އަންގާރަ ދުވަހަށް މޫސުން ރަނގަޅުވާނެ: މެޓް

ވިއްސާރަ ދުވަހެއްގައި މާލޭގެ މަގުމަތީ ފެން ބޮޑުވެފައި -- ސަން ފޮޓޯ: ފަޔާޒު މޫސާ

މި ހަފުތާގެ އަންގާރަ ދުވަހަށް މޫސުން ރަނގަޅުވާނެ ކަމަށް ލަފާކުރެވޭ ނަމަވެސް، ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.

ކުރިއަށް އޮތް 24 ގަޑިއިރު، ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހެނެ ކަމަށް މެޓް އޮފީހުންވަނީ ލަފާކޮށްފައެވެ. އަދި ދެކުނުގެ އަތޮޅުތަކަށް، ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެއެވެ.

އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެއެވެ.

މެޓް އޮފީހުން ލަފާކުރާ ގޮތުގައި މެދުރާއްޖެތެރެ އާއި އުތުރުގެ ކަނޑުތައް ގަދަވާނެއެވެ.

ބޯކޮށް ވާރޭ ވެހި، ކަނޑުތައް ގަދަވާނެކަމަށް ބަލައި ހއ. އަތޮޅުން ފެށިގެން މ. އަތޮޅަށް މިއަދު ވަނީ ހުދު ސަމާލު ނެރެފައެވެ.

މީގެ އިތުރުން މެޓް އޮފީހުން ބުނީ، އީދު ދުވަހު ބޯކޮށް ވާރޭ ވެހޭނެކަމަށް ނުބެލެވޭކަމަށެވެ. ނަމަވެސް ކެރީގެ އަސަރު ފޯރުން އެކަށީގެންވާ ކަމަށް އެ އޮފީހުން ބުންޏެވެ.

އީދު ބަންދާއެކު ސްކޫލުތަކުގެ ބޮޑު ޗުއްޓީ ވެސް ފެށިފައި ވުމުން މި ދުވަސްވަރު ދަތުރުކުރާ މީހުން ވަނީ އިތުރުވެފައެވެ. ކަނޑު ދަތުރު ކުރާއިރު، މެޓް އޮފީހުން ނެރޭ އެލާޓުތަކަށް ސަމާލުވުމަށް އެ އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.

comment ކޮމެންޓް