އެންމެ ރަނގަޅު އެއާލައިންގެ އެވޯޑު ފަސްވަނަ ފަހަރަށް ސިންގަޕޫރަށް

ސިންގަޕޯ އެއާލައިންސްގެ ފަސްޓް ކްލާސް ޚިދުމަތް ވަރަށް ފުރިހަމަކަން އެވޯޑްގައި ވަނީ ފާހަގަކޮށްފަ -- ފޮޓޯ/ ސިންގަޕޯ އެއާލައިންސް

ދުނިޔޭގެ އެންމެ ރަނގަޅު އެއާލައިންގެ އެވޯޑު ފަސް ވަނަ ފަހަރަށް ސިންގަޕޫރުގެ ގައުމީ އެއާލައިން "ސިންގަޕޯ އެއާލައިންސް"އަށް ލިބިއްޖެއެވެ.

ސްކައިޓްރެކްސްއިން ދޭ އެންމެ މޮޅު އެއާލައިންތަކުގެ އެވޯޑުތަކަކީ އެވިއޭޝަން ދާއިރާގެ އޮސްކާ އެވޯޑުތައްކަމުގައި ސިފަކޮށްފައިވާ އެވޯޑުތަކެކެވެ. މި އެވޯޑުތަކުގައި އެއާލައިންތަކާ ގުޅޭ ތަފާތު އެކި އެވޯޑުތައް ލިބެއެވެ. ނަމަވެސް އެންމެ ޝަރަފުވެރި އެއް އެވޯޑަކީ އެންމެ މޮޅު އެއާލައިންގެ އެވޯޑެވެ.

މި އެވޯޑު މިފަހަރު ސިންގަޕޯ އެއާލައިންސްއަށް ލިބުނު އިރު މި އެވޯޑު ކަނޑައެޅުމުގައި ދުނިޔޭގެ 325 އެއާލައިންއެއްގެ މައުލޫމަތު ވަނީ ހިމަނާފައެވެ.

ސިންގަޕޯ އެއާލައިންސްއަށް އެންމެ ބޮޑު މަގުބޫލު ކަމެއް ލިބިފައިވަނީ އެއާލައިންސްގެ ފަސްޓް ކްލާސް ކެބިންގެ ޚިދުމަތަށް ބަލާފައެވެ. މިއީ މުޅި ދުނިޔޭގައި ވެސް އެންމެ ފާހަގަކޮށްލެވޭ ފަސްޓް ކްލާސް ކެބިން ހިމެނޭ އެއާލައިން ކަމުގައި އެތައް ބަޔަކު ގަބޫލު ކުރެއެވެ.

އެންމެ ރަނގަޅު އެއާލައިންގެ އެވޯޑަކީ ވާދަވެރި އެވޯޑެކެވެ. ނަމަވެސް މި އެވޯޑަށް އެންމެ ގިނައިން ވާދަކުރާނީ ސިންގަޕޯ އާއި ގަތަރު އެއާވޭސް އިންނެވެ. ގަތަރު އެއާވޭސް އަކީ ސްކައިޓްރެކްގެ މި އެވޯޑުދިން 23 އަހަރުގެ ތެރޭގައި އެންމެ ގިނަ ފަހަރަށް އެންމެ ރަނގަޅު އެއާލައިންގެ އެވޯޑު ހޯދި އެއާލައިންއެވެ. މި އެއާލައިން ވަނީ އެންމެ މޮޅު އެއާލައިންގެ އެވޯޑު ހަތް ފަހަރު ހޯދާފައެވެ. މި އަހަރު ގަތަރު އެއާވޭސް އޮތީ އެންމެ މޮޅު އެއާލައިންތަކުގެ ލިސްޓުގެ ދެވަނައިގައެވެ.

ލިސްޓުގެ ތިންވަނައިގައި އޮތީ ޖަޕާނުގެ އޭއެންއޭ އޯލް ނިޕޯން އެއާވޭސްއެވެ. އަދި ހަތަރުވަނައިގައި އެމިރޭޓްސް އޮތް އިރު ފަސްވަނައިގައި އޮތީ ޖަޕާން އެއާލައިންސް އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު