ބިޔޯންސޭއާ ހެދި ސްވީޑެންގެ އިންފްލޭޝަން މައްޗަށް

ބިޔޯންސޭ ސްވީޑެންގެ ސްޓޮކްހޯމްގައި ބޭއްވި ޝޯގެ ތެރެއިން -- ފޮޓޯ/ އޭޕީ

ޕޮޕް އަދި އާރުއެންބީ މިއުޒިކްގެ އެންމެ ފާހަގަކޮށްލެވޭ އެއް ޝަހުސިއްޔަތު ކަމަށްވާ ބިޔޯންސޭ ދާދި ފަހުން ފެށި ޓުއާ އާއެކު ސްވީޑެންގެ އިންފްލޭޝަން މައްޗަށް ގޮސްފައިވާ ކަމަށް އެގައުމުން ހާމަކޮށްފިއެވެ.

ބިޔޯންސޭ ވަނީ މިދިޔަ މަހުގެ ތެރޭގައި އޭނާގެ "ރެނޭސޯންސް" ޓުއާ ފަށާފައެވެ. މި ޓުއާ ފަށާފައިވަނީ ސްވީޑެންގެ ސްޓޮކްހޯމްގައެވެ. ޓުއާ ފެށުމާއެކު ބިޔޯންސޭގެ ގިނަ ފޭނުންތަކެއް ސްޓޮކްހޯމްއަށް ގޮސްފައިވެއެވެ.

ނަތީޖާއެއްގެ ގޮތުން ހޮޓެލްތަކާއި ކެފޭތަކަށް ވަރަށް ބާރުބޮޑުވެ، އެ ސަރަހައްދުގައި ހުންނަ ކެފޭތަކާއި ހޮޓެލްތަކުގެ އަގުތައް ވަނީ ވަރަށް ބޮޑަށް އުފުލާފައެވެ. ވިޔަފާރިތަކުގެ އިސްވެރިން މި ހާލަތުގައި ބޮޑު ފައިދާއެއް ހޯދަން ބޮޑު އަގުގައި ޚިދުމަތްތައް ދިނުމުގެ ނަތީޖާއެއްގެ ގޮތުން އިންފްލޭޝަން ވަނީ މަތި ވެފައެވެ.

ޔޫރަޕު ސަރަހައްދުގައި ފާހަގަކޮށްލެވޭ މަލްޓިލޭޓަރަލް ބޭންކެއް ކަމަށްވާ ޑަންސްކް ބޭންކުގެ ޗީފް އިކޮނޮމިސްޓް މައިކަލް ގްރޭން ފާހަގަކުރާގޮތުގައި ފާއިތުވި މޭ މަހުގެ ތެރޭގައި ބިޔޯންސޭގެ ފޭނުންނާ ހެދި ހޮސްޕިޓޭލިޓީ ސެކްޓަރުގެ އިންފްލޭޝަން ވަނީ މަތިކޮށްފައެވެ. އަދި އިންފްލޭޝަން މަތިވުމުގެ މައިގަނޑު ސަބަބަކީ ވެސް ހަމައެކަނި ބިޔޯންސޭ އާއި އޭނާއަށް ތާއިދުކުރާ މީހުން ކަމަށް ގްރޭން ލަފާކުރެއެވެ.

ގްރޭން ފާހަގަކުރާގޮތުގައި މިއީ އާދައިގެ ކަމެއް ނޫނެވެ. ސްޓޮކްހޯމްއަށް މީގެކުރިން ވެސް ތަފާތު ތަރިން ގޮސް ޝޯ ދޭ ކަމަށް އޭނާ ބުނެއެވެ. ނަމަވެސް މިފަދަ ބޮޑު ބަދަލެއް މިހާތަނަށް އިގުތިސާދަށް ގެނައި ތަނެއް ނުފެންނަ ކަމަށް އޭނާ ފާހަގަކުރިއެވެ.

ސްވީޑެންއަށް މިހެން ވާން ދިމާވީ ސްވީޑެންގައި ބިޔޯންސޭގެ ކޮންސާޓްގެ ޓިކެޓު އަގުހެޔޮ ވުމުން ކަމުގައި އޭނާ ފާހަގަކުރިއެވެ. ނަތީޖާއެއްގެ ގޮތުން އެކި ހިސާބުތަކުން ޓުއާގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ މީހުން ސްވީޑެންއަށް ދިޔައެވެ.

comment ކޮމެންޓް