ކޮންސްޓްރަކްޝަން ސިނާއަތުގެ އެކްސްޕޯ އާއި އެވޯޑްތައް އިންތިޒާމްކުރުން މީޑިއަމް އިވެންޓްސްއަށް

ކޮންސްޓްރަކްޗަން ދާއިރާގެ މައުލޫމާތު ފޯރުކޮށްދިނުމަށް ބޭއްވޭ އެވޯޑްތަކާއި އެކްސްޕޯތައް ހިންގުމަށް އެމްއެންއޭސީއައި އިން މީޑިއަމް އިވެންޓްސްއާ ސޮއިކުރުމުގެ ތެރެއިން --- ސަން ފޮޓޯ/ އަޙްމަދު ސަދޫފް މޫސާ

ރާއްޖޭގެ ކޮންސްޓްރަކްޝަން ސިނާޢާތް ކުރިއަރުވައި، އެ ދާއިރާގެ މައުލޫމާތު ފޯރުކޮށްދިނުމަށް ބޭއްވޭ އެވޯޑްތަކާއި އެކްސްޕޯތައް ހިންގުމަށް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި) އިން މީޑިއަމް އިވެންޓްސްއާ އެކު މިއަދު ސޮއިކޮށްފިއެވެ.

މާގިރި ހޮޓެލްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެމްއެންއޭސީއައިގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ، އެ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ޖަނާޙް އަލީއެވެ. އަދި މީޑިއަމް އިވެންޓްސްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު، ޝާމް މުޙައްމަދެވެ.

މި ރަސްމިއްޔާތުގައި ބޭއްވޭ ނޭޝަނަލް ބިލްޑް އެކްސްޕޯ، ނޭޝަނަލް ބިލްޑާސް އެވޯޑް އާއި މޯލްޑިވްސް ބިލްޑާސް މެގެޒިން ވެސް އިންތިޒާމްކޮށް ހިންގުމަށް މީޑިއަމް އިވެންޓްސްއާ ވަނީ ހަވާލުކޮށްފައެވެ.

މިކަމާ ގުޅިގެން މީޑިއަމް އިވެންޓްސް އިން ބުނީ މި އިވެންޓްތަކާއި އަދި މަޖައްލާގެ ސަބަބުން ކޮންސްޓްރަކްޝަން ސިނާއަތުގެ ޕްރޮފެޝަލުންނަށް އެމީހުންގެ އުފެއްދުންތަކާއި ޚިދުމަތްތަކާއި އަދި ކާމީޔާބީތައް ދައްކާލުމަށް ޕްލެޓްފޯމެއް ލިބޭނެކަމަށެވެ. އަދި މި އެއްބަސްވުމުގެ ދަށުން ބޭއްވޭ ނޭޝަނަލް ބިލްޑް އެކްސްޕޯގެ ސަބަބުން ރާއްޖޭގައި ހަރަކާތްތެރިވާ އެކު އެފަދަ ކުންފުނިތަކަށް، އެކުންފުނިތައް އިޝްތިހާރުކުރުމުގެ ފުރުސަތު ލިބި، ސިނާއަތުގެ ސްޓޭކްހޯލްޑަރުންގެ މެދުގައި އޮންނަ ގުޅުން ބަދަހި ވާނެ ކަމަށެވެ.

މީގެ އިތުރުން، މި އެއްބަސްވުމުގެ ދަށުން ބޭއްވޭ ނޭޝަނަލް ބިލްޑާސް އެވޯޑްސްގެ ސަބަބުން ކޮންސްޓްރަކްޝަން ސިނާޢާތުގައި ހަރަކާތްތެރިވާ ފަރުދުންނާއި ކުންފުނިތަކުން ފާހަގަކޮށްލެވޭ ކާމިޔާބީތަކާއި އެކި ޚިދުމަތްތައް ފާހަގަކުރެވޭނެއެވެ. މި އެވޯޑުގެ ސަބަބުން ސިނާއަތުގެ ތެރޭގައި ހުރި މަތީ ފެންވަރާއި އަދި ޕްރޮފަޝަނިލަޒްމްއަށް އެ ސިނާއަތުގެ އެކި ފަރާތްތައް ހޭލުންތެރިވާނެ ކަމަށް މީޑިއަމް އިވެންޓްސް އިން ބުންޏެވެ.

އޭގެ އިތުރުން މީޑިއަމް އިވެންޓްސް އިން ބުނީ، މި އެއްބަސްވުމުގެ ސަބަބުން ނެރޭ މޯލްޑިވްސް ބިލްޑާސް މެގަޒިންގެ ސަބަބުން، އެ ދާއިރާއާ ބެހޭ މުހިންމު މައުލޫމާތު ފޯރުކޯށްދިނުމުގެ އިތުރުން، އެ ސިނާއަތުގެ ޖުމްލަ ކުރިއެރުމާއި ދެމެހެއްޓެނިވިކަން އިތުރުކުރުވާނެ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު