ޕާލޭއިން ހޮނިހިރު ދުވަހު މުޅި ރާއްޖޭގައި އައްސޭރި ސާފުކުރުމުގެ ހަރަކާތެއް ބާއްވަނީ

ޕާލޭ އިން ބޭއްވި ހަރަކާތެއްގެ ތެރެއިން / ފޮޓޯ: ޕާލޭ މޯލްޑިވްސް

ދުނިޔޭގެ ކަނޑުތަކުގެ ދުވަހާ ގުޅިގެން ޕާލޭ ފޯ ދަ އޯޝަންސް އިން މުޅި ރާއްޖޭގައި އައްސޭރި ސާފުކުރުމުގެ ހަރަކާތެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.

ޕާލޭ ފޯ ދަ އޯޝަންސް އަކީ ކަނޑުތަކަށް ޕްލާސްޓިކް ކުނިީގެ ސަބަބުން ދިމާވާ ނޭދެވޭ އަސަރުތަކުން ރާއްޖޭގެ ކަނޑުތައް ރައްކާތެރި ކުރުމަށް މަސައްކަތް ކުރާ ޖަމިއްޔާއެކެވެ.

އައްސޭރި ސާފުކުރުމުގެ ހަރަކާތް ކުރިއަށް ގެންދަން ނިންމާފައިވަނީ ޕާލޭ އާއި އެޑިއުކޭޝަން މިނިސްޓްރީ އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގުޅިގެން, އަންނަ ހޮނިހިރު ދުވަހު ހެނދުނު 6:00 އިން އިރުއޮއްސި 6:00 އަށެވެ.

މިކަމާ ގުޅިގެން ޕާލޭ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ މި ހަރަކާތުގައި މުޅި ރާއްޖޭގެ 200 އަށް ވުރެ ގިނަ ރަށުގައި އެ ހަރަކާތް ކުރިއަށް ދާނެ ކަމަށާއި، ގޮނޑުދޮށް ސާފު ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު ކަނޑުތަކާގުޅޭ ހުށަހެޅުންތަކާއި އެ އިވެންޓުގެ ހަރަކާތްތައް ލައިވް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ހަރަކާތުގެ ތެރެއިން އޯޝަން ޕްލެޖު، ބީޗް ކްލީން އަޕް، އޯޝަން ލެސަން އަދި އަންޑަވޯޓާ ކްލީން އަޕް ކުރިއަށް ގެންދަން ޕާލޭ އިން ވަނީ ރާވާފައެވެ.

ޕާލޭއިން މީގެކުރިން ރިސައިކަލް ކޮށްފައިވާ ޕްލާސްޓިކް / ފޮޓޯ: ޕާލޭ މޯލްޑިވްސް

ޕާލޭއިން ބުނީ މިއީ ރާއްޖޭގައި އުކާލާ ޕްލާސްޓިކް މަދުކުރުމަށް ބާރު އެޅުމުގެ މަގުސަދުގައި ބާއްވާ ހަރަކާތެއް ކަމަށެވެ. އަދި ކަނޑުތަކަށް އުކާލާ ޕްލާސްޓިކު މަދުކުރުމަށް ފަރުދުން އަމިއްލައަށް ވިސްނައި ބާރުއަޅަން ހިތްވަރު ލިބޭ ފަދަ ހަރަކާތަކަށް މި ހަރަކާތް ވެގެންދާނެ ކަމަށް ވެސް ޕާލޭއިން ބުނެއެވެ.

ރާއްޖޭގެ ތިމާވެށި ރައްކާތެރި ކުރުމަށް ޕާލޭއިން ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ އިރު، 2015 ވަނަ އަހަރުން ފެށިގެން ކުނީގެ ގޮތުގައި އުކާލާފައިވާ 2,109,310 ކިލޯގެ ޕްލާސްޓިކް އެއްކޮށް އެ ކުނި ރިސައިކަލް ކޮށްފައި ވެއެވެ.

comment ކޮމެންޓް