ރިޔާސީ އިންތިޚާބުގައި ނާޒިމްއަށް ތާއިދު ކުރައްވަން އާޒިމާ ނިންމަވައިފި

މުހައްމަދު ނާޒިމް އަދި އާޒިމާ ޝަކޫރު / ފޮޓޯ: ޓްވިޓާ

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި މޯލްޑިވްސް ނެޝެނަލް ޕާޓީގެ ރައީސް އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނާޒިމްއަށް ތާއިދު ކުރެއްވުމަށް ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ނިންމަވައިފިއެވެ.

ނާޒިމަށް ތާއީދުކުރާކަން ހާމަކުރައްވާ ނެރުނު ބަޔާނެއްގައި އާޒިމާ ވިދާޅުވީ، ރާއްޖޭގައި ވެރިންގެ އައު ޖީލަކަށާއި، ވެރިކަމުގެ އެންމެ މަތީ ފަންތީގައި އައު ވިސްނުން ތަކަކަށް ފުރުސަތު ލިބެންޖެހޭ ވަގުތު އަތުވެއްޖެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި ނާޒިމް އަކީ ދައުލަތަށް ދިމާވި ވަރަށް ގިނަ ބޮޑެތި ހައްސާސް ކަންކަމުގައި އާޒިމާ އާ ވަރަށް ގާތުން މަސައްކަތް ކުރައްވާފައިވާ ބޭފުޅެއް ކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، މި ވަގުތު ގައުމު އޮތް ހާލަތުން ގައުމު ނަގައި ކޮޅަށް ޖަހައި ރައްޔިތުންގެ އަސާސީ ހައްގުތައް ރައްކާތެރިކޮށް ކަންކަން ހަމަ މަގަށް އެޅުއްވޭނެ ގާބިލުކަން ނާޒިމްގެ ހުރިކަމުގެ ޔަގީން ކަން އެބަ އޮތް ކަމަށެވެ.

އާޒިމާ ވިދާޅުވި ގޮތުގައި ނާޒިމް ސަރުކާރުގެ ޚިދުމަތުގައި އުޅުއްވި އިރު، ޒުވާނުންނާއި މުސްކުޅިންނާއި ޚިޔާލު ތަފާތު މީހުންގެ އަޑު އައްސަވާ ކަމަށާއި، އޭނާއަކީ ފަސްބައި ސާފު ވެރިއެއް ކަމަށެވެ. އަދި ނާޒިމްގެ އަމިއްލަ ވެރިކަމެއްގައި އެ ސިފަތައް ގެންގުޅުއްވާނެކަން ޔަގީންވާ ކަމަށް އާޒިމާގެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން ނާޒިމްގެ ރިޔާސީ ކެމްޕެއިންގެ ސިޔާސަތު އެކުލަވާލުމުގައްޔާއި އެހެނިހެން މަސައްކަތްތަކުގައި އޭނާގެ އަރިހުގައި ދެ މަސް ދުވަހަށް ވުރެ ގިނަ ދުވަހު ހޭދަ ކުރެއްވި ކަންވެސް އާޒިމާ ހާމަކުރައްވިއެވެ. އާޒިމާ ވިދާޅުވީ ގައުމު މިއަދު ވެއްޓެމުންދާ އަނދަވަޅުން ސަލާމަތްކޮށް ގައުމު އާރާސްތުކުރުމަކީ އެންމެންގެ ޒިންމާއެއް ކަމަށް ގަބޫލުކުރެވޭއިރު އެކަން ކުރެވޭނީ ވިސްނުންތެރިކަން އިސްކޮށް ހިކުމަތްތެރިކަމާ އެކު މަސައްކަތްކޮށްގެން ކަމަށެވެ.

އާޒިމާ އެންމެ ފަހުން ސިޔާސީ މަސައްކަތުގައި އުޅުއްވީ ޕީޕީއެމްގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަރިހުގައެވެ.

comment ކޮމެންޓް