ޔުނައިޓެޑް ނޭޝަންސް (ޖޫން 12) - އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ (އައިއޭއީއޭ) ފަދަ ބައިނަލްއަގުވާމީ އޭއައި ވޮޗްޑޮގް ބޮޑީއެއް އުފެއްދުމަށް އާޓިފިޝަލް އިންޓެލިޖެންސްގެ ބައެއް އެގްޒެކެޓިވްސް ހުށަހެޅުއްވި ހުށަހެޅުމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ތާއީދު ކުރައްވައިފިއެވެ.
ތަފާތު ލިޔުންތަކާއި، ޅެންތަކާއި، ވާހަކަތަކާއި، އަދި ފޮތްލިޔުންފަދަ ބޮޑެތި އުފެއްދުންތެރި ކަންކަން ފަސޭހަކަމާއެކު ކޮށްލެވޭ ޖެނެރޭޓިވް އޭއައި ޓެކްނޮލޮޖީ އަކީ މީގެ ހަ މަސް ކުރިން ޗެޓްޖީޕީޓީ ތައާރަފްކުރި ފަހުން އާންމުންގެ ހިތްގައިމުކަން ހޯދާފައިވާ ޓެކްނޮލޮޖީއެކެވެ.
އަނެއްކޮޅުން ދޮގު ފޮޓޯއާއި އެހެނިހެން ދޮގު މައުލޫމާތު އުފެއްދުމުގެ ގާބިލުކަން އޭއައި އަށް ލިބިފައިވުމުން ޢާއްމުންގެ މެދުގައި އުފެދިފައިވާ ނުތަނަވަސް ކަމާ މެދުވެސް ގިނަބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
"އާޓިފިޝަލް އިންޓެލިޖެންސްގެ އެންމެ ފަހުގެ ވައްތަރު، ޖެނެރޭޓިވް އޭއައިގެ ސަބަބުން މިއަޑުތައް ދަނީ ގަދަވަމުން. އަދި އެ ތަކެތި ޑިޒައިން ކުރި ޑިވެލޮޕަރުންގެ ފަރާތުންވެސް މީގެ ހުރި ނުރައްކާތެރި ކަމުގެ ވާހަކަ ދަނީ ދައްކަމުން،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވިދާޅުވިއެވެ.
އެހެންކަމުން އޭއައި ހިންގުމުގެ އިންތިޒާމުތައް ގަވާއިދުން މުރާޖައާކޮށް، އިންސާނީ ހައްގުތަކާއި ގާނޫނުގެ ވެރިކަމާއި އާންމު ފައިދާއާ އެއްގޮތްވާ ގޮތުގެ ރިކޮމެންޑޭޝަންތައް ހުށަހަޅަން މަތީ ފަންތީގެ އޭއައި އެޑްވައިޒަރީ ބޮޑީއެއްގައި މި އަހަރު ނިމުމުގެ ކުރިން މަސައްކަތް ފަށަން ނިންމާފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ގުޓެރޭޒް ވިދާޅުވީ މިފަދަ މޮޑެލްއަކީ ވަރަށް ޝައުގުވެރި މޮޑެލްއަކަށް ވެދާނެ ކަމަށާއި ނަމަވެސް "އެ މޮޑެލް އުފެއްދޭނީ ހަމައެކަނި މެމްބަރު ގައުމުތަކަށް ކަމަށާއި އދ.ގެ ސެކްރެޓޭރިއަޓް ނޫން" ކަމަށެވެ.
ވިއެނާގެ އައިއޭއީއޭ އަކީ 1957 ވަނަ އަހަރު އުފައްދައި، ނިއުކްލިއާ ޓެކްނޮލޮޖީގެ ރައްކާތެރި، އަދި ސުލްހަވެރި ކަމާއެކު ބޭނުންކުރުމަށް ބާރުއަޅާ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާގެ މެމްބަރު ގައުމުތަކުގެ އަދަދަކީ 176 އެވެ.
ގުޓެރޭޒް މިފަދަ މޭރުމަކުން ވާހަކަފުޅު ދެއްކެވި ނަމަވެސް ޗެޓްޖީޕީޓީގެ އުފެއްދުންތެރިޔާ އޯޕަންއޭއައި އިން މިދިޔަ މަހު ބުނެފައި ވަނީ އައިއޭއީއޭ ފަދަ ޖަމިއްޔާއަކުން ޑިޕްލޮއިމަންޓާއި ރައްކާތެރިކަމުގެ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރުމާއި ކޮމްޕިއުޓިން ޕަވާ ޓްރެކް ކުރުން ފަދަ ކަންކަމަށް ހުރަސް އެޅިދާނެ ކަމަށެވެ.
އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ރިޝީ ސުނަކް ވެސް ވަނީ މި ވިސްނުމަށް ތާއީދު ކުރައްވައި، އިނގިރޭސިވިލާތަކީ ދުނިޔޭގެ އޭއައި ސޭފްޓީ ރެގިއުލޭޝަން އޮންނަ ގައުމަކަށް ވާން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ. އިނގިރޭސިވިލާތުން މިއަހަރުގެ ފަހުކޮޅު ސަމިޓެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށާއި، އެ ސަމިޓްގެ ބޭނުމަކީ އޭއައިގެ ނުރައްކާތަކުން އަރައިގަތުމަށް ބައިނަލްއަޤްވާމީ ގޮތުން ގުޅިގެން ކުރެވިދާނެ ކަންކަމާ ބެހޭގޮތުން މަޝްވަރާ ކުރުން ކަމަށް ސުނަކު ވިދާޅުވިއެވެ.
ގުޓެރޭޒް ވިދާޅުވީ އިނގިރޭސިވިލާތުގައި ސަމިޓެއް ބޭއްވުމަށް ރާވާފައިވާ ޕްލޭނަށް ތާއީދު ކުރައްވާ ކަމަށާއި ނަމަވެސް އޭގެ ކުރިން ސީރިއަސް މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އޭއައިގެ ތަޖުރިބާކާރުންނާއި އދ.ގެ އެޖެންސީތަކުގެ ޗީފް ސައިންޓިސްޓުން ހިމެނޭ ސައިންޓިފިކް އެޑްވައިޒަރީ ބޯޑެއް އައްޔަން ކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.