ދިރިއުޅުމާ ދޭތެރޭ ތަފާތު ނަޒަރަކުން ވިސްނަން ފެށީ ކައިވެންޏަށް ފަހު: ޝާހިދު ކަޕޫރު

ބޮލީވުޑްގެ 'އައިޑިއަލް ކަޕްލް'ގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ ޝާހިދު ކަޕޫރާއި އަންހެނުން މީރާގެ ދިރިއުޅުމުގެ ގިނަ ވާހަކަތަކެއް ދާދި ފަހުން ޝާހިދު މި ވަނީ މީޑިއާއާ ހިއްސާ ކޮށްފައެވެ.

އެގޮތުން މީރާއާއި ކައިވެނިކުރުމަށް ފަހު ދިރިއުޅުމަށް ގިނަ ބަދަލުތަކެއް އައިކަމަށާއި މީގެ ކުރިން ދިރިއުޅުމާ މެދު ދެކެމުން އައިގޮތް ބަދަލުކޮށް ތަފާތު ނަޒަރަކުން ދިރިއުޅުމާ މެދު ވިސްނެން ފެށުނު ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.

މީރާއާއި ޝާހިދުގެ ކައިވެންޏަށް އަށް އަހަރުވެފައިވާއިރި ކައިވެންޏަށް ފަހު މީރާ ޝާހިދުގެ ގެއަށް ބަދަލުވިއިރު އެ ގެއަކީ ވަރަށް ހުސްކޮށްހުރި އެއްވެސްކަހަލަ ދިރުމެއް ނެތް ގެއެއްކަމަށް ޝާހިދުވަނީ ބުނެފައެވެ.

އެގޮތުން ގޭގައި ކާން ވެސް ގެންގުޅެނީ އެންމެ ދެ ސަމުސަަލާ ތަށްޓެއް ކަމަށް ޝާހިދު ވަނީ ބުނެފައެވެ. އެކަމާ އަންހެނުން އޭރު ވަރަށް ކަންބޮޑުވި ކަމަށާއި ނަމަވެސް އޭރު ޝާހިދު ދިރިއުޅެމުން އައީ އެކަނިކަމުން އެފަދަ ކަންތައްތަކަށް މާ ބޮޑު ސަމާލުކަމެއް ނުދޭ ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.

އެއަށް ފަހު ގޭގެ އިންޓީރިއާ ޑިޒައިންތައް ނިންމީ ދެ މީހުން އެކަނި ކަމަށް ވެސް ޝާހިދު ބުނެފައިވެއެވެ. ކައިވެންޏަށް ފަހު ޝާހިދުގެ ކެއުމުގެ އާދަތަކަށް ވެސް ބޮޑު ބަދަލެއް ގެނެސް ދުޅަހެޔޮ ސިއްހަތެއްގައި އެކްޓަރު ދެމެހެއްޓުމަށް އެންމެ ބޮޑު އެއްބާރުލުމެއް ވެސް ލިބިފައިވަނީ އަންހެނުން މީރާގެ ފަރާތުންކަމަށް ޝާހިދު ވަނީ ބުނެފައެވެ.

ޝާހިދާއި މީރާގެ ޢުމުރުގައި 13 އަހަރުގެ ތަފާތެއް ހުރި ނަމަވެސް މީރާއަކީ ވަރަށް ވިސްނުން ތޫނު މީހެއް ކަމަށާއި ބައެއް ކަންތައްތަކުގައި މީރާ ނިންމާ ގޮތްތަކަކީ އެކްޓަރުގެ ދިރިއުޅުމަށް އޭގެ ފައިދާ ވަރަށް ބޮޑަށް ކުރާ ކަންތައްތައް ކަމަށް ޝާހިދު ވަނީ ބުނެފައެވެ.

އެހެންވެ، އަބަދު ވެސް އަންހެނުން ބުނާ އެއްޗަކަށް އާނބަސް ބުނުން އާދައަކަށް ހެދުމަށް މަޖާ ރާގަކަށް ޝާހިދު ވަނީ ނޫސްވެރިން ގާތު ބުނެފައެވެ. ޝާހިދާއި މީރާގެ ކައިވެންޏަށް ދެ ކުދިން (މީޝާއާއި ޒައިން) ލިބިފައިވާއިރު މި ދެމަފިރިން ދާދި ފަހުން ވަނީ މުމްބާއިގެ އެންމެ އަގު ބޮޑު ސަރަޙައްދުން އެޕާޓްމަންޓެ ގަނެ އެ ތަނަށް ދިރިއުޅުން ބަދަލުކޮށްފައެވެ. މި ޑުޕްލެކްސް އެޕާޓްމެންޓްގެ އަގު ޖުމްލަ 56 ކްރޯޑް ރުޕީސްއަށް އަރާކަމަށް އިންޑިއާގެ ޖީކިއު ނޫހުގައި ވަނީ ބުނެފައެވެ.

comment ކޮމެންޓް