ސިންގަޕޫރު އެއާޕޯޓަށް 'ޕޮލިސް ރޮބޮޓް'ތަކެއް

ސިންގަޕޫރު އެއާޕޯޓްގައި ސެކިއުރިޓީ ބަލަހައްޓާ ރޮބޯޓެއް --

ސިންގަޕޫރުގެ ޗަންގީ އެއާޕޯޓުގެ ރައްކާތެރިކަމަށް މަސައްކަތް ކުރާ ފުލުހުންގެ ޓީމަށް ރޮބޯޓު އިތުރުކޮށް, މަސައްކަތް އޮޓޮމޭޓް ކުރުމަށް އާ ފިޔަވަޅެއް އަޅައިފިއެވެ.

ދުނިޔޭގެ އެންމެ މަގުބޫލު އެއާޕޯޓުތަކުގެ ތެރޭގައި ހިމެނޭ ޗަންގީ އެއާޕޯޓުގެ ރައްކާތެރިކަމަށް އެގައުމުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެތެރެއިން އެންމެ ފަހުން އެގައުމުގެ ފުލުހުންގެ އިދާރާއިން ވަނީ އެއާޕޯޓަށް ރޮބޯޓުން ތައާރަފުކޮށްފައެވެ.

ސިންގަޕޫރު ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އެއާޕޯޓަށް ތައާރަފުކޮށްފައިވަނީ ހަތް ފޫޓުގެ ދެ ރޮބޯޓެވެ. މި ދެ ރޮބޯޓަކީ ވެސް އެއާޕޯޓު ޕެޓްރޯލުކޮށް ސާވެއިލެންސްއަށް ތައާރަފުކޮށްފައިވާ ރޮބޯޓުތަކެކެވެ.

ފުލުހުން ބުނާގޮތުގައި މި ގޮތަށް ނިންމާފައިވަނީ ފުލުހުންގެ ބައިވެރިވުން އެއާޕޯޓުގައި އިތުރު ކުރުމަށެވެ. އާ ރޮބޯޓު ފުލުހުންނާއެކު، އެއާޕޯޓް ޕެޓްރޯލު ކުރުމަށް އިތުރަށް ފަސޭހަވާނެ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

މި ރޮބޯޓްތަކަކީ ހަމައެކަނި ސާވެއިލެންސްއަށް ބޭނުން ކުރާ އެއްޗެއްސެއް ނޫނެވެ. އެގޮތުން އެއާޕޯޓުގެ ތެރޭގައި މައްސަލައެއް ފެންމަތިވާހެން ހީވާ ނަމަ އެލާމް އަޅައި ފަސިންޖަރުންގެ ރައްކާތެރި ކަމަށް އެލާޓް ދޭނެއެވެ. އަދި ފުލުހުންނަށް އެލާޓް ކުރުމުގެ އިތުރުން އެއާޕޯޓުގައި ތިބޭ މީހުން މައްސަލައެއް ހުށަހަޅަން ބޭނުން ނަމަވެސް ރޮބޯޓުންގެ އެހީ ހޯދޭނެއެވެ. މައްސަލައެއް ހުށަހަޅަން ބޭނުން ނަމަ ބޭނުންވާނީ ހަމައެކަނި ބަޓަންއަކަށް ފިތާލާށެވެ.

ފުލުހުން ހާމަކުރާގޮތުގައި ޗަންގީ އެއާޕޯޓަށް ރޮބޯޓުން ތައާރަފުކުރުމުގެ މަސައްކަތަކީ ފުލުހުންގެ މަސައްކަތް އިތުރަށް ފުޅާކުރުމުގެ ފުރަތަމަ ފިޔަވަޅެވެ. އަދި ކުރިއަށް އޮތް ތަނުގައި ސިންގަޕޫރުގެ އެކި ސަރަހައްދުތައް މޮނިޓާ ކުރުމަށްވެސް ރޮބޯޓް ފުލުހުން ބޭނުން ކުރަން ފަށާނެ ކަމަށް އެގައުމުން ވަނީ ހާމަކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު