އުރީދޫ މަސްރޭސް ހަތަރު ސިޓީގައި ބާއްވަން ނިންމައި، ބައިވެރިވާން ހުޅުވާލައިފި

އުރީދޫ މަސްރޭސް 2023 ލޯންޗްކުރުމުގެ ތެރެއިން--- ސަން ފޮޓޯ/ ޢަބްދުﷲ ހުސައިން

އުރީދޫ މޯލްޑިވްސްގެ މި އަހަރުގެ މަސްރޭސް ރާއްޖޭގެ ހަތަރު ސިޓީގައި ކުރިއަށްގެންދާ ގޮތަށް މިއަދު ލޯންޗްކޮށްފިއެވެ.

އުރީދޫ މަސްރޭސް ލޯންޗުކުރާ ރަސްމިއްޔާތާއި ނޫސްވެރިންގެ ބައްދަލުވުން ބޭއްވީ ކަނޑުމަތީގައެވެ. މި ބައްދަލުވުމުގައި މަސްވެރިކަމާއި ބެހޭ ވަޒީރު ޑރ. ހުސައިން ރަޝީދު ޙަސަންގެ އިތުރުން އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު މުހައްމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެހެން އަހަރުތަކާ ތަފާތުކޮށް މިފަހަރުގެ އުރީދޫ މަސްރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ މާލެސިޓީގެ އިތުރުން، ކުޅުދުއްފުށި، އައްޑޫ އަދި ފުވައްމުލަކުގައެވެ. މި ރޭސް އޮންނާނީ އޮގަސްޓު މަހުގެ ތެރޭގައެވެ.

އުރީދޫ މަސްރޭހާ ބެހޭގޮތުން ވާހަކަ ދައްކަވަމުން މަސްވެރިކަމާއި ބެހޭ ވަޒީރު ޑރ. ހުސައިން ރަޝީދު ޙަސަން ވިދާޅުވީ، މަސްވެރިކަމަކީ ދިވެހިންގެ ލެޔާ ގުޅިފައިވާ މަސައްކަތެއް ކަމަށާއި މިއީ ރާއްޖޭގެ އިޤްތިޞާދުގައި މަސްވެރިކަން އަދާކުރަމުން އަންނަ ދައުރު ވަރަށް މުހިއްމު ކަމަށެވެ. މިގޮތުން ރާއްޖެއިން އެކްސްޕޯޓްކުރާ މުދަލުގެ 90 އިންސައްތަ ޙިއްޞާކުރަނީ މަހުގެ ބާވަތްތައް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އުރީދޫ މަސްރޭސް 2023 ލޯންޗްކުރުމުގެ ގޮތުން މަސްވެރިކަމާއި ބެހޭ ވަޒީރު ޑރ ހުސައިން ރަޝީދު ޙަސަން ވާހަކަދައްކަވަނީ--- ސަން ފޮޓޯ/ ޢަބްދުﷲ ހުސައިން

އުރީދޫ މަސްރޭހާ ގުޅޭގޮތުން މަސްވެރިކަމާއި ބެހޭ ވަޒީރު ވިދާޅުވީ، އުރީދޫ ކަހަލަ ޓެލެކޮމް ކުންފުންޏަކުން މިފަދަ އިވެންޓެއް ކުރިއަށްގެންދިއުމަކީ ރާއްޖޭގެ މަސްވެރިކަމަށް އިސްކަންދޭކަން ހާމަވާ ކަމެއްކަމަށެވެ.

މަސްވެރިކަމަކީ މުނިފޫހިފިލުވުމުގެ ކަމެއްގޮތަށް ކުރާއިރު، ބޭނޭ ކުދިމަސްތައް ދޫކޮށްލަންޖެހޭކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މަހުގެ ސްޓޮކް އާލާކުރެވޭނީ ކުދިމަސްތައް ރައްކާތެރިކުރެވިގެން ކަމަށެވެ.

"ޒުވާނުންނަށް މަސްވެރިކަމާއިބެހޭ ފަންނު ދަސްވުމާއި މަސްވެރިކަމުގައި ހިމެނޭ ކަންކަން އިނގުމާއި، މަސްވެރިކަމަކީ ޝައުގުވެރިވާ ކަމަކަށް ހެދުމަށް މިފަދަ އިވެންޓްތައް ބޭއްވުން ވަރަށް މުހިއްމު" ފިޝަރީޒް މިނިސްޓަރު ވިދާޅުވިއެވެ.

އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު އަލް ހަމަދީ ވިދާޅުވީ، މަސްވެރިކަމަކީ ރައްޖޭގައި އެންމެ ޒަމާނުސުރެ ކުރަމުން އަންނަ އެއް މަސައްކަތް ކަމަށާއި، މަސްވެރިކަމަކީ ރާއްޖެއަށް އެތައް ގޮތަކުން މުހިއްމު މަސައްކަތެއް ކަމަށެވެ. ކުރީގެ މަސްރޭސްތަކަށް ބޮޑު ތަރުހީބެއް ލިބުނުކަން ފާހަގަކުރަމުން ހާލިދު ވިދާޅުވީ، ހަތަރު ސިޓީއެއްގައި މަސްރޭސްތައް ބެއްވިގެންދިއުމުން ރާއްޖޭގެ ގިނަ ރައްޔިތުންނަށް އުރީދޫ މަސްރޭހުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނޭ ކަމަށެވެ.

އުރީދޫ މަސްރޭސް 2023 ލޯންޗްކުރުމުގެ ގޮތުން އުރީދޫ މޯލްޑިވްސްގެސީއީއޯ ހާލިދު އަލް ހަމަދީ ވާހަކަދައްކަވަނީ--- ސަން ފޮޓޯ/ ޢަބްދުﷲ ހުސައިން

ކުރީ އަހަރުތަކުގައި ބޭއްވި އުރީދޫ މަސްރޭހާ ހިލާފަށް މިފަހަރުގެ މަސްރޭސް އުރީދޫން ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ އުރީދޫ މޯލްޑިވްސްއަށް 18 އަހަރުފުރޭ މުނާސަބާއާ ގުޅުވާލައިގެން ކުލަގަދަ ގޮތެއްގައެވެ. އުރީދޫ މަސްރޭހާ ގުޅޭގޮތުން ހެޑްއޮފް ކަސްޓަމާ ކެއާ ދިޔާނާ އަފީފް ވިދާޅުވީ، މި ފަހަރުގެ މަސްރޭހުގައި ގިނަވެގެން 30 ޓީމަށް އަދި މަދުވެގެން 12 ޓީމް ވާދަކުރާނޭ ކަމަށެވެ.

މިފަހަރުގެ މަސްރޭހުގައި މަސްވެރިކަމާއި ތިމާވެށީގެ ޤަވާއިދުތަކުގެ އިތުރުން ޓްރާންސްޕޯޓް ޤަވާއިދުތަކަށް ބެލުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން މަސްރޭހުގައި ބައިވެރިވެވޭނީ ޓްރާންސްޕޯޓްގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކަށެވެ. މީގެ އިތުރުން މަސްރޭހަށް ނިކުންނަ އުޅަނދުގައި ސަލާމަތީގޮތުން ހަމަވާން ޖެހޭ ކަންތައްތައް ހަމަވުމުން ނޫނީ މަސްރޭހަށް ފުރުމުގެ ފުރުސަތެއް ދިނުމަށް ހަމަޖެހިފައެއް ނުވެއެވެ.

އުރީދޫ މަސްރޭސް 2023 ލޯންޗްކުރުމުގެ ތެރެއިން--- ސަން ފޮޓޯ/ ޢަބްދުﷲ ހުސައިން

މީގެ އިތުރުން މިފަހަރުގެ މަސްރޭހުގައި 10 އިންޗިއަށްވުރެ ކުދި މަސް ބޭނިއްޖެނަމަ ދޫކޮށްލަން ޖެހެއެވެ. މިގޮތުން ދިރިހުއްޓައި ދޫކޮށްލާ މަހަށް ޕޮއިންޓް ދެވޭނެ އުސޫލެއް ހަމަޖައްސާނޭކަމަށް އުރީދޫ މަސްރޭސް އިންތިޒާމްކުރާ އެއް ޕާޓްނަރު ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

މިފަހަރުގެ މުބާރާތުން އެއްވަނައަށްދާ ޓީމަށް ދިނުމަށް ކަނޑައަޅާފައިވާ ފައިސާގެ އިނާމަކީ 25،000 ރުފިޔާއެވެ. ދެވަނައަށްދާ ޓީމަށް 10،000 ރުފިޔާ ކަނޑައެޅިފައިވާއިރު، ތިންވަނައަށްދާ ޓީމަށް ދިނުމަށް ހަމަޖެހިފައިވަނީ 5،000 ރުފިޔާއެވެ.

މިފަހަރުގެ މުބާރާތުގައި އެންމެމޮޅު ފިރިހެން މަސްވެރިޔާގެ އިތުރުން އެންމެމޮޅު އަންހެން މަސްވެރިޔާވެސް ހޮވާނެއެވެ. އުރީދޫ މަސްރޭހުގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ. މިގޮތުން އުރީދޫ މޯލްޑިވްސްގެ ވެބްސައިޓުގެ އިތުރުން އުރީދޫގެ އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް މިހާރު މަސްރޭހުގައި ރަޖިސްޓްރީ ވެވޭނެއެވެ.

comment ކޮމެންޓް