ޖަރުމަނުގެ އަވަށަކުން ފެނުނީ 3،000 އަހަރުވީ ކަނޑިއެއް

ޖަރުމަނުގެ ބަވޭރިއާގައި އޮންނަ ތާރީޚީ އަވަށެއް ކަމަށްވާ ޑޮނައު ރީސްއިން އާކިއޯލޮޖިސްޓުންނަށް މީގެ 3،000 އަހަރަށް ވުރެ ކުރީން އުފައްދާފައިވާ ކަނޑިއެއް ފެނިއްޖެއެވެ.

ބަވޭރިއާގެ ސްޓޭޓް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އާކިއޯލޮޖިސްޓުންނަށް ފެނުނު ކަނޑީގެ މުށްގަނޑުގެ ފެންވަރު ވަރަށް ރަނގަޅު ކަމަށާއި އެހާ ދުވަސްވެފައިވާއިރު އެއަށް ގެއްލުމެއް ވެފައި ނުވާ ކަމަށެވެ.

ރިސާޗަރުންނަށް ގަބޫލު ކުރެވޭ ގޮތުގައި އެ ކަނޑި އޮތީ ވަޅުލާފައެވެ. އަދި އެ ކަނޑި ވަޅުލާފައިވަނީ އޭގެ ވެރި ފަރާތުގެ ކައިރީގައި ކަމަށް ވެސް ރިސާޗަރުން ބުނެއެވެ.

މި ކަނޑި ޚާއްޞަވާ ސަބަބަކީ ކަނޑި މުޅިންހެން ތައްޔާރުކޮށްފައިވަނީ ބްރޮންޒް ބޭނުންކޮށްގެން ކަމަށްވާތީ އެވެ. މިއީ އެ ދުވަސްވަރަށް ބަލާއިރު އާންމު ކަމެއް ނޫން ކަމަށް ރިސާޗަރުން ބުނެއެވެ.

އާކިއޯލޮޖިސްޓުންނަށް ކަނޑި ފެނުނު އިރު ކަނޑީގެ ކައިރީގައި އިންސާނެއްގެ ކަށިގަނޑު އޮތެވެ. ނަމަވެސް އެ ކަނޑި ރައްކާތެރިކޮށް ބޭއްވުމަށް، ވަޅުލިއިރު އެއްވެސް ކަމެއް ކޮށްފައި ނުވާ ކަމަށާއި އެހެންކަމުން އެހާ ދުވަސްވީ ކަނޑިއެއް އެހާ ރަނގަޅު ފެންވަރުގައި އޮތުމަކީ ވަރަށް ހައިރާން ވާ ކަމެއް ކަމަށް އާކޮއޯލޮޖިސްޓުން ފާހަގަކުރެއެވެ.

ކަނޑީގެ ހަގީގަތް ހޯދުމަށް އާކިއޯލޮޖިސްޓުން އަންނަނީ އަދިވެސް މަސައްކަތް ކުރަމުންނެވެ. އެގޮތުން ކަނޑީގެ އަސްލާއި އޭގެ ވެރި ފަރާތް ހޯދުމުން އެ ކަނޑި ތައްޔާރު ކޮށްފައިވާ ގޮތާ ގުޅޭ މައުލޫމާތު ލިބޭނެއެވެ.

ބަވޭރިއާ ސްޓޭޓް އޮފިޝަލުން ބުނި ގޮތުގައި ސަރުކާރުން މިހާރު ވަނީ ކަނޑިއާ ހަވާލުވެފައެވެ. އަދި އާންމުންނަށް ބަލާލެވޭނެ ގޮތަށް އެ ކަނޑި ބަވޭރިއާގެ މިއުޒިއަމްއަށް ލާނެއެވެ. ނަމަވެސް އޭގެ ކުރިން ކުރަން ޖެހޭ ދިރާސާތައް ހުރި ކަމަށް ފާހަގަކޮށްފައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު