ބާރްތީ ސިންގްއާއި ހާޝް މަސްތުވާތަކެތީގެ މައްސަލައިން ސަލާމަތްވެއްޖެ

މީގެ ތިން އަހަރު ކުރިން އިންޑިއާގެ މަޝްހޫރު އަންހެން ކޮމީޑިއަން ބާރްތީ ސިންގްއާއި ފިރިމީހާ ހާޝް ލިމްބާޗިއާގެ މައްޗަށް ކުރެވުނު މަސްތުވާތަކެތީގެ މައްސަލައިން ދެ މީހުން ސަލާމަތްވެއްޖެއެވެ.

އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބޯޑުން ކޯޓުގައި ވަނީ ބާރްތީގެ ދެމަފިރިން ކަފާލާތުގެ ދަށުން ދޫކުރި ދޫކުރުން އުވާލުމަށް އެދިފައެވެ. ކޯޓުގެ ޕްރޮސެކިއުޓަރު ބުނެފައިވަނީ، ކަފާލާތުގެ ދަށުން ދޫކުރުމުން އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބޯޑުން އޭރު އެކަމާ ދެކޮޅަށް އެއްވެސް މައްސަލައެއް ހުށަހަޅާފައިނުވާ ކަމަށެވެ.

މި މައްސަލައިގައި ނާކޮޓިކްސް ކޮންޓްރޯލް ބޯޑުން ވަނީ މައްސަލަ ނިންމި ކޯޓުގެ ފަނޑިޔާރުންގެ ޕެނަލްއަށް ވެސް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

ބާރްތީއާއި ފިރިމީހާ ހާޝް 2020 ވަނަ އަހަރުގެ ތެރޭ ހައްޔަރު ކުރެވުނީ ދެ މީހުން ދިރިއުޅޭ އެޕާޓްމަންޓުން މަސްތުވާތަކެތީގެ ވައްތަރެއް ކަމަށްވާ ކެނަބިސްގެ 86.5 ގްރާމް ފެނުމާ ގުޅިގެންނެވެ. މި މައްސަލަ ފެންމަތިވީ ފިލްމީ ތަރި ސުޝާންތު ސިންގް ރާޖްޕުތު ދަންޖެހިގެން މަރުވި ހާދިސާގެ ފަހުން ފިލްމު އިންޑަސްޓްރީން ފެންމަތިވި ޑްރަގްގެ މައްސަލަތަކާ ވެސް އެކުގައެވެ.

ބާރްތީއާއި ހާޝްގެ އެޕާޓްމަންޓުން ކެނަބިސް ފެނުނު މައްސަލައިގައި ނާކޮޓިކްސް ކޮންޓްރޯލް ބޯޑުން ސުވާލުކުރަމުން އޭރު ބާރްތީ ވަނީ މަސްތުވާތަކެތި ބޭނުން ކުރާ ކަމަށް އެއްބަސް ވެސް ވެފައެވެ.

އެހެންނަމަވެސް ހައްޔަރުކުރިތާ މާ ގިނަ އިރުތަކެއްނުވެ އޭގެ އަނެއް ދުވަހު ކަފާލާތުގެ ދަށުން ދެމަފިރިން ވަނީ ގެއަށް ދޫކޮށްލާފައެވެ. މުމްބާއިގެ މެޖިސްޓްރޭޓް ކޯޓުން ދެމަފިރިން ދޫކޮށްފައިވަނީ ކޮންމެ މީހަކަށް 15،000 ރުޕީސްގެ ޖޫރިމާނާއަކާ ވެސް އެކުގައެވެ. ބާރްތީއާއި ހާޝްގެ ކަފާލާތުގެ ނޯޓިސް އުވާލުމާ ގުޅިގެން އެންސީބީއިން ތުހުމަތު ކޮށްފައިވަނީ މި ކަމުގައި ބާރްތީއާއި ހާޝްގެ އަތެއްވާ ކަމަށެވެ. ނަމަވެސް މިކަމާ ކޯޓުގެ ފަނޑިޔާރުން ވަނީ ދެކޮޅުހަދާފައެވެ.

އިންޑިއާގެ އިތުރުން ބޭރު ޤައުމުތަކުގެ ވެސް ބޮޑު ފޭން ބޭސްއެއް އޮތް ބާރްތީއަކީ އާއްމުން ވަރަށް ލޯބިވާ ކޮމީޑިއަންއެކެވެ. ސޮނީ ޓެލެވިޒަންއިން ތައާރަފްކުރި 'ދަ ކަޕިލް ޝަރުމާ' ޝޯވްއިން އޭނާ ވަނީ ގިނަ ބައެއްގެ ހިތް ފަތަޙަކޮށްފައެވެ. ބާރްތީއާ އެކު ފިރިމީހާ ހާޝް ޓެލެވިޒަން ބައެއް ޝޯވްތައް ހޯސްޓުކޮށްފައި ވެސް ވެއެވެ.

ދާދި ފަހުން ދެ މީހުންގެ ކައިވެންޏަށް ފިރިހެން ކުއްޖަކު ލިބިފައިވާއިރު ބާރްތީ ވަނީ ޓެލެވިޒަން ޝޯވްތަކަށް އެނބުރި އައިސް މަސައްކަތް ފަށާފައެވެ.

comment ކޮމެންޓް