ބޮޑު ޢީދަށް ހިންނަވަރަށް ދަތުރު ހަދާލަމާ، ފޯރިގަދަ ޝޯއާއި ކުޅިވަރުތައް!

މިއަހަރުގެ އަޟްހާ ޢީދުގައި ސަގާފީ އެކި ކުޅިވަރުތަކާ އެކު ފޯރިގަދަ ޢީދެއް ޅ. ހިންނަވަރުގައި ބޭއްވުމަށް އެ ރަށުން ތައްޔާރުވެއްޖެއެވެ.

'ސަން' އާ ވާހަކަދައްކަވަމުން ހިންނަވަރު ކައުންސިލްގެ ރައީސް ހަސަން ޝާފިއު ވިދާޅުވީ ރަށުގައި ފޯރިގަދަ ޢީދެއް ބޭއްވުމަށް ރަށުގެ ޖަމިއްޔާ ޖަމާއަތްތަކާއި އާންމުންގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބޭ ކަމަށެވެ.

"އަމިއްލައަށް އިސްނަގައިގެން ވެސް ރަށުގެ ވަރަށް ގިނަ ފަރާތްތަކުން ޢީދަށް އެކި ކަންކަން އެބަ ކުރޭ. ހިންނަވަރަކީ ޢީދު ވަރަށް ގްރޭންޑްކޮށް ސެލެބްރޭޓްކުރާ ރަށެއް އަބަދުވެސް،" ޝަފީއު ވިދާޅުވިއެވެ.

ޝާފިއު ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ވޭތުވެދިޔަ އަހަރުތަކުގައި އެ ރަށު މީހުން ބޭނުންވި ގޮތަށް ޢީދު ފާހަގަ ނުކުރެވުނުނަމަވެސް މިއަހަރު ފޯރިގަދަވާނެ ކަމަށެވެ.

ބޮޑު ޖަމާޢަތުގައި ކުރެވޭ ޢީދު ނަމާދަށް ފަހު ހުރިހާ ރައްޔިތުންނަށް ބާއްވާ ޢީދު ސައި އޮންނާނެއެވެ. ސަޔަށް ފަހު ރަސްމީކޮށް ޢީދުގެ ކުޅިވަރުތައް އެ ރަށުގައި ފަށާނެއެވެ. އެގޮތުން "ކުލަ މަޖާ ރަން" އަކާއި ވޯޓާ ސްޕޯޓްސް ކުޅިވަރިތައް ވެސް ކުރިއަށްދާނެއެވެ.

ހިންނަވަރުގައި މިފަހަރުގެ ޢީދުގައި އެންމެ ފާހަގަކޮށްލެވެނީ ރޭގަނޑު ބާއްވާ ޢީދު ޝޯއެވެ. ކައުންސިލުން ބުނީ މިފަހަރުގެ ޢީދު ޝޯ ބޭއްވުމަށް ހަމަޖެހިފައިވަނީ ކާނިވާ ސްޓައިލަށް ކަމަށެވެ. ޢީދު ހަތަރު ރޭވެސް ޝޯ ބޭއްވޭނެ ކަމަށް އުންމީދުކުރާ ކަމަށް ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުން ފާހަގަކޮށްލެވޭ ފަންނާނުން ޕާފޯމްކުރާ މި ޝޯގައި ލަވަކިޔުންތެރިޔާ މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ)، އިބްރާހީމް ޒައިދު އަލީ (ކުޑައިއްބެ) އާއި، ކޮޕްސް ބޭންޑް، މޯލްޑިިވިއަން އައިޑޮލްގެ ތަރި ޝަހުދާން އެންޑް ބޭންޑް، މަނަދޫ ހިޔަލަ ޑާންސް ގްރޫޕް އިން ޕާފޯމްކުރުމަށް ވަނީ ހަމަޖެހިފައެވެ. ރާއްޖެއިން ބޭރު ފަންނާނުންގެ ތެރެއިން، އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު ފާއިޒް ހިމެނެއެވެ. މީގެ އިތުރުން ހިންނަވަރުގެ ރައްޔިތުންގެ ފަރާތުންވެސް މި ޝޯގައި ޕާފޯމް ކުރާނެއެވެ.

ސްޓޭޖް ޝޯގެ އިތުރުންވެސް މާލި ޕެރޭޑާއި، ކުޑަކުދިންގެ ހަވީރުގެ އިތުރުން ސަގާފީ އިތުރު ކުޅިވަރުތައް ކުރިއަށްދާނެއެވެ.

comment ކޮމެންޓް