ޝާހިދު ކަޕޫރުގެ 'ކޮއި ޝަގް'އަކީ މަޅަޔާލަމް ފިލްމެއްގެ ނަކަލެއް ނޫން

މަޅަޔާލަމް ޑައިރެކްޓަރު ރޮސްޝަން އެންޑްރޫގެ ފިލްމަކަށް އެކްޓަރު ޝާހިދު ކަޕޫރު ސޮއިކުރުމާ ގުޅިގެން މިއީ މަޅަޔާލަމް ފިލްމެއްގެ ކޮޕީއެއްކަމަށް ގިނަބަޔަކު ބުނަމުން ދަނިކޮށް އެ ވާހަކަތައް ދޮގުކޮށްފިއެވެ.

މިފިލްމަކީ، މަޅަޔާލަމް ފިލްމު "މުމްބާއި ޕޮލިސް"ގެ ރިމޭކްއެއްކަމަށް މީގެކުރިން ގިނަބަޔަކުވަނީ ބުނެފައެވެ. ފިލްމު "މުމްބާއި ޕޮލިސް"އަކީ މަޅަޔާލަމް އެކްޓަރު ޕްރިތްވީރާޖް ސުކުމަރަން ލީޑް ރޯލްއިން ފެނުނު ފިލްމެކެވެ.

ޝާހިދު ކަޕޫރު ސޮއިކޮށްފައިވާ ފިލްމު "ކޮއި ޝަގް"އަކީ އަސްލު ސްކްރިޕްޓެއްގެ މައްޗަށް ތަރައްގީކޮށް ލިޔެފައިވާ ފިލްމެއް ކަމަށާއި މިފިލްމުގެ މަސައްކަތް ވަރަށް އަވަހަށް ފަށަން ނިންމާފައިވާކަމަށް ފިލްމީ ޚަބަރު ގެނެސްދޭ ބޮލީވުޑް ހަންގާމާއިންވަނީ ބުނެފައެވެ. ފިލްމުގައި ހިމަނާނެ ކާސްޓުންވެސް ނިންމާފައިވާއިރު ޝާހިދުގެ އިތުރުން ފިލްމުން ފެންނާނެ ތަރިންގެ މަޢުލޫމާތާއެކު ފިލްމު ބިނާކޮށްފައިވާ ސްޓޯރީވެސް ވަރަށް އަވަހަށް ޢާއްމުންނާ ހިއްސާކުރާނެކަމަށް ފިލްމާ ގުޅުންހުރި ފަރާތަކުންވަނީ މީޑިއާއަށް މަޢުލޫމާތު ދީފައެވެ.

ޕްރޮޑިއުސަރު ރޯއި ކަޕޫރުގެ ފިލްމު ކުންފުނި ރޯއި ކަޕޫރު ފިލްމްސްއާ ގުޅިގެން އުފައްދާ "ކޮއި ޝަގް"އިން ޝާހިދު ކަޕޫރާއެކު ފެންނާނީ ބަތަލާ ޕޫޖާ ހެޖްކަމަށް ރޮސްޝަން އެންޑްރޫއާ ޙަވާލާދީ ބޮލީވުޑް ހަންގާމާއިންވަނީ ބުނެފައެވެ.

ޝާހިދު ލީޑް ރޯލް ކުޅެފައިވާ ތްރިލާ ފިލްމު "ބްލަޑީ ޑެޑީ" ދާދިފަހުން ޖިއޯ ސިނަމާގައި ރިލީޒްވެފައިވާއިރު މިފިލްމަށް މިހާތަނަށް ބެލުންތެރިންގެ ތަރުހީބު ވަރަށްބޮޑަށްވަނީ ލިބިފައެވެ. "ކޮއި ޝަގް"އިތުރުންވެސް ޝާހިދުވަނީ ވަކި ނަމެއް ހަމަޖެހިފައިނުވާ ރޮމޭންޓިކް ކޮމެޑީއަކަށް ސޮއިކޮށްފައެވެ. މިފިލްމުވަނީ ޕޯސްޓު ޕްރޮޑަކްޝަން މަރުޙަލާގައެވެ.

comment ކޮމެންޓް