'ދަ ކެރެލާ ސްޓޯރީ'ގެ ޓީމުން މި ފަހަރު ގެނެސްދެނީ ބައޮޕިކްއެއް

ބޮޑެތި ފާޑުކިޔުންތަކާ އެކު ގިނަ ބައެއްގެ ނުރުހުން އަމާޒުވި ފިލްމު "ދަ ކެރެލާ ސްޓޯރީ" ގެނެސްދިން ސުދިޕްތޯ ސެން އިތުރު ފިލްމެއް އުފައްދަން ތައްޔާރުވެއްޖެއެވެ.

ސުދިޕްތޯއާއި އޭނާގެ ކްރޫއިން މި ފަހަރު ކިޔަދޭން ތައްޔާރު ވަނީ އިންޑިއާގެ ވިޔަފާރި ގްރޫޕް ސަހާރާ އިންޑިއާ ޕަރީވާރުގެ ބާނީ ސުބްރަތާ ރޯއިގެ ބައޮޕިކްއެވެ. އިންޑިއާގެ މަޝްހޫރު އަދި ކާމިޔާބު ވިޔަފާރިވެރިޔާ ނުވަތަ ބިޒްނަސް ޓައިކޫން ސުބްރަތާ ރޯއިގެ ހަޔާޓުގެ ގިނަ ސޮފްޙާތައް ކިޔައިދޭ މި ފިލްމު އިއުލާނުކޮށްފައި ވަނީ، ސުބްރަތާ ރޯއިގެ 75 ވަނަ އުފަން ދުވަހާ ގުޅުވައިގެންނެވެ.

ސުދިޕްތޯ ސެން ފިލްމުގެ ޑައިރެކްޓް ކުރުމުގައި އިސްކޮށް ހުންނައިރު ސުދިޕްތޯއާ އެކު ޕްރޮޑިއުސަރު ސަންދީޕް ސިންގް އަދި ޑރ.ޖަޔަންތީލާލް ވެސް ވަނީ ފިލްމުގެ މަސައްކަތް ފެށުމުގައި ބައިވެރިވުމަށް ނިންމާފައެވެ.

ސުބްރަތާ ރޯއިގެ ހަޔާތުގެ ވާހަކައަކީ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ސިޑްނީ ޝެޑޮންގެ ވާހަކައެއް ކަމަށް ސުދިޕްތޯ ވަނީ ސިފަކޮށްފައެވެ. އެހާ ވެސް އިންޑިއާގައި އުފެދުނު ކާމިޔާބު ވިޔަފާރިވެރިޔާގެ ހަޔާތުގެ ވާހަކަ ޝައުޤުވެރިކަމަށް ޑައިރެކްޓަރު ސުދިޕްތޯ ވަނީ ބުނެފައެވެ.

ބައޮޕިކްއެއް ޑައިރެކްޓް ކުރުމަކީ ސުދިޕްތޯ ސެން އަބަދު ވެސް ކުރަން ބޭނުންވި ކަމެއް ކަމަށާއި ވިޔަފާރިވެރިޔާ ސުބްރަތާ ރޯއިއަކީ ފިލްމަށް އެންމެ އެކަށީގެންވާ ޝަހްސިއްޔަތު ކަމަށް ޑައިރެކްޓަރު ވަނީ ބުނެފައެވެ.

މި ބައޮޕިކްގައި ވިޔަފާރިވެރިޔާ ސުބްރަތާ ވިޔަފާރިގެ ތެރެއަށް ވަދެވުނު ގޮތާ އެކު އިންޑިއާގެ އެންމެ ނުފޫޒު ގަދަ ވިޔަފާރިވެރިންގެ ލިސްޓުން ޖާގަ ހޯދިގޮތް ބެލުންތެރިންނަށް ކިޔައިދޭނެއެވެ. ސުބްރަތާ ރޯއިގެ ވިޔަފާރި ސަހާރާ އިންޑިއާ ގްރޫޕަކީ ޓައިމް މެގަޒިންއިން އިންޑިއާގެ ދެވަނައަށް އެންމެ ބޮޑު ވިޔަފާރިވެރިޔާގެ ލަގަބު ވެސް ހޯދާފައިވާ ކުންފުންޏެކެވެ. ސަހާރާ އިންޑިއާގެ ކުޑައިގެ ދަށުގައި މަސައްކަތް ކުރާ ޖުމްލަ މުވައްޒަފުންގެ ޢަދަދު 1.2 މިލިއަނަށް އަރާއިރު މި ގްރޫޕުން އިންސާނިއްޔަތަށް އެހީތެރިވުމުގެ ގޮތުން ވެސް ގިނަ މަސައްކަތްތަކެއް ކުރެއެވެ.

މި ފިލްމުގައި ސުބްރަތާގެ ރޯއިގެ ރޯލުން ފެންނާނީ ކޮން އެކްޓަރެއް ކަމެއް ނޭނގޭއިރު ހަމަ ގައިމު ވެސް މި ރޯލުން ފެންނާނީ ހިންދީ ސިނަމާގެ ސުޕަ ސްޓާރުންގެ ތެރެއިން ކޮންމެ ވެސް އެކަކު ކަމަށް ޑައިރެކްޓަރު ސުދިޕްތޯ ވަނީ ބުނެފައެވެ. މި ބައޮޕިކްގެ މަސައްކަތް ކުރިއަށް އޮތް އަހަރު ފެށުމަށް ނިންމާފައިވާއިރު މި ފިލްމަށް މިއުޒިކް ތައްޔާރު ކޮށްދޭނީ ކުޅަދާނަ މިއުޒީޝަން އޭއާރް ރަހްމާން އަދި ލިރިކްސް ތައްޔާރުކޮށްދޭނީ ގުލްޒާރުއެވެ.

comment ކޮމެންޓް