އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނާޒިމްގެ ވެރިކަމެއްގައި ޕެޑް ހިލޭ ދިނުމަށް ނިންމައި، ހިޔާގެ ކުލި 4000 ރުފިޔާއަށް ކުޑަކުރުމުގެ ވައުދާއެކު އޭނާގެ "އުޖާލާ ޒަމާން" މެނިފެސްޓޯ މިރޭ ލޯންޗުކޮށްފިއެވެ.
މީރުމާގައި "އުޖާލާ ޒަމާން" މެނިފެސްޓޯ ލޯންޗްކުރުމަށް ބޭއްވި ހަފުލާގައި ނާޒިމް ވިދާޅުވީ، ރިޔާސީ ރޭހަށް ނުކުމެ ރައްޔިތުންނާ ހަމައަށް މެނިފެސްޓޯއެއް ގެންނަންޖެހުނީ، ދިވެހިންނަށް ފުދުންތެރި ދިރިއުޅުމެއް އުޅުމުގެ ޔަގީންކަން ހޯދައިދޭން ކަމަށެވެ.
ނާޒިމް ވިދާޅުވީ، އެމްއެންޕީން މެނިފެސްޓޯ އެކުލަވާލުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށް ރައްޔިތުންގެ ހިޔާލު ހޯދާފައިވާކަމަށެވެ. ރައްޔިތުންގެ ގާތަށްކުރި ދަތުރުތަކުން ގިނަ ދިވެހިން އުޅެމުންދާ ހާލަތު ވަރަށް ކައިރިން ފެނިފައިވާކަމަށް ނާޒިމް ވިދާޅުވިއެވެ.
މިގޮތުން ރައްޔިތުން ނާށިގަނޑު ހިފައިގެން އެއްތަނުން އަނެއްތަނަށް ސަލާންޖަހަން ދާ ދިއުން ނިމުމަކަށް ގެނަންޖެހޭކަމަށް ނާޒިމް ވިދާޅުވިއެވެ.

އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓް މުހައްމަދު ނާޒިމްގެ "އުޖާލާ ޒަމާން" މެނިފެސްޓޯ ލޯންޗްކުރުމުގެ ތެރެއިން--- ފޮޓޯ/ އެމްއެންޕީ
ނާޒިމްގެ "އުޖާލާ ޒަމާން" މެނިފެސްޓޯ ތައާރަފުކުރުމަށް ބޭއްވި މި ހަފުލާގައި ވަނީ އެމްއެންޕީގެ ވެރިކަމެއްގެ ފުރަތަމަ 30 ދުވަހުގެ ތެރޭގައި ކުރާނޭ ކަންތައްތައްވެސް ހާމަކޮށްފައެވެ.
ފުރަތަމަ 30 ދުވަހުގެ ތެރޭގައި ކޮށް ނިންމުމަށް ވެފައިވާ ބައެއް ވަޢުދުތައް:
- ރާއްޖޭގެ ދެކުނުން ގެއްލުނު ކަމަށް ބުނާ މަސްކަނޑު އަނބުރާ ހޯދުން
- ހިޔާ ފްލެޓްތަކުގެ ކުލި 4000 ރުފިޔާއަށް ކުޑަކުރުން
- ގޯތީގެ ރަޖިސްޓްރީ ހުށަހެޅުމުން ހައުސިންލޯނު ހަމަޖެހުން
- ހެލްތް އިންޝުއަރަންސްގައި ހުރި ދަރަޖަތައް ނައްތާލުން
- ކަރަންޓް މީޓަރުތަކުން ކޮންމެ މަހެއްގެ ފުރަތަމަ 100 ޔުނިޓް ހިލޭ ކުރުމާއި ފެން ބިލުން 3000 ލީޓަރު ފެން ހިލޭ ކުރުން
- ގޭބިސީތަކުން ހިލޭ ކުނި އުކާލަދިނުން
- އެކަނިވެރި ބެލެނިވެރިންނަށްދޭ އެލަވަންސް 4000 ރުފިޔާއަށް ބޮޑުކުރުން
- އުމުރުން 18 އަހަރުވެފައިވާ ކޮންމެ ދިވެއްސަކަށް ރަމަޟާން އެލަވަންސްގެ ގޮތުގައި 3000 ރުފިޔާ ދިނުން
- މައްސަރު ދުވަސްވަރު އަންހެނުންނަށް ހިލޭ ޕެޑް ދިނުން
މެނިފެސްޓޯއާ ގުޅޭގޮތުން ނާޒިމް ވިދާޅުވީ، "އުޖާލާ ޒަމާން" މެނިފެންސްޓޯގައި ކުރުމަށް ވެފައިވާ ވަޢުދުތަކަކީ ފުއްދައި ނުދެވޭނޭ ވަޢުދުތަކެއް ނޫންކަމަށާއި، މެނިފެސްޓޯގައިވާ ކަންތައްތައް ތަންފީޒު ކުރެވޭނީ ރައްޔިތުންގެ އެއްބާރުލުން ލިބިގެންކަމަށެވެ.

އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓް ނާޒިމްގެ މެނިފެސްޓޯ ލޯންޗްކުރުމުގެ ހަފްލާގެ ތެރެއިން--- ފޮޓޯ/ އެމްއެންޕީ
އެމްއެންޕީގެ އުޖާލާ ޒަމާން މެނިފެސްޓޯ ބަހާލާފައިވަނީ ނުވަ ދާއިރާއަކަށެވެ. އެ ދައިރާތަކަކީ، އަދުލު އިންސާފް، ނަޒާހާތްތެރިކަން، ފަންނީ ޖީލެއް، އަހަރެންގެ ދިވެހިރާއްޖެ، އުފާވެރި ޒުވާނާ، އިސްލާމީ ވަހުދަތް، ބާއްޖަވެރި އާއިލާ، ސަލާމާތްތެރިކަން ކަށަވަރު އަދި ބަދަހި އިގްތިސާދެވެ.
މިރޭ އެމްއެންޕީއިން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ ރަސްމީ ވެބްސައިޓުވެސް ލޯންޗްކޮށްފައެވެ. މި ވެބްސައިޓުގައި "އުޖާލާ ޒަމާން" މެނިފެސްޓޯގެ ތަފްސީލާއި، ރިޔާސީ ކެންޑިޑޭޓާ ގުޅޭ މައުލޫމާތުތައް ވަނީ ހިމަނާފައެވެ.
ނާޒިމަކީ މިހާރު ރައްޔިތުން މަޖިލީހުގައި ދަނގެތީ ދައިރާ ތަމްސީލްކުރައްވާ މެމްބަރެވެ.