ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރާ ފޮނަގާދޫ ކުއްޔަށްދިނުމުގެ ފައިނޭންސް އެއްބަސްވުމުގައި ސޮއިކޮށްފި

އެފްއޭއެމް ހޯލްޑިންގްސްއިން "އަލް މަހަރާ މޯލްޑިވްސް" ނަމުގައި ތަރައްޤީ ކުރުމަށް ނިންމާފައިވާ ރިސޯޓުގެ ނަމޫނާއެއް--

ލަގްޒަރީ ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ލ. ފޮނަގާދޫ ކުއްޔަށްދިނުމުގެ ފައިނޭންސް އެގްރީމެންޓުގައި އެ ރަށް ތަރައްޤީކުރާ އެފްއޭއެމް ހޯލްޑިންގްސް ކުންފުންޏާއި ދިވެހި ސަރުކާރާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ދުބާއީއަށް ނިސްބަތްވާ އެފްއޭއެމް ހޯލްޑިންގްސް ކުންފުނިން ވަނީ، ހައްދުންމަތީ ފޮނަގާދޫގައި ލަގްޒަރީ ރިސޯޓެއް ތަރައްޤީކުރުމަށް 4.1 ބިލިއަން ރުފިޔާ (272 މިލިއަން ޑޮލަރު)ގެ ބޮޑު އިންވެސްޓްމެންޓެއް ކުރުމަށް ނިންމާފައެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު އެފްއޭއެމް ހޯލްޑިންގްސްގެ ޗެއާމަން ޑރ. ފައިސަލް ވަނީ ޓޫރިޒަމް މިނިސްޓަރު ޑރ. ޢަބްދުﷲ މައުސޫމާ ބައްދަލުކުރައްވާފައެވެ.

"އަލް މަހަރާ މޯލްޑިވްސް" ނަމުގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ މި މަޝްރޫޢު އެފްއޭއެމް ހޯލްޑިންގްސްއިން އިއުލާނުކޮށްފައިވަނީ މިދިޔަ މަހުއެވެ. މިއީ އެ ކުންފުނިން ދުބާއީން ބޭރުގައި ކުރާ މިފަދަ ފުރަތަމަ އިންވެސްޓްމަންޓެވެ.

ލ.ފޮނަގާދޫ ކުއްޔަށްދިނުމުގެ ފައިނޭންސް އެގްރީމެންޓުގައި ސޮއިކުރުމަށްފަހު އެފްއޭއެމްގެ ޗެއާމަން ޑރ ފައިސަލް އަދި ޓޫރިޒަމް މިނިސްޓަރ ޢަބްދުﷲ މައުސޫމް---

މި އިންވެސްޓްމެންޓް އިއުލާން ކުރުމަށް ފަހު އެފްއޭއެމް ހޯލްޑިންގް ގްރޫޕް ކުންފުނީގެ ޗެއާމަން ޑރ. ފައިސަލް އަލީ މޫސާ ވިދާޅުވީ އަލް މަހްރާ މޯލްޑިވްސް ރިސޯޓް ޕްރޮޖެކްޓް މެދުވެރިކޮށް އެ ކުންފުނީގެ އަމާޒަކީ ޔޫއޭއީއިން ބޭރުގައި ފުރަތަމަ ފަހަރަށް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް ފުޅާކުރުން ކަމަށެވެ.

ރާއްޖެއަކީ އިގްތިސާދީ ގޮތުން ކުރިއަރަމުން އަންނަ ގައުމަކަށް ވެފައި، ދަތުރުފަތުރު ކުރުމާއި ފަތުރުވެރިކަމަށް ލޯބިކުރާ ގިނަ ބައެއްގެ މަންޒިލަކަށް ރާއްޖެ ވުމުން، އެ ކުންފުނީގެ އިންވެސްޓްމެންޓަށް ރާއްޖެއަކީ އެންމެ އެކަށޭނެ ގައުމުކަމަށް ގަބޫލުކުރާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މި ރިސޯޓަށް ބަލާއިރު، މިއީ 100،000 އަކަ މީޓަރުގެ ރަށެއްގައި ތަރައްގީ ކުރާ ރިސޯޓެކެވެ. އެ ރިސޯޓުގައި 150 ކޮޓަރި ހުންނައިރު، އޭގެ ތެރޭގައި 100 މޫދު ކޮޓަރި ހިމެނެއެވެ. އަދި, އެ ރިސޯޓުގައި 40 ބީޗު ވިލާ ހުންނައިރު، އޭގެ ތެރެއިން 10 ބީޗް ވިލާ ޚާއްޞަކޮށްފައިވަނީ ވިއައިޕީއަށެވެ.

މީގެ އިތުރުން، އެ ރިސޯޓުގައި ގާއިމް ކުރާ ކޮންމެ ކޮޓަރިއެއްގައި ޕޫލެއް ހުންނައިރު، އެ ރިސޯޓުގައި ތިން ރެސްޓޯރަންޓާއި، ޖިމެއް އަދި ސްޕާއެއް ވެސް ހުންނާނެއެވެ.

comment ކޮމެންޓް