ދަ ޓްރަޔަލް: ފިރިމީހާ ބޭވަފާތެރިވުމުން ކާޖޮލް ބޭނުންވީ ވަކީލަކަށް ވާން

ބަތަލާ ކާޖޮލްގެ ވަކީލެއްގެ ރޯލް ކުޅޭ ވެބް ސީރީސް "ދަ ޓްރަޔަލް"ގެ ޓްރެއިލާއާ އެކު ސީރީސް ރިލީޒް ކުރާ ތާރީޚު އިޢުލާނު ކޮށްފިއެވެ.

"ދަ ޓްރަޔަލް: ޕިޔާރު-ޤާނޫނު-ދޯކާ"އަކީ ކާޖޮލްގެ ކެރިއަރުގެ ފުރަތަމަ ވެބް ސީރީސްއެވެ. މި ވެބް ސީރީސްގައި ކާޖޮލް ކުޅެނީ ފިރިމީހާއަށް ބަޔަކު މީހުން ކުރާ ތުހުމަތުތަކާ ގުޅިގެން ޖަލުގައި ބަންދުކުރުމުން އެ ކަމުން ފިރިމީހާ ސަލާމަތް ކުރުމަށް މަސައްކަތް ކުރާ ވަކީލެއްގެ ރޯލެވެ.

މި ތުހުމަތުތަކުގެ ތެރެއިން ކާޖޮލްއަށް ފިރިމީހާ ބޭވަފާތެރިވެފައިވާކަން ވެސް ފަޅާ އަރާތަން ޓްރެއިލާއިން ފެނެއެވެ.

ކާޖޮލްގެ ފިރިމީހާގެ ރޯލުން މިސީރީސްގައި ފެންނާނީ އެކްޓަރު ޖިއްޝޫ ސެންގުޕްތާއެވެ. ސުޕާން ވަރުމާ ޑައިރެކްޓްކުރާ މި ވެބް ސީރީސް އަކީ، އެމެރިކަން ވެބް ސީރީސް "ދަ ގުޑް ވައިފް" އަސްލަކަށް ބަލައިގެން އުފައްދާ ސީރީސްއެކެވެ. އެމެރިކަން ސީރީސްއަކީ 2009 ވަނަ އަހަރު ގެނެސްދިން ސީރީސްއެކެވެ. ޖުމްލަ ހަތް ސީޒަން އުފެއްދި އެ ސީރީސް ނިންމާލީ 2016 ވަނަ އަހަރުއެވެ.

ބަތަލާ ކާޖޮލްގެ އިތުރުން ޝީބާ ޗައްދާ، ކުބްރާ ސައިތު މުހިއްމު ރޯލުން ފެންނަ މި ވެބް ސީރީސް ހޮޓް ސްޓާއިން ދައްކަން ފަށާނީ ކުރިއަށް އޮތް ޖުލައި މަހުގެ 14އިން ފެށިގެންނެވެ. މިދިޔަ އަހަރު ފިލްމު "ސަލާމް ވެންކީ"އިން އެންމަ ފަހުން ބަތަލާ ފެނިފައިވާއިރު ކާޖޮލް އަންނަނީ އިތުރު ދެ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އެއީ، ނެޓްފްލިކްސްއިން ގެނެސްދޭ އެންތޮލޮޖީ ފިލްމު "ލަސްޓް ސްޓޯރީސް2" އަދި އިޢުލާނު ނުކުރާ ފިލްމު "ސަރްޒަމީން"އެވެ.

comment ކޮމެންޓް