ކުރީގެ ފިލްމު ''މާސޫމް''ގެ ސީކުއަލްއެއް އުފައްދަން ތައްޔާރުވަނީ

"މާސޫމް"ގެ މަންޒަރެއް --- ފޮޓޯ/އައިއެމްޑީބީ

ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ޝޭކަރު ކަޕޫރުގެ ފިލްމު "މާސޫމް"ގެ ސީކުއަލްއެއް އުފައްދަން ޕްރޮޑިއުސަރު ތައްޔާރުވަމުން އަންނަކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެފިއެވެ.

ޝޭކަރު ކަޕޫރު ފިލްމު ޑައިރެކްޓް ކުރުމަށް ނުކުތް މި ފިލްމަކީ 1983 ވަނަ އަހަރު ރިލީޒްވި ވަރަށް ރީތި ފިލްމެކެވެ. ފިލްމު "މާސޫމް"ގެ ސީކުއަލްއެއް އުފެއްދުމުގެ ވިސްނުމަކީ، ޝޭކަރު ކަޕޫރު އެނބުރި ހިންދީ ސިނަމާއަށް އެނބުރި އައުމުގެ ސިގްނަލެއްކަމަށް ވެސް ބައެއް ފަރާތްކުން ވަނީ ބުނެފައެވެ.

މި ފިލްމުގެ ސީކުއަލްއަށް ޝޭކަރު ވާހަކައެއް ލިޔުމުގެ މަސައްކަތް ފަށާފައިވާކަމަށް ރިޕޯޓުތަކުން ބުނާއިރު ޝޭކަރު މި މަސައްކަތް ކުރަނީ ވަރަށް ސިއްރިއްޔާތުގައި ކަމަށް ވެސް މީޑިއާތަކުން ތުހުމަތުކުރެއެވެ. އަދި ދާދި އަވަހަށް "މާސޫމް"ގެ ސީކުއަލް އިއުލާން ކުރާނެ ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.

ފިލްމު "މާސޫމަކީ" އެކްޓަރު ނަސީރުއްދީނު ޝާހު، ބަތަލާ ޝަބާނާ އަޒްމީ، އުރުމިލާ މަޓޮންޑްކަރު އަދި ޖުގަލް ހަންސްރާޖް މުހިއްމު ރޯލް ކުޅެފައިވާ ފިލްމެކެވެ. އާރްޑީ ބަރުމަންގެ ހިތްގައިމު މިއުޒިކާއެކު ފިލްމުގައި ހިމެނޭ ލަވަތައް މި ފިލްމަށް އިތުރު ރީތިކަމެއް ގެނުވައިދިނެވެ.

ޝޭކަރު ކަޕޫރު އުފައްދާފައިވާ އިތުރު ރީތި ފިލްމުތަކުގެ ތެރޭގައި، "ބަންޑިތު ކުއީން" އަދި "މިސްޓަރ އިންޑިއާ" ހިމެނެއެވެ. އިންޑިއާގެ އިތުރުން ޝޭކަރު ކަޕޫރަކީ ބައިނަލްއަޤްވާމީ ޕްލެޓްފޯމްތަކުގައި ވެސް މަޤުބޫލު ނަމެކެވެ.

ޝޭކަރުގެ އެންމެ ފަހުގެ ފިލްމުކަމަށްވާ "ވަޓްސް ލަވް ގޮޓް ޓު ޑޫ ވިތު އިޓް؟"ގައި ވެސް ބަތަލާ ޝަބާނާ އަޒްމީ ހިމެނެއެވެ. މި ފިލްމު ވަނީ މިދިޔަ އަހަރު ކެނެޑާގެ ޓޮރޮންޓޯގައި ކުރިޔަށް ދިޔަ ޓޮރޮންޓޯ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލުގައި ޕްރިމިއާކޮށްފައެވެ. ހަމައެއާއެކު ޝޭކަރު އުފެއްދި އިނގިރޭސި ބައޮގްރަފިކަލް ޑްރާމާ "އެލިޒެބަތު"، އޮސްކާ އެވޯޑަށް ވެސް ނޮމިނޭޓްވެފައިވެއެވެ.

comment ކޮމެންޓް