ޓެލެވިޒަން ބަތަލާ ދިޕިކާގެ ދެމަފިރިންނަށް ލިބުނީ ފިރިހެން ކުއްޖެއް

މަޝްހޫރު ޓީވީ ސިލްސިލާ "ސަސުރާލް ސިމަރްކާ"އިން މަގުބޫލުވި ބަތަލާ ދިޕިކާ ކައްކަރުއާއި އެކްޓަރު ޝުއައިބް އިބްރާހިމަށް ފިރިހެން ކުއްޖެއް ލިބިއްޖެއެވެ.

ދެމަފިރިންނަށް ފިރިހެން ކުއްޖަކު ލިބުނުކަން އަމިއްލަ އިންސްޓަގްރާމް މެދުވެރިކޮށް ޝުއައިބްވަނީ ސަޕޯޓަރުންނާ ހިއްސާކޮށްފައެވެ. ދިޕިކާއަށް ލިބުނު ދަރިފުޅަކީ ދުވަސްނުފުރާ ވިހެއި ކުއްޖެއްނަމަވެސް ދެ މައިންގެ ޙާލުވެސް ރަގަޅުކަމަށް ޝުއައިބުގެ ޕޯސްޓުގައިވަނީ ބުނެފައެވެ.

ބަތަލާ ދިޕިކާއާއި ޝުއައިބްއަކީ ސޯޝަލް މީޑިއާގައި ވަރަށްގިނަ ބައެއްގެ ސަމާލުކަން ލިބޭ ޓީވީ ތަރިންނެވެ.

ހަމައެއާއެކު އަމިއްލަ ޒާތީ ދިރިއުޅުމުގެ ވާހަކަ ސޯޝަލް މީޑިއާ މެދުވެރިކޮށް މާގިނައިން އާއްމުންނާ ހިއްސާކުރުމުން ބައެއް ފަރާތްތަކުން މި ދެ ތަރިންނަށް ފާޑުކިއުންތައްވެސްވަނީ އަމާޒުވެފައެވެ. ދިޕިކާއާއި ޝުއައިބް ކައިވެނިކޮށްފައިވަނީ، 2018ވަނަ އަހަރުއެވެ.

ދެ ތަރިންގެ ލޯބީގެ ގުޅުން ފެށުނީ އެކީގައި ކުޅުނު "ސަސުރާލް ސިމަރްކާ"ގެ ސިލްސިލާތެރެއިންނެވެ. ކައިވެންޏަށްފަހު ދިޕިކާވަނީ އަމިއްލަ ނަން ފާއިޒާގެ ނަމަށް ބަދަލުކޮށް އިސްލާމްދީން ޤަބޫލުކޮށްފައެވެ.

އިންޑިއާގެ ޓެލެވިޒަން ދުނިޔޭގެ އެންމެ ކާމިޔާބު އެއް ބަތަލާ ދިޕިކާއަކީ، 2018ވަނަ އަހަރު ކަލަސް ޓީވީއިން ދެއްކި 'ބިގް ބޮސް' ކާމިޔާބުކުރި ބައިވެރިޔާވެސްމެއެވެ.

ކައިވެންޏަށްފަހު ދިޕިކާ ބޮޑަށް ފެނިފައިވަނީ ޝުއައިބްގެ ޢާއިލާއާއެކު ވަގުތު ހޭދަކުރާ ވަރަށް ގެވެހި އަންބެއްގެގޮތުގައެވެ. ކައިވެންޏަށްފަހު އެކްޓިންގްއާއި ދުރަށް ދިޔައީތޯ ބެލުންތެރިޔަކު އެހުމުން ބަތަލާ ބުނެފައިވަނީ އެކްޓިންގްއާއި ދުރަށް ނުދާކަމަށާއި އެހެންނަމަވެސް ކުރިޔަށް އޮތް ހަތަރު ނުވަތަ ފަސްވަރަކަށް އަހަރު ސްކްރީނުން ނުފެންނާނެކަމަށެވެ.

ދިޕިކާ އެންމެފަހުން ބެލުންތެރިންނަށް ފެނިފައިވަނީ 2021ވަނަ އަހަރު ކަލަސްއިން ދެއްކި "ސަސުރާލް ސިމަރްކާ2"އިންނެވެ.

comment ކޮމެންޓް