އިޖުތިމާއީ މައްސަލަތަކަށް ހައްލު އޮތީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން: ރައީސް

ސިވިލް ސޮސައިޓީ އެވޯޑްސް ހަފްލާގައި ރައީސް ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ރައީސް އޮފީސް

ދިވެހީންގެ މުޖުތަމައުގައި ހުރި އިޖުތިމާއީ މައްސަލަތަކަށް ހައްލު ގެނެވޭނީ ލާމަރުކަޒީ އުސޫލުން، ކޮންމެ ރަށެއްގައި ހުރި މައްސަލަތަކަށް ބޭނުންވާ ހައްލު ހޯދުމަށް މަދަނީ ޖަމިއްޔާތަކުގެ މަސައްކަތް ބައްޓަން ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިފަދައިން ވިދާޅުވީ، މަދަނީ ޖަމިއްޔާތަކުން ކުރާ މަސައްކަތްތައް ފާހަގަކޮށް ސަރުކާރުން މުޅިން އަލަށް ދޭން ފެށި ސިވިލް ސޮސައިޓީ އެވޯޑްސް ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި އެ މަނިކުފާނު ވަނީ މުޖުތަމައުގައި މިވަގުތު ހައްލު ހޯދަން ޖެހިފައި ހުރި ގިނަ މައްސަލަތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، މަސްތުވާތަކެތީގެ މައްސަލަތަކާއި، ގޭންގު ކުށްތަކާއި ތޫނު ހަތިޔާރު ބޭނުންކޮށްގެން ހިންގާ ކުށްތަކާއި، އާއިލީ މައްސަލަތަކާއި އަންހެނުންނާއި ކުޑަކުދިންނަށް ގޯނާ ކުރުމުގެ މައްސަލަތަކުގެ އިތުރުން، ތިމާވެށީގެ މައްސަލަތައް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، އެފަދަ ކުށްތަކަކަކީ ކަމައެކަނި ހަރުކަށި އަދަބު ދީގެން ހުއްޓުވޭނެ ކުށްތަކެއް ނޫން ކަމަށާއި، އެކަމަށް އޮތް އެންމެ މުޖައްރިބު ފަރުވާއަކީ އެފަދަ މައްސަލަތައް އުފެދުމަށް މެދުވެރިވާ ސަބަބުތަކުން މީހުން ދުރުކުރުމަށް މުޖުތަމައުގެ ތެރެއިން މަސައްކަތް ކުރުން ކަމަށެވެ.

ސިވިލް ސޮސައިޓީ އެވޯޑްސް ހަފްލާ / ފޮޓޯ: ރައީސް އޮފީސް

އަދި، އެކަމަށްޓަކައި މަދަނީ ޖަމިއްޔާތަކުގެ ދައުރު ފުޅާ ކުރުމުގެ މުހިންމުކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ކޮވިޑް 19ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކުން މިސާލު ނަންގަވައި ރައީސް ވިދާޅުވީ، އިޖުތިމާއީ މައްސަލަތަކަށް ހައްލު ހޯދަން ލިބޭނެ އެންމެ ބޮޑު ބާރަކީ ރާއްޖޭގެ ޖަޒީރާވަންތަކަން ކަމަށެވެ.

މި ދެންނެވި އިޖްތިމާއީ މައްސަލަތައް ހައްލުކުރުމުގައި ވެސް އަޅުގަނޑުމެންނަށް އެ މަގުން ހިނގިއްޖިއްޔާ ނަތީޖާ ހާސިލުކުރުން ފަސޭހަވާނެ. އަދި މިކަމުގައި ރަށްރަށުގެ މަދަނީ ޖަމްއިއްޔާތަކުން އިސް ނެގުމުން ނަތީޖާ ނެރުން އަދި އެއަށްވުރެ މާ ފަސޭހަވާނެ. އެ ރަށެއްގައި ހުރި އިޖްތިމާއީ މައްސަލަތަކާ ދެކޮޅަށް، އެ ރަށެއްގެ ޖަމްއިއްޔާތައް ތެދުވުމަކީ މިހާރުން މިހާރަށް ވެސް ވަރަށް ބޭނުންތެރި ކަމެއް. އިޖްތިމާއީ ދާއިރާތަކުން ޚިދުމަތް ދޭ ޖަމްއިއްޔާތައް މިހާރުވެސް އަޅުގަނޑުމެންގެ ތެރޭގައި އެބަހުރި. އެކި ދާއިރާތަކުން ޚިދުމަތްދޭ މިފަދަ ކިތަންމެ ޖަމްއިއްޔާއެއް މާލެއާއި އެކި ރަށްރަށުގައި އެބަހުރި. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަސު ޞާލިޙް

މީގެއިތުރުން، ރައީސް ވިދާޅުވީ، އެ ރަށެއްގައި ހުރި އިޖްތިމާއީ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރުމަކީ ވެސް، އެ ރަށެއްގެ މަދަނީ ޖަމިއްޔާތަކުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނުން މުހިންމު ކަމެއް ކަމަށެވެ. އަދި، ދިވެހި ރައްޔިތުން އުޅެން ބޭނުންވާ އުފާވެރި ދިރިއުޅުން، ދެކެން ބޭނުންވާ ސުލްހަވެރި ވެށި، އަދި ފާޅުކުރަން ބޭނުންވާ ހިނިތުންވުން، މި ހުރިހާ ކަމެއްވެސް ގުޅިފައި ވަނީ އިޖުތިމާއީ މައްސަލަތަކާ ކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ރާއްޖެއަށް ސަރުކާރުން ގެންނަ އިގްތިސާދީ ތަރައްގީއާއި، ސިއްހީ ދާއިރާގެ ހެޔޮ ބަދަލުތަކާއި، ތައުލީމީ ގޮތުން ގެންނަ ކުރިއެރުންތަކުގެ ހަގީގީ އުފާވެރިކަން ހާސިލް ވާނީ އިޖުތިމާއީ މައްސަލަތަކަށް ހައްލު ލިބިގެން ކަމަށެވެ. އަދި ސިވިލް ސޮސައިޓީގެ އެވޯޑެއް ތައާރަފުކޮށް، މަދަނީ ޖަމްއިއްޔާތަކަށް މުޅިން އައު ދިރުމެއް ލިބޭ މި ދަނޑިވަޅަކީ އިޖުތިމާއީ މައްސަލަތައް ހައްލުކުރުމުގައި މަދަނީ ޖަމިއްޔާތަކުގެ ދައުރު ފުޅާކުރުމަށް ވަރަށް މުހިންމު މުނާސަބަތެއް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ސިވިލް ސޮސައިޓީ އެވޯޑްސް ހަފްލާ / ފޮޓޯ: ރައީސް އޮފީސް

މިރޭ ބޭއްވި ހަފުލާގައި ސިވިލް ސޮސައިޓީ އެވޯޑް ލިބުނު ފަރާތްތަކަށް އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ. މި ހަފުލާގައި "މީސް ޕޯޓަލް" އިފުތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ. އަދި އެންޖީއޯ ގްރާންޓް ލިބުނު ފަރާތްތަކަށް ގްރާންޓް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދެވެ.

މީސް ޕޯޓަލްއަކީ ކުޅިވަރު ކްލަބްތަކާއި، މަދަނީ ޖަމްއިޔާތަކާއި، ގައުމީ ކުޅިވަރު އެސޯސިއޭޝަންތައް ރެޖިސްޓްރީ ކުރުމާއި، އެތަންތަން އިދާރީ ގޮތުން އަދި ގާނޫނީ ގޮތުން ހިންގުމުގައި ކުރަންޖެހޭ ކަންކަން ކުރުމަށް ޔޫތު މިނިސްޓްރީން އުފެއްދި ޕޯޓަލްއެކެވެ.

ރާއްޖޭގައި އަލަށް ތައާރަފުކުރި ސިވިލް ސޮސައިޓީ އެވޯޑުގެ މަގްސަދުތަކުގެ ތެރޭގައި، އިޖްތިމާއީ ގޮތުން މުޖުތަމައު ބާރުވެރިކުރުވުމަށް އަމިއްލައަށް އިސްނަގައިގެން މަދަނީ ޖަމިއްޔާތައް އަދާކުރާ ދައުރާމެދު ހޭލުންތެރިކަން އިތުރުކުރުމާއި އެކަންކަމުގެ އަގުވަޒަންކުރުމާއި ދަރުމަވެރި ޖަމިއްޔާތަކުގެ ތެރެއިން ނަމޫނާ ޚިދުމަތްތަކެއް ދޭ ޖަމިއްޔާތަކަށް ހިތްވަރު ދިނުމާއި އަގު ވަޒަންކުރުން ހިމެނެއެވެ.

comment ކޮމެންޓް