ޑިއުޓީއާ ނުލާ ޔޫރަޕަށް މަސް އެކްސްޕޯޓު ކުރެވޭ މަގު ފަހިކުރަނީ

މާޗް 22، 2020: މަސްމާރުކޭޓު ސަރަހައްދުގައި ދޯނިން މަސް ބޭލުމުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއިން ޔޫރަޕަށް އެކްސްޕޯޓުކުރާ މަހުން ޑިއުޓީ ކެނޑުމަށް މަގުފަހިކޮށް، ސަރުކާރާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން މަޝްވަރާތަކެއް ކޮށްފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައި ވަނީ ބްރުސެލްސްގައި ބޭއްވި އީޔޫއާއި ރާއްޖޭގެ އިސްވެރިންގެ ހަތަރު ވަނަ ޖަލްސާގައެވެ.

މި ބައްދަލުވުމަށް ފަހު ދެ ފަރާތުން ގުޅިގެން ނެރުނު ބަޔާނެއްގައި ވަނީ، ރާއްޖެއިން އޯގަނައިޒޭޝަން އޮފް އެފްރިކަން ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް)ގެ މެމްބަރު ގައުމަކަށް ވުމަށް އަލަށް ސޮއިކޮށްފައިވާކަން ފާހަގަކޮށްފައެވެ.

އެ ބަޔާނުގައި ވަނީ، މި އެއްބަސްވުމުގެ ސަބަބުން އޯއޭސީޕީއެސް އާއި އީސްޓަން އަދި ސަދަން އެފްރިކަން ގްރޫޕުގެ އިކޮނޮމިކް ޕާޓްނަޝިޕްގައި ރާއްޖެއަށް ބައިވެރި ވެވޭކަމަށެވެ. މިކަމުގެ ސަބަބުން، ކުރިއަށް އޮތް ތަނުގައި ރާއްޖެއިން ޔޫރަޕްގެ ގައުމުތަކަށް ޑިއުޓީއަކާ ނުލާ މަސް ބޭރު ކުރުމުގެ މަގު ފަހިވާނެކަމަށް އެ ބަޔާނުގައި ވެއެވެ. އަދި އެ މަސައްކަތުގަައި ކުރަން ހުރި އިތުރު ކަންކަން ވެސް އީޔޫއާއި ރާއްޖެއާ ދެމެދު މަޝްވަރާކޮށްފައި ވާކަމަށް އެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން ކުރިއަށް އޮތް ތަނުގައި ރާއްޖެއާ އީޔޫއާ ގުޅުން އިތުރަށް ބަދަހިވާނެކަމަށް އެ ބަޔާނުގައި ވެއެވެ.

މި މަހުގެ ކުރީކޮޅު އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވެސް ވަނީ، ޑިއުޓީއަކާ ނުލާ އިނގިރޭސިވިލާތަށް މަސް އެކްސްޕޯޓު ކުރެވޭފަދަ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއި ކުރުމުގެ މަސައްކަތް ފެށުމަށް ނިންމާފައި ވާކަމަށް ވިދާޅުވެފައެވެ.

ރާއްޖޭގެ މަސް އެކްސްޕޯޓު ކުރުމަށް ނަގާ ޓެކްސް ވަރަށް އަވަހަށް ކަނޑާލާނެކަމަށް ރައީސް ވަނީ ޖެނުއަރީ މަހު ވިދާޅުވެފައެވެ.

comment ކޮމެންޓް