ރާއްޖެ އިޝްތިހާރު ކުރަން ޖަރުމަނުން ނޫސްވެރިން ގެނެސްފި

ރާއްޖެ އިޝްތިހާރު ކުރަން ޖަރުމަނުން ނޫސްވެރިންތަކެއް ވަނީ ގެނެސްފަ -- ފޮޓޯ/ އެމްއެމްޕީއާރުސީ

ރާއްޖެ އިޝްތިހާރު ކުރުމަށް ޓަކައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އިން ޖަރުމަނުގެ ނޫސްވެރިންތަކެއް ގެނެސްފިއެވެ.

އެމްއެމްޕީއާރުސީއިން ބުނީ ޖަރުމަންވިލާތުގެ މަޝްހޫރު ނޫސްވެރިންނާއި ބްލޮގަރުންތަކަކަށް ރާއްޖެ އަންނަން ދައުވަތު ދީފައި ވަނީ ރާއްޖެއިން ފަތުރުވެރިންނަށް ލިބެންހުރި ދުނިޔޭގެ ފެންވަރުގެ މެހެމާންދާރީ އާއި ދެމެހެއްޓެނިވި ޚިދުމަތްތައް ތަޖުރިބާކުރުމުގެ ފުރުސަތު ދިނުމަށް ކަމަށެވެ.

މިދިޔަ ހަފުތާގެ ހޯމަ ދުވަހު ރާއްޖެ އައި އެ ޓީމުގެ ދަތުރު ނިންމާލާފައި ވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ. އެ ޓީމުގެ މެންބަރުން ތިބީ ލެ މެރިޑިއަން މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ އަދި ޑަބްލިއު މޯލްޑިވްސްގައެވެ.

އެމްއެމްޕީއާރުސީއިން ބުނީ އެ ޓީމުގެ ފެމިލިއަރައިޒޭޝަން ދަތުރު ފެށީ ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލާސް ކޮންފަރެންސް 2023ގައި ބައިވެރިވުމަށްފަހު ކަމަށެވެ. އެ ކޮންފަރެންސް އޮތީ އަންގާރަ ދުވަހުން ހުކުރު ދުވަހާ ހަމައަށެވެ.

އެ ކޮންފަރެންސްއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން 70އަށް ވުރެ ގިނަ ކޮންޓެންޓް ކްރިއޭޓަރުންނާއި ޓްރެވަލް ލިޔުންތެރިންނާއި ނޫސްވެރިންނާއި ބްލޮގަރުންނާއި އިންފްލުއެންސަރުންނާއި މީޑިއާގެ ތަޖުރިބާކާރުން އެއްތަންވެ، ރާއްޖެއާ ބެހޭ ގޮތުން ތަފާތު ވާހަކަތައް އެއް ކުރުމަށް، ރާއްޖޭގައި މިހާތަނަށް ބޭއްވި މިފަދަ އެންމެ ބޮޑު ކޮންފަރެންސެވެ.

މި ކޮންފަރެންސް ނިމުމުން، މި ކޮންފަރެންސްގެ ބައިވެރިން ހޮވުމަށް ބޭއްވި ސޯޝަލް މީޑިއާ މުބާރާތުގެ ވަނަތައް ހޯދި ފަރާތްތަކަށް ރާއްޖޭގެ ރީތިކަމާއި ފަތުރުވެރިންނަށް ރާއްޖެއިން ލިބެން ހުރި ތަފާތު ތަޖުރިބާތަކާއި މެހެމާންދާރީ ތަޖުރިބާކޮށްލުމުގެ ފުރުސަތު ދިން ކަމަށް އެމްއެމްޕީއާރުސީއިން ބުންޏެވެ. އޭގެ ތެރޭގައި މަންޓާ އާއި ވޭލް ޝާކްއާއެކު ސްނޯކްލް ކުރުމުން ފެށިގެން ވޯޓާ ސްޕޯޓްސް، ކަލިނަރީ ޓުއާސް، އައިލެންޑް ހޮޕިން އަދި ސޭންޑްބެންކް ޕިކްނިކް ފަދަ ހަރަކާތްތައް ހިމެނުނު ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

ރާއްޖެ އައި ޓީމުގައި ހިމެނުނީ ހަތަރު ޕަބްލިކޭޝަނެއް ތަމްސީލުކުރާ ހަތަރު ނޫސްވެރިންނާއި، ޖަރުމަނު ބަހުން ވާހަކަ ދައްކާ މާކެޓްތަކުގެ (ޖަރުމަނުވިލާތް، ސްވިޒަލޭންޑް، އޮސްޓްރިއާ) އެއް ޕީއާރު ރެޕްރެޒެންޓޭޓިވްއެވެ.

އެ ފެމިލިއަރައިޒޭޝަން ދަތުރަކީ 'އެފޯޑެބަލް ލަގްޒަރީ'، ލޯކަލް ޓޫރިޒަމް, އަދި ދިވެހިރާއްޖޭގައި ކުރިއަށްދާ ދެމެހެއްޓެނިވި ހަރަކާތްތަކުގެ މައްޗަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ދަތުރެއް ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

އެ ދަތުރުގައި، ރާއްޖެއިން ލިބެން ހުރި ތަފާތު ޚިދުމަތްތަކާއި ޕްރޮޑަކްޓްތައް ތަޖުރިބާކޮށް، އެ ތަޖުރިބާތައް އޮންލައިން އާޓިކަލްތަކާއި ޕަބްލިކޭޝަންތަކާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ޒަރިއްޔާއިން ޖަރުމަނުވިލާތުގެ ކިއުންތެރިންނާއި ބެލުންތެރިންނާ ހިއްސާކުރާނެ ކަމަށާއި އޭގެ ސަބަބުން ރާއްޖޭގެ ބްރޭންޑާ މެދު މި މާކެޓުގައި އޮތް ހޭލުންތެރިކަން އިތުރުވެ، ރާއްޖެ އަކީ ދެމެހެެެއްޓެނިވި މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓް ކުރެވޭނެ ކަމަށް އެމްއެމްޕީއާރުސީއިން ބުންޏެވެ.

"މި ދަތުރުގައި ބައިވެރިވާ މީޑިއާ މެމްބަރުން ތައްޔާރުކުރާ އެކި ކޮންޓެންޓުގެ ޖުމްލަ އިމްޕްރެޝަންސް 2,568,000 އަށް ވުރެ ގިނަވާނެކަމަށް ބެލެވޭ،" އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.

އެ މީޑިއާ ދަތުރަކީ ޖަރުމަނު ބަހުން ވާހަކަ ދައްކާ މާކެޓްތަކަށް ކަނޑައަޅާފައިވާ، އެމްއެމްޕީއާރުސީގެ މާކެޓިން ސްޓްރެޓެޖީގެ ދަށުން ހިންގި ހަރަކާތެކެވެ. އެ ސްޓްރެޓަޖީ ބިނާކޮށްފައިވަނީ ރާއްޖޭގެ ތަފާތު ތަޖުރިބާތަކާއި ޚިދުމަތްތައް މއެ ސަރަހައްދުގެ ފަތުރުވެރިންގެ މެދުގައި މާކެޓްކުރުމަށެވެ.

ޖަރުމަނުވިލާތަކީ ރާއްޖެއަށް ހަތަރު ވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ މާކެޓެވެ. މިދިޔަ އަންގާރަ ދުވަހުގެ ނިޔަަލަށް އެގައުމުން ރާއްޖެއަށް 61,674 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މި އަހަރު ޖަރުމަނު މާކެޓުން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް، ކެމްޕޭންތަކާއި ޕްރޮމޯޝަންތައް ހިމެނޭ ބޮޑު ޕްލޭނެއް އެމްއެމްޕީއާރްސީ އިން ވަނީ އެކަށައަޅާފައެވެ.

comment ކޮމެންޓް