މައިކްރޯސޮފްޓުން އެކްޓިވިޝަން ގަންނަން ހެދި އެއްބަސްވުން ކާމިޔާބު ކުރުމަށް އައު މަސައްކަތްތަކެއް

މައިކްރޯސޮފްޓުން 69 ބިލިއަން ޑޮލަރަށް އެކްޓިވިޝަން ބްލިޒާޑް ގަންނަން ހެދި އެއްބަސްވުމަށް އިނގިރޭސިވިލާތުގެ ރުހުން ހޯދަން އައު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އެކުންފުނިން ބުނެފިއެވެ.

މައިކްރޮސޮފްޓްގެ ރައީސް ބްރެޑް ސްމިތު ވިދާޅުވީ މަޝްހޫރު ގޭމް "ކޯލް އޮފް ޑިއުޓީ" ވެސް އުފައްދި ސޮފްޓްވެއާ ކުންފުނި އެކްޓިވިޝަން ބްލިޒާޑް ގަންނަން އިނގިރޭސިވިލާތުގެ ރުހުން ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ގޭމް އުފެއްދުމުގެ ދާއިރާގައި މިހާތަނަށް ހެދި އެންމެ ބޮޑު އެއްބަސްވުމަށް އިނގިރޭސިވިލާތުގެ ކޮމްޕެޓިޝަން އޮތޯރިޓީން މިދިޔަ އޭޕްރިލް މަހު ހުރަސް އެޅި އިރު، މައިކްރޮސޮފްޓުން ވަނީ އެ މައްސަލަ އިސްތިއުނާފުކޮށްފައެވެ. އެހެންކަމުން، އެގައުމުގެ ނިންމުން ބަދަލުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ސްމިތު ވިދާޅުވިއެވެ.

"ރެގިއުލޭޓަރުންގެ ކަންބޮޑުވުންތައް ހުރިނަމަ އެކަމަށް ހައްލެއް ހޯދަން ބޭނުންވޭ. މައްސަލަތައް ދިމާވެއްޖެނަމަ އެކަންކަން ހައްލުކުރަން ބޭނުންވޭ. އީޔޫގައި ހިމެނޭ ކަންކަން ފިޔަވައި ރެގިއުލޭޓަރީ ރިކުއާމަންޓްތައް އިނގިރޭސިވިލާތުން ތަންފީޒު ކުރަން ބޭނުންނަމަ އެ ކަންކަން ފުރިހަމަ ކުރެވޭނެ ގޮތްތަކެއް ހޯދަން ބޭނުންވޭ،" ސްމިތް ވިދާޅުވިއެވެ.

އިނގިރޭސިވިލާތުގެ ރެގިއުލޭޓަރުން މިކަމަށް ހުރަސްއެޅި ނަމަވެސް އީޔޫގެ ކޮމްޕެޓިޝަން އޮތޯރިޓީން ވަނީ މިދިޔަ މެއި މަހު މި އެއްބަސްވުމަށް ރުހުން ދީފައެވެ. އީޔޫގެ އޮތޯރިޓީން ބުނީ އިނގިރޭސިވިލާތުގައި މައިކްރޮސޮފްޓުން ހުށަހަޅާފައިވާ ކަންތައްތަކަށް އެ އޮތޯރިޓީން ބެލިބެލުމުން އެއްވެސް މައްސަލައެއް ފާހަގަވެފައި ނުވާކަމަށެވެ.

މައިކްރޮސޮފްޓްގެ ކްލައުޑް ގޭމިން ހިދުމަތްތަކުގެ އެސެސްމަންޓުގައި "އަސާސީ ގޯސްތަކެއް" ހުރި ކަމަށް ބުނެ އިނގިރޭސިވިލާތުން އެކްޓިވިޝަން ބްލިޒާޑް އަތުލުން ހުއްޓުވަން ނިންމި ނިންމުމަށް މައިކްރޮސޮފްޓުން ވަނީ މިދިޔަ މަހު ޗެލެންޖްކޮށްފައެވެ. އެ ހުކުމް އިސްތިއުނާފު ކުރުމަށް ކޮމްޕެޓިޝަން އެޕީލް ޓްރައިބިއުނަލްއަށް ހުށަހަޅާފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މި އެއްބަސްވުމުގެ ސަބަބުން އިނގިރޭސިވިލާތުގެ ކްލައުޑް ގޭމިން މާކެޓުގައި ވާދަވެރިކަން ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށް ސީއެމްއޭ އިން ނިންމި ނިންމުމަކީ ގޯހެއް ކަމަށް އެ މައްސަލައިގައި ބުނެފައިވެއެވެ.

comment ކޮމެންޓް