މި މަހުގެ 15 ވަނަ ދުވަހު ފެށޭ މޯލްޑިވްސް މިއުޒިކް ފެސްޓަކީ ރާއްޖޭގެ ހުނަރުން ފުރިފައިވާ ފަންނުވެރި ހުށަހެޅުންތެރިންނަށް ލިބޭނެ ރަނުގެ ފުރުސަތެކެވެ. އެ ފެސްޓު ބޭއްވުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުންދާއިރު، އެ އިވެންޓަށް ރާއްޖޭގެ އެކި ހުނަރުވެރި ހުށަހެޅުންތެރިން ދަނީ ތައްޔާރުވަމުންނެވެ.
ރާއްޖޭގައި ބޭއްވޭ މިފަދަ ފުރަތަމަ މޯލްޑިވްސް މިއުޒިކް ފެސްޓަކީ ހަމައެކަނި މިއުޒިކާއި ސަގާފަތް ފާހަގަ ކުރުމަށް ވުރެ މާ ބޮޑު ފެސްޓެކެވެ. އެއީ އެއްބައިވަންތަކަމުގެ ބާރާއި އެކަމުގެ ސަބަބުން މުޖުތަމައަކަށް ކުރާނެ ހެޔޮ އަސަރު ދައްކާނެ ހެއްކެކެވެ. މި ފެސްޓިވަލަކީ މި އިވެންޓުގައި ބައިވެިރވާ ހުނަރުވެރިންގެ ބެކްގްރައުންޑަށް ބެލުމެއް ނެތި، މިއުޒިކްގެ އުފަލުގައި ބައިވެރިވެ އަދި އެ ދާއިރާގައި ދެމެހެއްޓެނިވި ގުޅުމެއް އުފައްދަން މީހުން އެއްތަނަކަށް ގެނެސްދޭނެ ފެސްޓިވަލެކެވެ.
މިއަހަރުގެ މި ފެސްޓުގެ ޝިޢާރުން ވެސް އެކަން ސާބިތުވެއެވެ. ބާރުގެ މައްޗަށް އަލިއަޅުވާލައިފައިވާ ޝިއާރު، "އެއްބައިވަންތަކަމުގެ ބަހުރުވަ" މި ޝިއާރުން ރަމްޒުކޮށްދެނީ މީހަކަށް ބެލުމެއް ނެތި މީހުން އެއްތަނަކަށް ގެނައުމަށް މިއުޒިކްގެ ބަހާއި ސަގާފަތުގެ ވާހަކައެވެ.
މޯލްޑިވްސް މިއުޒިކް ފެސްޓިވަލަކީ ޕޮޕް، ރޮކް، ކްލެސިކަލް، ޓްރެޑިޝަނަލް އަދި އެކި ޖޯންރާތަކުގެ މިއުޒިކް ދައްކާލުމަށް ބާއްވާ މިފަދަ ފުރަތަމަ ފެސްޓިވަލެވެ.
ކުރިއަށް އޮތް ރާއްޖޭގައި ކުރިއަރަމުން އަންނަ އާޓިސްޓުންނާއި އަދި މި ދާއިރާގެ ލެޖެންޑަރީ އެކި ފަންނާނު ހިމަނައިގެން ބާއްވާ މި ފެސްޓިވަލްގައި ބައިވެރިވާ ފަރާތްތަކަށް ގިނަ ފައިދާތަކެއް ލިބޭނެއެވެ.
އެގޮތުން މިއީ ކުރިއަރަމުން އަންނަ ފަންނާނުންނަށް އެ މީހުންގެ ހުނަރު ދައްކާލައި، ގިނަ ބެލުންތެރިންނާ ހަމައަށް އެ މީހުންނަށް ބޭނުންވާ "އެކްސްޕޯޝާ" ހޯދުމަށް ލިބޭނެ ރަނުގެ ފުރުސަތެކެވެ. މީގެ އިތުރުން، މި ފެސްޓިވަލަކީ ރާއްޖޭގެ ހުނަރުވެރި ލެޖެންޑަރީ މިއުޒީޝަނުންނަށް އާ ސަޕޯޓަރުންނާ ހަމައަށް ވާސިލުވެ، މިހާރު ތިބި ފޭން ބޭސްއާ ގުޅުމުގެ ފުރުސަތު ފަހިކޮށްދޭނެ އިވެންޓެކެވެ.

މި ފެސްޓިވަލުގައި ބައިވެރިވާ ލެޖެންޑަރީ އާޓިސްޓުން ގެ ސަބަބުން މި ފެސްޓިވަލްގައި ބައިވެރިވާ ފަރާތްތަކަށް އެމީހުންގެ ފޭވަރިޓް މިއުޒިޝަނުން ލައިވްކޮށް ހުށަހެޅުމުގެ އިތުރުން، ހިތްގައިމު ސެޓިންއެއްގައި މިއުޒިކް ތަޖުރިބާކުރުމުގެ ފުރުސަތު ލިބޭނެއެވެ.
މި ފެސްޓް އޮންނާނީ މި މަހުގެ 15 އަދި 16 ވަނަ ދުވަހު އޮލިމްޕަސް ސިނަމާގައެވެ. ދެ ދަންފަޅިއަކަށް ބެހިފައިވާ މި އިވެންޓުގެ ހަވީރު 16:00 އިން 18:00 އަށް އޮންނަ ދަންފަޅީގައި ޢާންމު ކޮންމެ މީހަކަށް ވެސް މި އިވެންޓު ތަޖުރިބާކުރުމުގެ ފުރުސަތު ލިބޭއިރު، އެ ދަންފަޅިގައި ހުށަހަޅާނީ ރާއްޖޭގައި ކުރިއަރަމުން އަންނަ އެކި ފަންނުވެރިންނެވެ.
އަދި އޭގެ އިތުރުން، މި ފެސްޓުގެ ތެރެއިން އެކި ހުނަރުވެރިންގެ އާޓް ގެލަރީތަކާއި ކާބޯތަކެތި ވިއްކާ އެކި ފަރާތްތައް ވެސް ހަރަކާތްތެރިވާނެއެވެ.
އެ ފެސްޓުގެ އެންމެ ބޮޑު އިވެންޓު އޮންނަ ރޭގަނޑު ދަންފަޅި ކުރިއަށްދާނީ ރޭގަނޑު 20:30 އިން 23:00 އަށެވެ. ޕްރޮފެޝަނަލުންނާއި ލެޖެންޑުންނާއި ޚާއްސަ މި ދަންފަޅިއަށް ވަދެވޭނީ ޓިކެޓު ނަގައިގެން ވަންނަ ފަރާތްތަކަށެވެ.
މި ފެސްޓުގެ ފުރަތަމަ ދުވަހު ޒަކިއްޓޭ، މެޒޯއާއެކު ވައިޓް ޓާން، ސްކައިރޮކް ބޭންޑް އަދި ރަވެއޯ ފަދަ ހުނަރުވެރި ފަރާތްތައް ހުށަހަޅާއިރު، ދެވަނަ ދުވަހު ޓީފޯޓޫ، މީރާ، ޒާރާ އަދި ހައިޝާމްގެ އިތުރުން ޓްރެފިކް ޖޭމް އަދި ފަސީ ލައިވް ވެސް ހުށަހަޅާނެއެވެ.
މި ދަންފަޅީގައި ވިއްކާ ޓިކެޓު ދެ ކެޓަގަރީއެއްގައި ލިބެން ހުންނައިރު، އެއީ ޢާންމުކޮށް ލިބެން ހުންނަ 200 ރުފިޔާގެ ޓިކެޓާއި، ކަލެކްޓާސް އެޑިޝަންގެ ލިމިޓެޑް ޓިކެޓްގެ ގޮތުގައި ލިބެން ހުންނަ 500 ރުފިޔާގެ ޓިކެޓެވެ. މި ލިމިޓެޑް ޓިކެޓުގެ ގޮތުގައި ކޮންމެ ރެއަކު ވެސް 50 ޓިކެޓު ދޫކުރާނެއިރު، މި ޓިކެޓުން ބެކްސްޓޭޖްއަށް އެކްސެސް ވުމުގެ އިތުރުން، އެންމެ ކުރީ ސީޓުތަކުގައި ތިބުމުގެ ފުރުސަތު ލިބޭނެއެވެ.
މި މިއުޒިކް ފެސްޓަކީ ނޭޝަނަލް ސެންޓާ ފޯ ދި އާޓްސް (އެންސީއޭ) އާ ގުޅިގެން ބާއްވާ ފެސްޓެކެވެ. މި ފެސްޓުގެ ގޯލްޑް ޕާޓްނަރުންގެ ގޮތުގައި ހަމަޖައްސައިފައިވަނީ ލޮޓަސް ބައިކް ޝޮޕާއި ޗާޖްއެވެ. އަދި ސިލްވާ ޕާޓްނަރުންގެ ގޮތުގައި އެލައިޑް އިންޝުއަރެންސް، ޑަޔާނާ ޓްރޭޑިން އަދި ބިޒްނަސް ސެންޓަރު ކޯޕަރޭޝަން ވަނީ ހަމަޖައްސާފައެވެ.
އަދި މި ފެސްޓުގެ ހޮޓެލް ޕާޓްނަރަކަށް ޖެން މޯލްޑިވްސް މާލެ ބައި ޝަންގްރިއްލާ، މީޑިއާ ޕާޓްނަރަކަށް އެސްއެސްނެޓް، ލެޑް ވިޝުއަލް ޕާޓްނަރަކަށް ޓެކްވޭވް، ސައުންޑް އެންޑް ލައިޓް ޕާޓްނަރަކަށް އޯލް އެޑިޝަން މޯލްޑިވްސް، ބެވަރޭޖް ޕާޓްނަރަކަށް ކޮކާކޯލާ، ޕްރިންޓިން ޕާޓްނަރަކަށް ޕްރިންޓް ލެބް އަދި ސަޕޯޓިން ޕާޓްނަރުންގެ ގޮތުގައި ފަންނުގެ ދަރިން އެންޑް މިއުޒީޝަންސް ޔޫނިއަން އޮފް މޯލްޑިވްސް ވަނީ ހަމަޖައްސާފައެވެ.