ރާއްޖޭގައި ކުރިއަށްގެންދާ ފައިވް ނޭޝަންސް ބާސްކެޓްބޯލް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޓީމު ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެއެވެ.
ސޯޝަލް ސެންޓަރު އެތެރޭ ކޯޓުގައި އިއްޔެ ފެށި ފައިވް ނޭޝަންސް ބާސްކެޓްބޯލް ޗެމްޕިއަންޝިޕްގައި ރޭ ކުޅުނު މެޗުގައި ރާއްޖެ ނުކުތީ ބަންގުލަދޭޝްއާ ދެކޮޅަށެވެ.

ފައިވް ނޭޝަންސް ބާސްކެޓްބޯލް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި ބަންގުލަދޭޝް ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް
އެ މެޗުގައި ބަންގުލަދޭޝް އަތުން ރާއްޖެ ބަލިވީ 42-52 ޕޮއިންޓުންނެވެ. އެ މެޗުގެ ހަތަރު ކުއާޓަރުގައި ވެސް ރާއްޖޭގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު، ބަންގުލަދޭޝުން ހޯދާފައިވާ ލީޑު ހަނިކުރުމަށް ރާއްޖޭގެ ކުޅުންތެރިން ގިނަ މަސައްކަތްތަކެއް ކުރިއެވެ.
އެ މުބާރާތުގައި ފަސް ޓީމަކުން ވާދަކުރެއެވެ. އެއީ ރާއްޖެ އާއި ބަންގުލަދޭޝްގެ އިތުރުން ބޫޓާނާއި ނޭޕާލް އަދި ޕާކިސްތާނެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ބޫޓާނުން ވަނީ ނޭޕާލް ބަލިކޮށްފައެވެ.
އެ މުބާރާތުގައި މިއަދު ވެސް ދެ މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ. މިއަދު ހަވީރު 4:00 ގައި ކުޅޭ މެޗުގައި ޕާކިސްތާނާއި ނޭޕާލް ބައްދަލުކުރާ އިރު، މިރޭ 8:30 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ރާއްޖެއާއި ބޫޓާނެވެ.