މަހުގެ އުފެއްދުންތައް ގަނެވިއްކުމާ ބެހޭ ގޮތުން ކިރިބާސްއާ މަޝްވަރާކޮށްފި

ދިވެހިރާއްޖެއާއި ކިރިބާސް ގުޅިގެން ބޭއްވި ބައްދަލުވުމުގެ ތެރެއިން---

ދެމެހެއްޓެނިވި ގޮތުގައި ބާނާ މަހުގެ ވިޔަފާރި ޤައުމުތަކުގައި ކުރިއެރުވުމާ ގުޅޭގޮތުން ދިވެހިރާއްޖެއާއި ކިރިބާސް ގުޅިގެން ރައުންޑްޓޭބަލް ޑިސްކަޝަންއެއް ބާއްވައިފި އެވެ.

މި ބައްދަލުވުން ބާއްވާފައިވަނީ ދިވެހިރާއްޖެ އާއި ކިރިބާސް އާއި ކޮމަންވެލްތު ބްލޫ ޗާޓަރާ ގުޅިގެންނެވެ.

މި ބައްދަލުވުމުގައި ވަނީ، ކޮމަންވެލްތުގައި ހިމެނޭ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ޚާއްސަކޮށްގެން މަސްވެރިކަމުގެ ވިޔަފާރީގައި ދެމެހެއްޓެނިވި ގޮތެއްގައި މަސް ބާނާނެ ގޮތްތަކާ ގުޅޭގޮތުން ޚިޔާލު ބަދަލުކޮށްފައެވެ.

"ސަސްޓެއިނަބަލް ސޯސިން އިން ދަ ޓްރޭޑް އޮފް ފިޝް ޕްރޮޑަކްޓްސް: ކޮމަންވެލްތު ސިޑްސް ލީޑިން ދަ ވޭ" ނަމުގައި ބޭއްވި އެ މަޝްވަރާ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް، ދަ ރައިޓް އޮނަރަބަލް ޕެޓްރީޝިއާ ވަނީ ދެމެހެއްޓެނިވި ލަނޑުދަނޑިތަކެއް ހާސިލުކުރުމަށް މިފަދަ ބައްދަލުވުމެއްގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ.

މިގޮތުން ބައިވެރިންގެ މެދުގައި ގުޅުންތައް ބަދަހި ކުރުމަށާއި މަސްވެރިކަމުގެ ދާއިރާގައި ޒިންމާދާރު އަދި ތިމާވެއްޓާ ރައްޓެހި އާދަތައް ކުރިއެރުވުމަށްޓަކައި މިފަދަ ބައްދަލުވުންތައް ބާއްވަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

މި ބައްދަލުވުމުގެ މަޝްވަރާތަކުގެ ރިޔާސަތު ބެލެހެއްޓެވީ ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޑރ. ފަރަޙްނާޒް ފައިސަލްއެވެ.

މިބައްދަލުވުމުގައި ކިރިބާސްގެ މިނިސްޓަ އޮފް ޓޫރިޒަމް، ކޮމާސް އިންޑަސްޓްރީ އެންޑް ކޫޕަރޭޓިވްސް، މިނިސްޓަ ބޫޓީ ނައުއަން އާއި ދިވެހިރާއްޖޭގެ އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު، ރިޔާޒް މަންސޫރާއި މެރީން ސްޓްވާޑްޝިޕް ކައުންސިލުގެ ހެޑް އޮފް ސައިންސް އެންޑް ސްޓޭންޑާޑްސް، ޑރ. ރޯހާން ކަރީ އާއި ކޮމަންވެލްތު ސެކްރިޓޭރިއޭޓްގެ އެޑްވައިޒަރު، އެގްރިކަލްޗާ އެންޑް ފިޝަރީޒް ޓްރޭޑް ޕޮލިސީ، ޑރ. ބެންޖަމިން ކްވާސީ އައްޑޮމް ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ބައްދަލުވުމުގައި، ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭ ކަންނެލި މަސްވެރިކަމަށް އެކަށޭނެ މާހައުލެއް ގާއިމުކުރުމާއި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ މަސްވެރިކަމުގެ ސިނާއަތްތައް ބަލައިގަތުމުގައާއި އެސިނާއަތްތަކަށް ދެމެހެއްޓެނިވި މަސްވެރިކަން ކުރާކަމުގެ ސެޓްފިކެޓުތައް ހޯދުމުގައި ދިމާވާ ގޮންޖެހުންތަކާ މެދު ވަނީ ވާހަކަ ދައްކާފައެވެ.

މީގެ އިތުރުން މަސްވެރިކަމުގެ އުފެއްދުންތައް ދެމެހެއްޓެނިވި ގޮތެއްގައި ގަނެވިއްކުމަށް ބާރުއެޅުމަށްޓަކައި ޑިޖިޓަލް ޑިވައިޑް ކުޑަކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާ ގުޅޭގޮތުން މިބައްދަލުވުމުގެ ބައިވެރިން ވަނީ މަޝްވަރާކޮށްފައެވެ.

ދެމެހެއްޓެނިވި ގޮތެއްގައި މަހުގެ އުފެއްދުންތައް ގަނެވިއްކުމާ ގުޅޭގޮތުން ދިވެހިރާއްޖެއާއި ކިރިބާސް އާ ދެމެދު ރަސްމީ ވާހަކަތައް ކުރިއަށްގެންގޮސްފައިވާއިރު، ދާދިފަހުން ކިރިބާސްގެ ފިޝަރީސް މިނިސްޓަރު ވަނީ ރާއްޖެއަށް ޒިޔާރަތްކުރައްވާފައެވެ.

މިއަހަރުގެ މާޗުމަހުގެ 16 ވަނަ ދުވަހު މިނިސްޓަރު ރިބަނަޓާކެ ތިވަލު ރާއްޖެއަށް ކުރެއްވި ޒިޔާރަތަކީ ރާއްޖޭގައި މަސްވެރިކަން ކުރާގޮތް ބައްލަވާލެއްވުމުގެ ގޮތުން ކުރެއްވި ދަތުރުފުޅެއްކަމަށް ރާއްޖޭގެ ފިޝަރީސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކިރިބާސް އަކީ ޕެސިފިކް ކަނޑުގައި އޮންނަ ގައުމެކެވެ.

comment ކޮމެންޓް