އަންހެނުން ކެޓްރީނާ ކައިފް ދެކެ ބިރު ގަންނަކަމަށް ވިކީ ކޯޝަލް އެއްބަސްވެއްޖެ

އަންހެނުން އަދި ބަތަލާ ކެޓްރީނާ ކައިފަކީ ނެށުމުގެ ދާއިރާގައި ވަރަށް ކުޅަދާނާ މީހެއްކަމަށާއި އަމިއްލަ ފިލްމުތަކުގެ ލަވަތަކުގެ ރިހާސަލް އަންހެނުންނާ ހިއްސާކުރާއިރު ވަރަށް ބިރުގަންނަކަމަށް ވިކީ ކޯޝަލް އެއްބަސްވެއްޖެއެވެ.

ވިކީ ކުޅޭ ފިލްމެއްގައި ބޮޑު ނެށުންތައް ހުންނަ ލަވައެއް ހިމެނޭނެނަމަ ކެޓްރިނާ އެލަވަތަކުގެ ރިހާސަލް ވީޑިއޯއެއް އަބަދުވެސް ބަލާލަން އެދޭކަމަށް ވިކީވަނީ ބުނެފައެވެ. އަދި އެވީޑިއޯ ދެއްކުމުގެކުރިންވެސް އެއިން ރަނގަޅުކުރަންޖެހޭ ކަންތައްތައް އަންހެނުންނަށް ފާހަގަކުރެވޭނެކަން ހިތަށް އަރާފައި އެކަމާ ވަރަށް ހާސްވާކަމަށް ވިކީވަނީ ބުނެފައެވެ.

ކެޓްރީނާ ކައިފްއަކީ ބޮލީވުޑްގެ ގިނަ ފިލްމުތަކުގައި ކުޅެފައިވާ ލަވަތަކުން، ވަރަށް ރީތި ނެށުންތަކާއެކު އެލަވަތަކުން އެކަނިވެސް ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ބަތަލާއެކެވެ.

ދާދި ފަހުން ޒަވާޖީ ޙަޔާތެއްފެށި ވިކީއާއި ކެޓްރީނާއަކީ، ވަރަށް ގިނަ ބައެއްގެ މެދުގައި މަގުބޫލު ދެމަފިރިންނެވެ.

ވިކީ އިންޑިއާގެ މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ބުނީ ދެ ތަރިންނަށް އާ ފިލްމެއް ލިބުނަސް ފިލްމަކަށް ސޮއިކުރުމުގެކުރިންވެސް އަދި ސޮއިކުރުމަށްފަހު އެފިލްމެއްގެ ސްރިޕްޓް ދެ މީހުން އެކީގައި ކިޔާކަމަށެވެ. އަދި ފިލްމު ޕްރޮޖެކްޓްތަކާ ބެހޭގޮތުން ވަރަށް ގިނައިން މަޝްވަރާކުރާކަމަށް ވިކީވަނީ ބުނެފައެވެ.

ވިކީގެ ފިލްމީ ކެރިއަރުގެ އިތުރުން އަމިއްލަ ދިރިއުޅުމަށްވެސް ކައިވެންޏަށްފަހު ގިނަ ބަދަލުތަކެއް އައިސްފައިވާކަމަށް ބުނަމުން ވިކީވަނީ އަންހެނުން އަދި ބަތަލާ ކެޓްރީނާ ކައިފްއަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ.

ދިގު މުއްދަތަކަށް ލޯބީގެގޮތުން ގުޅިގެން އުޅުމަށްފަހު ދެ ތަރިން ކައިވެނިކޮށްފައިވަނީ 2021ވަނަ އަހަރުގެ ޑިސެމްބަރު މަހުތެރޭއެވެ. ވިކީ އެންމެ ފަހުން ފެނުނީ ފިލްމު "ޒަރަ ހަޓްކޭ ޒަރަ ބަޗްކޭ"އިންނެވެ.

ވިކީ ސޮއިކޮށްފައިވާ ފިލްމުތަކުގެތެރޭގައި، މެގްނާ ގުލްޒާރުގެ "ސާމް ބަހާދުރު" އަދި "ދުންކީ" ހިމެނެއެވެ. ބަތަލާ ކެޓްރިނާ ކައިފް އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ ފިލްމު "ޓައިގާ3"އިންނެވެ. އެއަށްފަހު ފިލްމު "މެރީ ކްރިސްމަސް"އިން އޭނާ ބެލުންތެރިންނަށް ފެންނާނެއެވެ.

comment ކޮމެންޓް