ޓައިޓޭނިކް ބަލަން ދިޔަ ފަތުރުވެރިން ގެއްލުން: ސަބްމެރިން ހޯދުމުގައި އެމެރިކާ، ކެނެޑާ އަދި ފްރާންސް ވެސް

އޯޝެންގޭޓްއިން ޓައިޓޭނިކް ބަލަން މީހުން ގެންދާ ސަބްމެރިން -- ފޮޓޯ/ އޯޝެންގޭޓް

އެޓްލާންޓިކް ކަނޑަށް ފެތުނު އަދި ވަރަށް ގިނަ ބަޔަކު އެ ބޯޓެއްގެ ވާހަކަ ދައްކާ ޓައިޓޭނިކް ބަލާލުމަށް ޓުއަރިސްޓް ސަބްމެރިންއެއްގައި ދަތުރުކުރި ފަތުރުވެރިންތަކަކާއެކު ސަބްމެރިންއެއް ގެއްލިއްޖެއެވެ.

ޓައިޓޭނިކް ފެތުނު ގޮތާއި ބޯޓުގެ ވާހަކަ އަކީ އަދި ވެސް އެތައް ބަޔަކު ދައްކާ ވާހަކައެކެވެ. އެހެންވެ އެ ބޯޓު ބަލަން އެތައް ބަޔަކު އަދިވެސް ބޭނުންވެއެވެ.

އެ ފުރުސަތު ދިނުމަށް ޓަކައި އޯޝަންގޭޓް ކިޔާ ޓުއާ ކުންފުންޏަކުން ވަނީ ޓައިޓޭނިކް ބަލާލަން ޚިދުމަތެއް ފަށާފައެވެ. އެ ކުންފުނިން ފަތުރުވެރިންގެ ހުރުމާއި ކެއުމުގެ އިތުރުން ސަބްމެރިން ދަތުރު ހަމަޖައްސައެވެ. ޚާއްސަ ޕެކޭޖެއް ހިމެނޭ މި ދަތުރަކީ ހަތް ދުވަހުގެ ދަތުރެކެވެ.

އެ ޕެކޭޖުގެ ދަށުން މިދިޔަ އާދިއްތަ ދުވަހު އޯޝަންގޭޓްއިން ސަބްމެރިން ދަތުރެއް ފެށިއެވެ. ނަމަވެސް ކަނޑުއަޑިއަށް ދިޔަތާ އެއް ގަޑިއިރާއި 45 މިނިޓް ފަހުން އެ ސަބްމެރިންއާ ގުޅުން ވަނީ ކެނޑިފައެވެ.

އޯޝެންގޭޓްއިން ޓައިޓޭނިކް ބަލަން މީހުން ގެންދާ ސަބްމެރިންގެ އެތެރެ ހުންނަ ގޮތް -- ފޮޓޯ/ ޕީއޭ

ސަބްމެރިން ގެއްލުމާއެކު އެމެރިކާ އާއި ކެނެޑާގެ ސަރުކާރުން ސަބްމެރިން ހޯދުމުގެ މަސައްކަތް ފެށިއެވެ. އަދި ފްރާންސުން ވެސް ވަނީ އެ ސަބްމެރިން ހޯދުމުގައި އެހީތެރިވުމަށް ބޯޓެއް ފޮނުވާފައެވެ.

އެ މަސައްކަތުގެ ތެރެއިން، އެއްޗެއް ތަޅާ އަޑުފައްގަނޑަކާ އެއްގޮތް އަޑެއް ކަނޑުއަޑިން އިވިފައިވާ ކަމަށް އެމެރިކާ ސަރުކާރުން ލީކުވި މެމޯއަކުން ދައްކާ ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. އެހެންކަމުން، ސަބްމެރިން އާއި އޭގައި ތިބި މީހުން ފެނުމުގެ އުއްމީދެއް އޮތް ކަމަށް އެ މެމޯއިން ދޭހަވާ ކަމަށް އެ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެއެވެ.

އޭގެ ފަހުން އެމެރިކާގެ ކޯސްޓްގާޑުން ވަނީ އެފަދަ އަޑުފައްގަނޑެއް ފަހުން އިވިފައި ނުވާ ކަމަށާއި ނަމަވެސް އެކަން އިތުރަށް ބަލަމުންދާ ކަމަށް ބުނެފައެވެ.

އޯޝަންގޭޓްގެ "ޓައިޓަން" ސަބްމެރިންގައި އެމީހުން ދިޔަ އިރު އެއީ ފަސް މީހުންނާއެކު 4،000 މީޓަރު އަޑިއަށް ދެވޭ ސަބްމެރިންއެކެވެ. އޭގެ ދިގު މިނުގައި 22 ފޫޓު ހުންނަ އިރު، އެއަށް ދަތުރު ކުރެވެނީ ގަޑިއަކު 5.5 ކިލޯމީޓަރަށެވެ.

އެ ސަބްމެރިން ގެއްލުނު އިރު އޭގައި ފަސް މީހުން ތިބި ކަމަށާއި އެ ސަބްމެރިންގައި ހަތަރު ދުވަހަށް ވާ ވަރަށް އިމާޖެންސީ އޮކްސިޖެން ހުންނާނެ ކަމަށް އޯޝަންގޭޓުން ބުނެއެވެ.

މި ސަބްމެރިންގައި އާންމުކޮށް ދަތުރުކުރަނީ ދުނިޔޭގެ މަހުޖަނުންނެވެ. އެގޮތުން މީހަކަށް ދަތުރެއްގެ އަގަކީ 250،000 އެމެރިކާ ޑޮލަރެވެ. މި ދަތުރުގައި އޯޝެންގޭޓްގެ ބާނީ ސްޓޮކްޓަން ރަޝް އާއި އިނގިރޭސިވިލާތުގެ ވިޔަފާރިވެރިޔާ ހޭމިޝް ހާޑިން ޕާކިސްތާންގެ ބިލިއަނަރު ޝާހްޒާދާ ދާވޫދާއި އޭނާގެ ދަރިފުޅު ސުލައިމާން ދާވޫދާއި ފްރާންސްގެ ޑައިވަރެއް ކަމަށްވާ ޕޯލް އޮންރީ ނާޖެލޮޓް ހިމެނެއެވެ.

ބޮޑެތި މަހުޖަނުންގެ މަގުބޫލުކަން އޮންނަ ފަތުރުވެރިކަމަކަށް ވުމުން އެމެރިކާ އާއި ކެނެޑާއިން މި މީހުން ހޯދުމަށް ބޮޑު އިސްކަމެއް ދޭކަމަށް އާންމުންނަށް ވަނީ ފާހަގަކުރެވިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު