ބަތަލާ ކާޖޮލް ސޯޝަލް މީޑީއާއާ ދުރަށްޖެހިލީ މިހެންވެ

ބޮލީވުޑްގެ ކާމިޔާބު ބަތަލާ ކާޖޮލް ސޯޝަލް މީޑިއާއާ ދުރަށް ޖެހިލަން ނިންމާފައިވާކަން އިއުލާނުކުރުމާއެކު ކާޖޮލްއަށް ސަޕޯޓުކުރާ ގިނަބަޔަކަށް ހައިރާންކަން ލިބުނެވެ. ކާޖޮލްގެ އަމިއްލަ އިންސްޓަގްރާމް މެދުވެރިކޮށް ކުރި ޕޯސްޓެއްގައި މި ޚަބަރު އިޢުލާނުކުރަމުން ކާޖޮލް ބުނެފައިވަނީ ޙަޔާތުގައި މިވަގުތު ކުރިމަތިވެފައިވާ ދުވަސްތަކަކީ ދިރިއުޅުމުގައި ތަޙައްމަލުކުރަން އެންމެ ދަތި އުނދަގޫ ހަރުފަތް ކަމުގައެވެ.

ކާޖޮލްގެ މި ޕޯސްޓާއެކު ގިނަ ބަޔަކު ނިންމީ ބަތަލާއަށް ކޮންމެވެސް ބައްޔެއް ޖެހިފައިވާކަމަށާއި އެކަމަށް ފަރުވާ ހޯދުމަށް ސޯޝަލް މީޑީއާ ޕްލެޓްފޯމްތަކުން ބްރޭކެއް ނެގީކަމަށެވެ. އަދި ހުރިހާ ކަމަކުން ބްރޭކެއް ނެގުމަށްފަހު އަމިއްލަ ނަފުސަށް ވަގުތު ހޯދުމަކީ މުހިއްމުކަމެއްކަމަށް ބުނެ ބައެއް ސަޕޯޓަރުންވަނީ ކޮމެންޓުކޮށްފައެވެ. އެހެންނަމަވެސް ސަޕޯޓަރުން ސިއްސުވާލީ މި ޕޯސްޓަށްފަހު ކާޖޮލެގެ ކުރިޔަށްއޮތް ވެބް ސީރީސް "ދަ ޓްރައަލް"ގެ ޕޯސްޓަރާއެކުއެވެ.

ޑިޒްނީ ހޮޓްސްޓާއިން ޕްރިމިއާކުރަން ތާވަލުކުރެވިފައިވާ މި ސީރީސްއަކީ ކާޖޮލްގެ ހަޔާތުގައި ހިނގާ ހަމައެކަނި ޓްރައަލްކަމަށް ބަތަލާވަނީ ބުނެފައެވެ. ބެލުންތެރިން ސިއްސުވާލުމަށްކުރި ޕޯސްޓާ ގުޅުވައިގެން ކާޖޮލް ބުނެފައިވަނީ، ދިރިއުޅުމުގައި ކިތަންމެ އުނދަގޫ ޙަލާތެއް ދިމާވިޔަސް އެކަމަކާ ކުރިމަތިލުމަށް އެނބުރި އަންނަންވާނީ ވަރަށް ފުރިހަމައަށް ތައްޔާރުވެގެންކަމަށެވެ. ކާޖޮލްގެ ކެރިއަރުގެ އަލަތު ވެބް ސީރީސް "ދަ ޓްރައަލް"އަކީ، ކޯޓް ރޫމް ޑްރާމާއެކެވެ.

މިވެބް ސީރީސްއިން ކާޖޮލް ފެންނާނީ ކަންކަމާ ކެރިގެން ކުރިމަތިލާ ވަރަށް މޮޅު ވަކީލެއްގެ ރޯލްއިންނެވެ. މިއީ އެމެރިކަން ޓެލެޑްރާމާ ސިލްސިލާ "ދަ ގުޑް ވައިފް"ގެ ރިމޭކްއެކެވެ. މި ވެބް ސީރީސް ޕްރޮމޯޓުކުރުމުގެގޮތުން ކާޖޮލްކުރި ޕޯސްޓާއެކު ބައެއް ފަރާތްތަކުގެ ނުރުހުންވެސްވަނީ ބަތަލާއަށް ރައްދުވެފައެވެ.

ކާޖޮލް ހެޔޮ ހާލުގައި ހުރުމުން އުފާކުރާކަމަށާއި މިފަދަ ޙަބަރެއް އަސްލު ފެނުނަސް ދެން ގަބޫލުކުރަން ދަތިވާނެކަމަށް ބައެއް ފަރާތްތަކުންވަނީ ބުނެފައެވެ. މިވެބް ސީރީސް ރިލީޒްކުރާނެ ވަކި ތާރީޚެއް އަދި އިއުލާނު ނުކުރެއެވެ. ކާޖޮލް އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ ދާދިފަހުން ރިލީޒްވި ފިލްމު "ސަލާމް ވެންކީ"އިންނެވެ.

comment ކޮމެންޓް