ތިން ސިކުންތު ތެރޭގައި ރޫބިކްސް ކިޔުބެއް ރޭވޭނެ؟

ރޫބިކްސް ކިޔުބެއް އެންމެ ތިން ސިކުންތުގެ ތެރޭގައި ރާވައި، އުމުރުން 21 އަހަރުގެ ޒުވާނެއް ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދައިފިއެވެ.

ހަ ފަޅީގައި ތަފާތު ހަ ކުލައެއް ހުންނަ ރޫބިކްސް ކިޔުބު ރޭވުމަކީ ކޮންމެ މީހަކަށް އެހާ ފަސޭހަ ކަމަކަށް ނުވެދާނެއެވެ. ބައެއް މީހުންނަށް އެތައް ދުވަހަކުން ވެސް މި ކިޔުބް ރޭވޭ ގޮތެއް ނުވެއެވެ. ނަމަވެސް މިފަހަރު މިވަނީ ހީވެސް ނުކުރާހާ ހަލުވި ސްޕީޑެއްގައި މި ކިޔުބު ރާވައި ރެކޯޑު ފޮތުންް ޖާގަ ހޯދާފައެވެ.

ކެލިފޯނިއާގެ ލޯންގް ބީޗަށް ނިސްބަތްވާ 21 އަހަރުގެ ޒުވާނެއް ކަމަށްވާ މެކްސް ޕާކް ވަނީ އެންމެ އަވަހަށް ކިޔުބް ރޭވުމުގެ ރެކޯޑު މިދިޔަ އާދިއްތަ ދުވަހު މުގުރާލާފައެވެ.

މެކްސް އެންމެ ފަހުން ރެކޯޑު ގާއިމުކޮށްފައިވަނީ 3x3x3ގެ ކިޔުބް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ރާވައިގެންނެވެ. އޭނާ މި ރެކޯޑު ހަދާފައިވަނީ 3.1 ސިކުންތުންނެވެ. މީގެ ކުރިން މި ރެކޯޑު އޮތީ ޔޫޝެންގް ޑޫ ނަމަކަށް ކިޔާ ޒުވާނެއްގެ އަތުގައެވެ. ޔޫޝެންގް މި ރެކޯޑު ހަދާފައިވަނީ 3.47 ސިކުންތުން ކިޔުބް ރާވައިގެންނެވެ.

މީގެ ކުރިން މެކްސް އޮތީ ރެކޯޑުގެ ދެވަނައިގައި 3.63 ސިކުންތުންނެވެ. އޭނާ ވަނީ ރޫބިކްސް ކިޔުބްގެ ތަފާތު އެކި ރެކޯޑުތައް މީގެކުރީން ހަދާފައެވެ.

މެކްސްގެ މަންމަ ބުނާގޮތުން ކިޔުބް ބޭނުންކުރުމަކީ މެކްސް ވަރަށް ކުޑައިރުން ފެށިގެން ވެސް ވަރަށް ގަޔާ ވެގެން ކުރި ކަމެކެވެ. އޯޓިޒަމް ހުންނަ މެކްސް، ތެރަޕީގެ ގޮތުން ވެސް ކިޔުބް ބޭނުން ކުރާ ކަމަށް މަންމަ ފާހަގަކޮށްފައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު