެތި މަގުތަކުގައި ވަނީ ހިނގައިފައެވެ. ފިރިހެނުން ނެރުނު މި ކޯޑި ޖަހައިފައި ވަނީ ޒުވާން އަންހެން ކުއްޖެއްގެ ބޮލަށެވެ.

މާފަރުގައި ރޭ ނެރުނު ކޯޑި: އެ ކޯޑި ނެރުނީ "ބްލެކް ޕެންތާ"ގެ ނަމުގައި--
މާފަރުގައި ރޭ ނެރުނު ކޯޑީގައި މިނިކާވަގެއް ފެންނަ ގޮތަށް ފަރުމާ ކުރީ، މީގެ ހަތަރު ދުވަސް ކުރިން މިނިކާވަގެއް ކަމަަށް ބެލެވޭ ޖަނަވާރެއް އެ ރަަށު އެއާޕޯޓުން ފެނުމުންނެވެ. އެ ރަށު އެއާޕޯޓުގެ އެއާ ސައިޑްގައި ބިޔަ ޖަނަވާރެއް ހިނގައިފައި ދާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާއްމުވެފައެވެ.
އެހެން ނަމަވެސް އެމްއެންޑީއެފުން އެ ރަށު އެއާޕޯޓް ބަލާ ފާސްކުރި އިރު ފެނުނީ ހުސް ބުޅަލެވެ.
އެ ވީޑިއޯގައި ވެސް އެ ޖަނަވާރު ފެންނަނީ ފުސްކޮށްނެވެ. ކޯޑީގައި ވެސް ފެންނަނީ މިނިކާވަގު ކުޑަކުޑަކޮށްނެވެ.
މާފަރުގައި މިއަދު ވާދެމުމުގެ ކުޅިވަރެއް ވެސް ވަނީ ބާއްވައިފައެވެ. މާދަމާ ދެލިމާލި ކުޅުން އޮންނައިރު އޭގެ ޖެހިގެން އަންނަ ދުވަހު ބޮޑުމަސް ކުޅުން އޮންނާނެއެވެ.