ތައުބާ ލަސްކުރުމަކީ ޝައިތާނާގެ ވަސްވާހުގެ ތެރޭގައި ހިމެނޭ ކަމެއް: ޚުތުބާ

އޮކްޓޫބަރ 2، 2020: ހުކުރު މިސްކިތުގައި ކުރެވުނު ހުކުރު ނަމާދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުށެއް ކުރެވުމުން ތައުބާވުން ލަސްކުރުމަކީ ޝައިޠާނާގެ ވަސްވާހުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ތައުބާގެ އަހަންމިއްޔަތާއި އޭގެ ދައުރުގެ މައްޗަށް އަލިއަޅުވާލާ މިއަދުގެ ހުކުރު ޚުތުބާގައި ބުނީ، ކުށެއް ކުރެވުމުން ބައެއް ފަހަރު ޝައިޠާނާ، އިންސާނާ މާޔޫސްކޮށްލާ ކަމަށެވެ. ނަމަވެސް އަހަރެމެން އިންސާނުން މާތްﷲގެ ރަހުމަތުން އުންމީދު ކަނޑާލައިގެން ނުވާނެކަމަށް މިއަދުގެ ޚުތުބާގައި ހަނދާން އާކޮށްދިނެވެ.

އެގޮތުން އިންސާނުންގެ މައްޗަށް އޮތީ ފާފައެއް ކުރެވުމުން ﷲގެ މަގަށް ރުޖޫއަވެ ތައުބާވުންކަމަށް ޚުތުބާގައި ބުންޏެވެ. އަދި ތެދުވެރި މުއުމިނަކީ ކުށްތަކުގެ މަތީގައި ދެމި ތިބޭނެ ބައެއް ނޫންކަމަށް ވެސް ޚުތުބާގައި ބުންޏެވެ.

ތައުބާވުން ވާޖިބު ވެގެންވާ ކަންކަން ހަނދާން އާކޮށްދީ ޚުތުބާގައި ބުނީ، ތައުބާ ވާންޖެހޭ ފުރަތަމަ ސަބަބަކީ ﷲގެ އުގޫބާތުން ރައްކާތެރިވުމަށްޓަކައި ކަމަށެވެ. ދެވަނަ ސަބަބަކީ، އިންސާނާގެ އަމަލުތަކަކީ ﷲ ޤަބޫލުކުރައްވާ އަމަލުތަކަކަށް ހެދުމަށްޓަކައި ކަމަށާއި ތިން ވަނަ ސަބަބަކީ ޞާލިޙު އަމަލުތައް ކުރުމުގައި ހެޔޮ ތައުފީގު ލިބިގެންވާ މީހަކަށް ވުމަށް ޓަކައި ތައުބާވުން ކަމަށް ޚުތުބާގައި ބުންޏެވެ.

ތައުބާވާ މީހާ އޭނާގެ ހިތުގެ އަޑިން ﷲގެ ފުއްސެވުމަށް އެދެންޖެހޭނެ ކަމަށް ޚުތުބާގައި ބުންޏެވެ. އަދި އޭނާގެ ހިތުގެ އެދުން ދުލުން ފާޅުވާނެ ޖެހޭނެކަމަށް ވެސް ބުންޏެވެ.

"ހަމަ އެފަދައިން ތައުބާވާ މީހާ އޭނާއަށް ކުރެވުނު ކުށްތަކާމެދު ދެރަވެ ހިތާމަކުރަން ޖެހޭނެއެވެ. އެ ފާފަތަކަށް އެނބުރި ނުދިއުމަށް އޭނާގެ ހިތުގައި އަޒުމް ކަނޑައަޅަން ވާނެއެވެ،" ޚުތުބާގައި ބުންޏެވެ.

މާތްﷲ އަޅުތަކުންނަށް ތައުބާގެ ދޮރު ހުޅުއްވައި ދެއްވާކަން ބަޔާންކޮށް ޚުތުބާގައި ބުނީ، ދުވާލުގެ ވަގުތުތަކުގައި ފާފަތަކަށް އަރައިގަންނަ މީހުންނަށް ރޭގަނޑުގެ ވަގުތުތަކުގައި ތައުބާގެ ދޮރު ހުޅުއްވައިދެއްވާކަމަށެވެ. އަދި ރޭގަނޑުގެ ވަގުތުތަކުގައި ކުށްފާފަތަކަށް އަރައިގަންނަ މީހުންނަށް ދުވާލުގެ ވަގުތު ތައުބާގެ ދޮރު ހުޅުއްވައި ދެއްވާކަމަށެވެ.

ފާފަ ފުއްސެވުމާ ގުޅިގެން މާތްﷲ ވަހީކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ، "އޭ ތިމަންރަސްކަލާންގެ އަޅުތަކުންނޭ! ހަމަ ކަށަވަރުން ތިޔަބައިމީހުން ރެއާ ދުވާލު ކުށްފާފަތަކަށް އަރައި ގަންނަމުއެވެ. އަދި ތިމަންރަސްކަލާންގެ ހުރިހާ ފާފައެއް ފުއްސަވަމުއެވެ. ފަހެ ތިޔަބައިމީހުން ތިމަންރަސްކަލާންގެ ހަޒްރަތުން ފާފަފުއްސަވައިދެއްވުމަށް އެދޭށެވެ. އޭރުން ތިމަން ރަސްކަލާނގެ ތިޔަބައި މީހުންގެ ފާފަތައް ފުއްސަވައި ދެއްވާހުށީމެވެ،"

comment ކޮމެންޓް