ރާއްޖޭގައި ކުރިއަށްގެންދާ ފައިވް ނޭޝަންސް ބާސްކެޓްބޯލް ޗެމްޕިއަންޝިޕްގައި ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުން ވެސް ރާއްޖެ ބަލިވެއްޖެއެވެ.
ސޯޝަލް ސެންޓަރު އެތެރޭ ކޯޓުގައި މިދިޔަ ބުދަ ދުވަހު ފެށި އެ މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ވެސް ވަނީ ބަލިވެފައެވެ. އެ މެޗުގައި ރާއްޖެ ބަލިވީ ބަންގުލަދޭޝް އަތުންނެވެ.
އެ މުބާރާތުގައި ރޭ ކުޅުނު މެޗުގައި ބޫޓާން އަތުން ރާއްޖެ ބަލިވީ 50-60 ޕޮއިންޓުންނެވެ. މެޗުގެ ކުރީކޮޅުގައި ނެގި ލީޑުގައި ބޫޓާނުން ހިފަހައްޓާލި އިރު، އެޓީމުގެ އެޓޭކް އަދި ޑިފެންސް ވެސް ފެނުނީ ވަރުގަދަކޮށެވެ.

ފައިވް ނޭޝަންސް ބާސްކެޓްބޯލް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި ބޫޓާން ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ/ މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން
މުބާރާތުގައި ބޫޓާނުން ހޯދި ދެވަނަ މޮޅާއެކު އެޓީމަށް ވަނީ ސެމީ ފައިނަލުގެ އުންމީދު ވެސް ބޮޑުވެފައެވެ. އެޓީމު ކުޅުނު ފުރަތަމަ މެޗުގައި ނޭޕާލާ ދެކޮޅަށް ވަރުގަދަ ކުޅުމެއް ދައްކައި، 55-61 ޕޮއިންޓުން ވަނީ މޮޅުވެފައެވެ.
ފައިވް ނޭޝަންސް ބާސްކެޓްބޯލް ޗެމްޕިއަންޝިޕްގައި ފަސް ޓީމަކުން ވާދަކުރެއެވެ. އެއީ ރާއްޖެ އާއި ބޫޓާންގެ އިތުރުން ބަންގުލަދޭޝްއާއި ނޭޕާލް އަދި ޕާކިސްތާނެވެ. އެ މުބާރާތުގެ ލީގު ބުރުގެ ގަދަ ހަތަރު ޓީމަށް ސެމީ ފައިނަލުން ޖާގަ ލިބިގެންދާނެއެވެ.
އެ މުބާރާތުގައި މިއަދު ވެސް ދެ މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ. މިއަދު ހަވީރު 4:00 ގައި ކުޅޭ މެޗުގައި ބޫޓާނާއި ބަންގުލަދޭޝް ބައްދަލުކުރާ އިރު، މިރޭ 8:30 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ރާއްޖެ އާއި ޕާކިސްތާނެވެ.