މާލެ ސިޓީ ކައުންސިލުން ގަތް ދެ ބަހަށް ދެ މިލިއަން ރުފިޔާ

ސިޓީ ކައުންސިލުން ގެނައި ބަސްތައް --- ފޮޓޯ/ ސިޓީ ކައުންސިލް

މި މަހުގެ އެއްވަނަ ދުވަހު ސިޓީ ކައުންސިލުން ފެށި ބަހުގެ ޚިދުމަތުގައި ބޭނުންކުރާ ބަސްތައް ގަތީ ގާތްގަޑަކަށް ދެ މިލިއަން ރުފިޔާއަށް ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

މި މަހުގެ އެއްވަނަ ދުވަހު ސިޓީ ކައުންސިލުން ބަހުގެ ޚިދުމަތް ފެށީ އެ ކައުންސިލްގެ މުވައްޒަފުން ހުޅުމާލެއިން އައުމަށް ދަތިވާތީ ކަމަށް އެ ކައުންސިލުން މީގެ ކުރިން ވަނީ ބުނެފައެވެ. މި ޚިދުމަތަށް ގަތް ދެ ބަހުގެ އަގާ މެދު ސުވާލުކުރުމުން ސިޓީ ކައުންސިލުގެ ސްޕޯކްސްޕާސަން އައިމިނަތު ޝިއުނާ ވިދާޅުވީ އެ ބަހަކީ ސިޓީ ކައުންސިލަށް ލިބޭ އާމްދަނީއިން ގަތް ބަސްތައް ކަމަށެވެ.

"ޢާމްދަނީ ހަމަޖައިފައިވަނީ ކައުންސިލުން ނަގާ ފީއާއި ކުއްޔާއި ޖޫރިމަނާ އާއި އެހެނިހެން ޗާޖުތަކުން،،" ޝިއުނާ ވިދާޅުވިއެވެ.

ސިޓީ ކައުންސިލުން ގެނައި ބަސްތައް --- ފޮޓޯ/ ސިޓީ ކައުންސިލް

މި ބަހުގެ ޚިދުމަތް ސިޓީ ކައުންސިލުން ފަށާފައިވާއިރު، މި ޚިދުމަތަކީ 24 ގަޑިއިރުގެ ޚިދުމަތެކެވެ. އެގޮތުން ހަމަޖެހިފައިވާ ތާވަލާ އެއްގޮތަށް 24 ގަޑިއިރު ދަތުރު ކުރާނެއެވެ. އަދި ޝެޑިއުލްގެ ބޭރުން އިތުރަށް ހަމަޖައްސާ ދަތުރުތަކަކީ ވެސް 24 ގަޑިއިރުގެ ޚިދުމަތެކެވެ. މާލޭ ސިޓީ ކައުންސިލުން ބުނީ، ކޮންމެ ގަޑިއެއްގައި ދަތުރަކަށް އެދުނު ކަމުގައި ވިޔަސް އެ ޚިދުމަތް ލިބޭނެ ކަމަށެވެ.

މި ޚިދުމަތަށް ކަނޑައަޅާފައިވާ އަގުތަކުގެ ތެރޭގައި ހިމެނެނީ:

- ސިޓީ ކައުންސިލް ނޫން އެހެން އިދާރާއެއްގެ މުވައްޒަފުން ބަހުގައި ގެންދަން ބޭނުންނަމަ ކޮޅަކަށް 150 ރުފިޔާ އަދި ދެކޮޅަށް 300 ރުފިޔާ.
- އެއް މަސްދުވަހަށް އެހެން އިދާރާއެއްގެ މުވައްޒަފުން ގެންދިޔުމަށް ނަމަ، އެއް މަސްދުވަހަށް 9،000 ރުފިޔާ
- ދަތުރަކަށް ވަކިން ބަސް ހިފުމަށް ނަމަ 300 ރުފިޔާ. އަދި އެއްގަޑިއިރަށް މަޑުކުރާ ނަމަ 100 ރުފިޔާގެ ފީއެއް.
- ރޭގަނޑު 12 ގެ ފަހުން ކުރާ ދަތުރުތަކަށް 600 ރުފިޔާ

މި އަގުތައް ހުރި ނަމަވެސް، އެއްވެސް އަގަކާ ނުލައި ބަހުން ދަތުރުކުރެވޭނެ ފަރާތްތައް ވެސް އެ ކައުންސިލުން ވަނީ އިއުލާންކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

1. އުމުރުން 65 އަހަރުން ފެށިގެން ދޮށީ އުމުރުގެ މީހުން
2. އެންސްޕާގައި ރަޖިސްޓްރީވެފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުން
3. އުމުރުން ހަ އަހަރުން ފެށިގެން ދަށުގެ ކުޑަކުދިން.

ސިޓީ ކައުންސިލުގެ މި ބަސްތަކުން ދަތުރުކުރެވޭނީ ބަސްކާޑު ބޭނުންކޮށްގެންނެވެ. މި ޚިދުމަތުގެ މަގުސަދަކީ މާލެ އާއި ހުޅުމާލޭގައި ދިރިއުޅޭ މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުންނާއި އެހެނިހެން އޮފީސްތަކުގެ މުވައްޒަފުން އުފުލުމުގެ ޚިދުމަތް އެންމެ ފުރިހަމަ ގޮތެއްގައި ދިނުން ކަމަށް އެ ކައުންސިލުން ބުންޏެވެ.

comment ކޮމެންޓް