ރަޝިއާގެ ކޯޓަކުން ގޫގުލް 47 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

ރަޝިއާގެ ކޯޓަކުން ވަނީ ގޫގުލް 47 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފަ -- ފޮޓޯ/ ރޮއިޓާސް

އަލްފަބެޓްގެ ސަބްސިޑަރީ ކުންފުނި ގޫގުލްއިން ވީޑިއޯ މާކެޓަށް ނަހަމަ ގޮތުގައި ނުފޫޒު ފޯރުވާ ކަމަށް ބުނެ ރަޝިއާގެ ކަމާ ބެހޭ އިދާރާއަކުން ކުރިން ކުރި ޖޫރިމަނާއަށް ދައްކާފައި ނުވާތީ، އެ ކުންފުނިން ޖޫރިމަނާގެ ގޮތުގައި އިތުރު ހަތަރު ބިލިއަން ރޫބަލް (47 މިލިއަން ޑޮލަރު) ދައްކަން ރަޝިއާގެ ކޯޓަކުން ހުކުމްކޮށްފިއެވެ.

ރަޝިއާގެ އެންޓި މޮނޮޕޮލީ ވޮޗްޑޮގުން އިއުލާނުކުރި މި ނިންމުމަކީ، ބޭރުގެ ޓެކް ކުންފުނިތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްގެން ޖަވާބުދާރީ ކުރުވުމަށް އެގައުމުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ނިންމި ނިންމުމެކެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ރަޝިއާގެ ފެޑެރަލް އެންޓިމޮނޮޕޮލީ ސާވިސް (އެފްއޭއެސް)އިން ވަނީ ގޫގުލް ދެ ބިލިއަން ރޫބަލް އިން ޖޫރިމަނާކޮށްފައެވެ.

ޓާސް ނިއުސް އެޖެންސީގެ ރިޕޯޓްތައް ބުނާ ގޮތުން ގޫގުލްގެ ޔޫޓިއުބް ޕްލެޓްފޯމުން ބޭނުންކުރާ އެކައުންޓްތަކާއި ކޮންޓެންޓް ސަސްޕެންޑްކޮށް ބްލޮކް ކުރުމުގައި ތަފާތު ކުރުންތައް ގެންގުޅޭ ކަމަށް އެފްއޭއެސް އިން ތުހުމަތު ކުރެއެވެ. ނަމަވެސް ގޫގުލްއިން ވަނީ އެ ނިންމުން އިސްތިއުނާފު ކުރަން ނިންމާފައެވެ.

އެ ޖޫރިމަނާ ނުދައްކާތީ ރަޝިއާގެ ކޯޓުން އިތުރަށް ކުރި ޖޫރިމަނާއާ ބެހޭ ގޮތުން ގޫގުލްއިން އަދި ވަކި އެއްޗެކޭ ބުނެފައިނުވެއެވެ.

ރަޝިއާގެ ދައުލަތުގެ ޚަރަދުގައި ހިންގާ ބައެއް މީޑިއާތައް ބްލޮކްކޮށްފައިވާ ޔޫޓިއުބަށް ރަޝިޔާގެ ދައުލަތުގެ އިދާރާތަކާއި ސިޔާސީ ފަރާތްތަކުގެ ބޮޑެތި ޕްރެޝަރުތައް ވަނީ ކުރިމަތިވެފައެވެ.

ނަމަވެސް ޓްވިޓާ އާއި މެޓާގެ ފޭސްބުކް އަދި އިންސްޓަގްރާމް ފަދަ ސޯޝަލް މީޑިއާގެ އެހެން ބޮޑެތި ކުންފުނިތައް ރަޝިއާގައި ބްލޮކް ކުރި ފަދައިން ރަޝިއާ ސަރުކާރުން އެ ޕްލެޓްފޯމް މުޅިން ބްލޮކް ކުރުމުގެ ވިސްނުމެއް ނުގެންގުޅެއެވެ.

ރަޝިއާއިން މިދިޔަ އަހަރުގެ މާޗް މަހު ޔޫކްރެއިންއަށް އަރައިގަތުމާ އެކު ގޫގުލް އިން ވަނީ އެ ގައުމުގައި އޮންލައިންކޮށް އިޝްތިހާރުކުރުން ހުއްޓާލައިފައެވެ. އެހެން ނަމަވެސް އެ ކުންފުނިން އަންނަނީ ރަޝިއާގައި ޔޫޓިއުބް ބޭނުންކުރާ ފަރާތްތަކަށް ހިލޭ ބައެއް ޚިދުމަތްތައް ފޯރުކޮށްދެމުންނެވެ.

ރަޝިއާގައި ހިންގާ ގޫގުލްގެ ގޮފި ނުވަތަ ކުންފުނި ބަނގުރޫޓުވުމާ ގާތްވެފައިވާ އިރު އެކަން އެގޮތަށް ހިނގާފައި ވަނީ، ގޫގުލްގެ ބޭންކް އެކައުންޓް ކަމާބެހޭ ފަރާތްތަކުން ހިފެހެއްޓުމުން، އެ ކުންފުނީގެ މުވައްޒަފުންނަށާއި ވެންޑަރުންނަށް މުސާރަ ނުދެވުމުންނެވެ.

ޓާސްގެ ރިޕޯޓްތައް ބުނާ ގޮތުން ކޯޓުން ހުކުމް ކުރާތާ 60 ދުވަހުގެ ތެރޭގައި ގޫގުލް އިން ޖޫރިމަނާ ފައިސާ ދައްކަން ޖެހެއެވެ.

comment ކޮމެންޓް