ސްކޭމްތަކާ ދެކޮޅަށް ބީއެމްއެލްއިން 'ކިލް ސްވިޗެއް' ތައާރަފުކޮށްފި

ބީއެމްއެލްގެ "ކިލް ސްވިޗް" ފީޗާގެ މައުލޫމާތު އެކުލެވޭ ޕޯސްޓަރެއް ---

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ސްކޭމްތަކާ ދެކޮޅަށް އިތުރަށް ރައްކާތެރިކަން ވަރުގަދަކުރުމަށް 'ކިލް ސްވިޗު'ގެ ނަމުގައި އިތުރު ފީޗާއެއް ތައާރަފްކޮށްފިއެވެ.

މި ކިލް ސްވިޗް ފީޗާއަކީ ސްކޭމެއްހެން ހީވާފަދަ ހާލަތެއްގައި ކާޑުގެ ޚިދުމަތް މެދުކަނޑައިލުމަށް ޓަކައި ވެސް ބޭނުންކުރެވޭނެ ފީޗާއެކެވެ. މި ފީޗާ ބޭނުންކޮށްގެން ހިނގަމުން އަންނަ އިންޓަނެޓާއި މޯބައިލް ބޭންކިން ސެޝަންތަކުން ލޮގްއައުޓް ވެވޭނެއެވެ. އަދި ކާޑު ފްރީޒްކުރެވޭނެއެވެ.

ބީއެމްއެލުން ބުނީ އެ ސްވިޗު ބޭނުންކޮށްގެން ބޭންކިންގެ ޚިދުމަތް ހުއްޓައިލައިފިނަމަ ދެން އަލުން ޚިދުމަތް ފެށޭނީ ބީއެމްލްގެ ބްރާންޗަކަށް އެ ކަސްޓަމަރަކު ގޮސް ޚިދުމަތް ފަށައިދިނުމަށް އެދުމުން ކަމަށެވެ. އަލުން ޚިދުމަތް ފަަށައިދޭއިރު ވެރިފައިކުރާނެ ކަމަށް ވެސް ބީއެމްއެލްއިން ބުންޏެވެ.

ބީއެމްއެލްއިން އަންނަނީ ރައްކާތެރި ގޮތުގައި ބޭންކިންގެ ޚިދުމަތް ކަސްޓަމަރުންނަށް ހޯދޭނެ އެކި މަގުތައް ފަހިކުރުމަށް ޓަކައި މަސައްކަތްކުރަމުންނެވެ. އެގޮތުން މީގެ ކުރިން ބީއެމްއެލްއިންވަނީ މޮބައިލް އަދި އިންޓަނެޓް ބޭންކިން ލޮގިންތަކަށް ޓޫ ފެކްޓާ އޮތެންޓިކޭޝަން (2އެފްއޭ) ތައާރަފްކޮށްފައެވެ.

comment ކޮމެންޓް