ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އިނާޔަތް ބޮޑު ކުރަން ކަނޑައަޅަން ޖެހޭނީ އެ ކަމާ ބެހޭ ގާނޫނު އިސްލާހު ކޮށްގެން ކަމަށާއި، އެހެން ނޫން ނަމަ ރިޔާސީ އިންތިޚާބަށް ފަހު އެ އިނާޔަތް ކުޑަ ކުރުމުގެ ފުރުސަތު ސަރުކާރަށް އޮންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އިނާޔަތުގެ ގޮތުގައި ދޭ 2،000 ރުފިޔާ 3،000 ރުފިޔާއަށް ބޮޑުކުރަން ސަރުކާރުން ވަނީ ނިންމާފައެވެ. އަދި, އެކި ގިންތިތަކަށް ބަހާލައިގެން 6،000 ރުފިޔާއަށް ހަމައަށް އިނާޔަތް ބޮޑުކުރަން ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ވަނީ ނިންމަވާފައެވެ.
އެކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި އުޝާމް ވަނީ އޭނާ ނިސްބަތްވާ މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް މުހައްމަދު ނާޒިމް މީގެ ކުރިން ގާނޫނަށް ހުށަހެޅުއްވި އިސްލާހަށް އިޝާރާތް ކުރައްވާފައެވެ.
މީގެ ހަތަރު އަހަރު ކުރިން ނާޒިމް ހުށަހެޅުއްވި އިސްލާހުގައި ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި ޖެހިފައިވާ މީހުންނަށް މަހަކު 5،000 ރުފިޔާ އާއި 7،000 އާއި ދެމެދުގެ އެލަވަންސްއެއް ދިނުމަށެވެ. އަދި، ދިގު މުއްދަތަކަށް އެނދުމަތިވެފައިވާ މީހުންނަށް މަދުވެގެން 9،000 ރުފިޔާގެ އެލަވަންސް ދިނުމަށް ހުށަހަޅާފައެވެ.
އުޝާމް ވިދާޅުވީ އިނާޔަތް އިތުރު ކުރުމަކީ ގާނޫނު އިސްލާހުކޮށްގެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި، އިނާޔަތް ބޮޑު ކުރުމަށް ސަރުކާރުގެ ހެޔޮ ނިޔަތެއް އޮތް ނަމަ 2019 ވަނަ އަހަރު ގާނޫނަށް ހުށަހެޅި އިސްލާހު ފާސް ކުރީސް ކަމަށާއި، ގާނޫނު އިސްލާހު ނުކުރުމުގެ ނަތީޖާއަކީ އިތުރުކުރި އެލަވަންސް ދިނުން ސަރުކާރުން ބޭނުން އިރަކު ހުއްޓާލުމުގެ ފުރުސަތު އޮތުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑު އެދެނީ ތިއަށްވުރެ ވެސް ރަނގަޅު ގޮތެއް ވާން. އެކަމަކު ގާނޫނު އިސްލާހު ކޮށްގެން ގާނޫނުގައި ލިޔެގެން އެކަން ކުރުން އެއީ އެންމެ ރަގަޅު ގޮތަކީ. އެހެން ނޫންނަމަ، އިންތިޚާބު ނިމުމުން ސަރުކާރުން ބޭނުންވާ ނަމަ، ބޭނުން އިރަކު އިތުރުކުރި އެލަވަންސް ކަނޑާލުމުގެ ފުރުސަތު އެބަލިބޭ." އުޝާމް ވިދާޅުވިއެވެ.