ސަނީ ޑިއޯލްއާއި އަމީޝާގެ ފިލްމުގެ ފުރަތަމަ ޓީޒާ ދައްކާލައިފި

ގިނަ ބަޔަކު އެ ފިލްމެއްގެ ޓީޒާއަށް އިންތިޒާރުކުރި "ޤަދަރު2"ގެ ކުރު ޓީޒާ ބެލުންތެރިންނަށް ދައްކާލައިފިއެވެ.

އަނިލް ޝަރްމާ ޑައިރެކްޓް ކުރާ މި ފިލްމަކީ މީގެ އަހަރުތަކެއް ކުރިން ރިލީޒްކުރި ފިލްމު "ޤަދަރު:އެކް ޕްރޭމް ކަތާ"ގެ ސީކުއަލްއެކެވެ. އަމީޝާ ޕަޓޭލްއާއި ސަނީ ޑިއޯލް ލީޑް ރޯލް ކުޅުނު އެ ފިލްމަކީ، އެ އަހަރު ރިލީޒްވި ފިލްމުތަކުގެ ތެރެއިން ބޮޑު ކާމިޔާބެއް ހޯދި ބްލޮކްބަސްޓަ ފިލްމެކެވެ.

"ޤަދަރު2"ގެ ޓީޒާ ޢާއްމުންނަށް ދައްކާލިއިރު ފިލްމުގައި ސަނީ ޑިއޯލްކުޅޭ ތާރާ ސިންގްގެ ރޯލުން ސަނީގެ ވަރުގަދަ އެކްޝަން ސީންތަކެއް ފިލްމުގައި ފެންނާނެ ކަމަށް ޔަޤީން ކޮށްލެވޭނެއެވެ.

މި ފިލްމަކީ، ސަނީގެ އެކްޝަން ފިލްމެއް ސިނަމާއެއް ނާންނަތާ ދިގު މުއްދަތެއްވެފައި ވަނިކޮށް ބެލުންތެރިންނަށް ގިނަ ހަނދާންތަކެއް އާ ކުރުވާނެ ފިލްމެކެވެ.

ސަނީ ޑިއޯލް ބުނީ ފިލްމު "ޤަދަރު2"އަކީ އައިކޮނިކް ފިލްމެއް ކަމަށާއި އިންޑިއާގެ އެންމެ ގިނަ ބައެއްގެ ލޯބި ހޯދި ފެމިލީ ޑްރާމާއިން އެނބުރި ސިނަމާއަށް އާދެވޭތީ އެކަމާ ވަރަށް އުފާވާކަމަށެވެ.

މި ފިލްމަކީ، ލޯބީގައި މިސާލު ދައްކުވައިދޭ ފިލްމުގައި ފެންނަ ތާރާ ސިންގްއާއި ސަކީނާއަށް ގިނަ ބަޔަކު މި ފަހަރު ވެސް ލޯތްބާ އެކު މަރުހަބާ ކިޔާނެ ކަމަށް އުއްމީދު ކުރާ ކަމަށް ސަނީ ވަނީ ބުނެފައެވެ. މި ފިލްމުގެ ޓީޒާ ދެއްކުމުގެ ދުވަސްކޮޅެއް ކުރިން "ޤަދަރު:އެކް ޕްރޭމް ކަތާ"ވަނީ އަލުން ސިނަމާގައި ދައްކާފައެވެ.

ބަތަލާ އަމީޝާ ޕަޓޭލްގެ އުފަންދުވަހު ފިލްމު ސިނަމާގައި އެޅުވިއިރު ބެލުންތެރިންގެ ފަރާތުން ލިބުނު ތަރުޙީބާ އެކު މި ފިލްމަށް އާއްމުންގެ ހިތުގައި ޖާގަ ދެވިފައިވާ މިންވަރު ހާމަވި ކަމަށް އަމީޝާ ވަނީ ބުނެފައެވެ.

މި ފިލްމު 2001 ވަނަ އަހަރު ރިލީޒްކުރިއިރު ވަރަށް ގިނަ ބަޔަކު ފިލްމު ގަންނަން ދެބަސްވި ކަމަށާއި މިއީ ޕަންޖާބީ ފިލްމެއް ކަމަށް ބުނެ ގިނަ ބަޔަކު ބޭނުންވީ ފިލްމު ހިންދީ ބަހުން ޑަބް ކުރުމަށް ކަމަށް ސަނީ ވަނީ ބުނެފައެވެ.

އެހެންނަމަވެސް ބެލުންތެރިން ވަނީ ގިނަ ބަޔަކު ފިލްމާ ބެހޭ ގޮތުން ގެންގުޅުނު ވިސްނުން ބަދަލުކުރުމަށް މަޖުބޫރު ކުރާވަފައި ކަމަށާއި މި ފިލްމުގެ ސީކުއަލްއެއް އުފެއްދުމުގެ ހިތްވަރު ދިނީ ބެލުންތެރިން ކަމަށް ސަނީ ޑިއޯލް ވަނީ ބުނެފައެވެ.

"ޤަދަރު2" ސިނަމާގައި ރިލީޒްކުރުމަށް ނިންމާފައިވަނީ ކުރިއަށް އޮތް އޮގަސްޓް މަހުގެ 11 ގައެވެ.

comment ކޮމެންޓް