ބޭބެ އަނިލް ކަޕޫރުގެ އެކްޓިންއާ އަޅާކިޔާތީ ކަންބޮޑެއް ނުވޭ: ސަންޖޭ ކަޕޫރު

ފިލްމު ކުޅެން ފެށިތާ ކައިރީ ގިނަ ބަޔަކު ބޭބެ އަނިލް ކަޕޫރުގެ އެކްޓިންއާ އަޅާކިޔާތީ އެކަމާ ކަންބޮޑުނުވާ ކަމަށް އެކްޓަރު ސަންޖޭ ކަޕޫރު ބުނެފިއެވެ.

މި މަހުގެ ނުވަވަނަ ދުވަހު ޖިއޯސިނަމާއިން ޕްރިމިއާކުރާ ފިލްމު "ބްލަޑީ ޑެޑީ"ގައި ވިލެންއެއްގެ ރޯލުން ފެންނަ އެކްޓަރު ބުނީ ފިލްމު ކުޅެން ވިސްނިއިރު ވެސް އަނިލް ކަޕޫރަކީ ވަރަށް މަޝްހޫރު އެހާމެ ކާމިޔާބު އެކްޓަރެއް ކަމަށެވެ. އެހެންވެ، އާއްމުން އަނިލްއާއި ސަންޖޭގެ އެކްޓިން އަޅާކިޔާނެކަން ވިސްނި އެ ކަމަށް ވަރަށް ބޮޑަށް ސިކުނޑި ތައްޔާރުކުރި ކަމަށް ސަންޖޭ ވަނީ ބުނެފައެވެ.

ފިލްމީ ދާއިރާގައި ދިގު މުއްދަތަކަށް މަސައްކަތް ކޮށްފައިވާ ސަންޖޭ ކަޕޫރު ފިލްމީ ދާއިރާއަށް ނުކުތީ 1995 ވަނަ އަހަރު ފިލްމު "ޕްރޭމް"އިންނެވެ.

ސަންޖޭގެ ފިލްމީ ކެރިއަރު ބޭބެ އަދި އެކްޓަރު އަނިލް ކަޕޫރުހާ ކާމިޔާބު ނުވި ނަމަވެސް ސަންޖޭގެ އެކްޓިންއަށް ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިފައެވެ.

ސަންޖޭ ފިލްމީ ދާއިރާއަށް ނުކުތްއިރު އަނިލް ކަޕޫރަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން އައި އެކްޓަރެކެވެ. އެހެންވެ, ސަންޖޭގެ ފުރަތަމަ ފިލްމުވެސް އަނިލް ކަޕޫރުގެ އެންމެ ފަހު ފިލްމާ އަޅާކިޔުންވީ އާއްމު ކަމެއް ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.

އޭގެ ސަބަބުން އަމިއްލަ ފިލްމީ ކެރިއަރު އިތުރަށް ކުރިއަރުވަން ހިތްވަރު ލިބުނު ކަމަށް ވެސް ސަންޖޭ ވަނީ ބުނެފައެވެ. ސަންޖޭ ކަޕޫރުގެ ޢާއިލާއަކީ ފިލްމީ ދާއިރާގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ފިލްމީ އާއިލާއެކެވެ. ބައްޕަ ސުރިންދަރު ކަޕޫރު އަދި ބޭބޭ ބޮނީ ކަޕޫރަކީ ކާމިޔާބު ގިނަ ފިލްމުތަކެއް އުފައްދާފައިވާ ފިލްމު ޕްރޮޑިއުސަރުންނެވެ.

ސަންޖޭއެކޭ އެއްގޮތަށް ދަރިފުޅު ޝަނާޔާ ކަޕޫރު ވެސް ވަނީ ފިލްމީ ދާއިރާއަށް ތަޢާރަފުވެފައެވެ. ޝާހިދު ކަޕޫރު ލީޑް ރޯލް ކުޅޭ ފިލްމު "ބްލަޑީ ޑެޑީ"ގައި ދެ ތަރިންގެ ވަރުގަދަ ކުރިމަތިލުންތަކެއް ބެލުންތެރިންނަށް ފެންނާނެއެވެ. ބައެއް ވެބް ސީރީސްތައް ވެސް ކުޅެފައިވާ ސަންޖޭ އެންމެ ފަހުން ފެނިފައިވަނީ މިދިޔަ އަހަރު ރިލީޒްވި ވެބް ސީރީސް "ދަ ފޭމް ގޭމް"އިންނެވެ.

comment ކޮމެންޓް