ބަންދާ ދިމާކޮށް ބައިނަލްއަގްވާމީ ދަތުރުތައްކުރާ ފަސިންޖަރުންގެ ޓްރެފިކް ބާރުބޮޑުވުން ކުޑަކުރުމަށްޓަކައި، ފުރުމުގެ ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދިޔުމަށް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެދިއްޖެއެވެ.
އެމްއޭސީއެލްއިން އިއްޔެ ކުރި ޓްވީޓެއްގައި ވަނީ ބޭރަށް ދަތުރުކުރާ ފަސިންޖަރުން ފުރުމުގެ ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ގޮސް 'އިމުގާ' ފުރިހަމަ ކުރުމަށް އިލްތިމާސް ކޮށްފައެވެ.
މިކަމާ ގުޅިގެން 'ސަން'އާ ވާހަކަދައްކަވަމުން އެމްއެސީއެލްގެ ޖެނެރަލް މެނޭޖާ ކޯޕަރޭޓް އެފެއާޒް ހަސަން އަރީފް ވިދާޅުވީ ޗުއްޓީ ދުވަސްވަރު ބާރު ބޮޑުވުމަކީ އާންމުކަމެއް ކަމަށެވެ. އެގޮތުން އެމްއޭސީއެލްގެ މުވައްޒަފުން ތިބީ އޮޕަރޭޝަނަށް ރެޑީވެ، ވާން ޖެހޭ އެންމެހާ ތައްޔާރީތައް ވެގެން ކަމަށް ހަސަން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެއްފަހަރާ ގިނަ މީހުން ދަތުރުކުރާއިރު ގިނަ މީހުން ލަހުން އައުމަކީ އަބަދުވެސް ދިމާވާ މައްސަލައެއް ކަމަށެވެ. އެހެންކަމުން ފަސިންޖަރުންގެ އަދަދު އިތުރުވުމުގެ ސަބަބުން ތޮށްޖެހުން ކުޑަކުރުމަށްޓަކައި ފުރުމުގެ ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދިޔުމަށް އިލްތިމާސް ކުރީ ކަމަށް ހަސަން ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެދެނީ ދަތުރުކުރާ ހުރިހާ ފަރާތްތަކުންވެސް މިކަމުގައި އަޅުގަނޑުމެނަށް އެއްބާރުލުން ދިނުން،" ހަސަން ވިދާޅުވިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭއަށް ފުރަތަމަ ޖެއްސި އެމިރޭޓްސް އެއާލައިންގެ ބޮއިން 777- 300 މަރުކާގެ މަތިންދާބޯޓު -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން
ހަސަން ވިދާޅުވީ މި ދުވަސްވަރު އެތެރޭގެ އުދުހުންތަކުން ދުވާލަކަށް 2،500 އެއްހާ މީހުން ދަތުރުކުރާ ކަމަށެވެ.
ދިރާސީ އައު އަހަރުގެ ކިޔެވުން ނިމި ސްކޫލްތައް ވަނީ ބުރާސްފަތި ދުވަހު ބަންދުވެފައެވެ. ބޮޑު ޗުއްޓީ ފެށިގެން އައި އިރު މިއަހަރު މިވަނީ ބޮޑު ޢީދާވެސް ކުރިމަތިވެފައެވެ. އެހެންކަމުން ރާއްޖޭގެ އެތެރޭގެ ދަތުރުތަކުގެ އިތުރުން ރާއްޖެއިން ބޭރުގެ ދަތުރުތައް ކުރާ މީހުންގެ އަދަދުވެސް ވަނީ އިތުރުވެފައެވެ.