ބްރިޖް މަތިން ދިޔަ ހަތަރު ވެހިކަލެއް ޖެހި، އެކްސިޑެންޓެއް ހިނގައި ގެއްލުންތަކެއް ވެއްޖެއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ މާލެއިން ހުޅުމާލެއަށް ދިޔަ މަގުމަތީ ބްރިޖްމަތިން ދުއްވާފައި ދިޔަ ބަހެއްގައި ފަހަތުން ދުއްވާފައި އައި ޖިޕަކާއި ކާރަކާއި ސިމެންތި މިކްސަރު ވެހިކަލެއް ޖެހިގެންނެވެ.
މަންޒަރު ދުށް މިހަކު 'ސަން' އާ ވާހަކަދައްކަމުން ބުނީ އެކްސިޑެންޓްވި ސަރަހައްދުގައި މިވަގުތު ޓްރެފިކް ފުލުހުން ހަރަކާތްތެރިވި ކަމަށެވެ.
އެ އެކްސިޑެންޓާ ގުޅިގެން 30 ވަރަކަށް މިނެޓް ވަންދެން ވެހިކަލްތައް ނުދުއްވި ޓްރެފިކް ބާރުބޮޑުވެފައި އޮތެވެ.
"ސަން"އަށް ލިބިފައިވާ އެ އެކްސިޑެންޓްގެ ފޮތޯތަކުން ފެންނަ ގޮތުގައި ވެހިކަލްތަކަށް ވަނީ އެކި ވަރުގެ ގެއްލުން ލިބިފައެވެ. އެގޮތުން އެންމެ ކުރީގައި އޮތް ބަހުގެ ފަހަތުގައި ޖިޕު ޖެހިފައިވާ ހިސާބު ބަނޑިވެފައި ވާއިރު ޖިޕުގެ ކުރީކޮޅަށް ގެއްލުން ލިބި ފުރޮޅު ވަނީ ފަޅައިގެން ގޮސްފައެވެ. ނަމަވެސް ޖިޕުގެ ފަހަތުގައި އޮތް ކާރަށް ވަނީ ބޮޑެތި ގެއްލުން ލިބިފައެވެ. އެގޮތުން ކާރުގެ ކުރީ ކޮޅު ބަނޑިވެފައިވާއިރު ފަހަތު ބިއްލޫރިގަނޑު ވަނީ ތަޅައިގެން ގޮސްފައެވެ.
މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.