އައްޑޫގެ ސިއްހީ ޚިދުމަތް ތަރައްޤީކުރަން ކޮށްދިން ކަންތައްތަކަށް ސަރުކާރަށް ޝުކުރު އަދާކޮށްފި

ރައީސުލްޖުމްހޫރިއްޔާ އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

އައްޑޫ ސިޓީގެ ސިއްހީ ޚިދުމަތްތައް ތަރައްޤީކުރުމަށް ސަރުކާރުން ކޮށްދީފައިވާ މުހިންމު ގިނަ ކަންތައްތައް ފާހަގަކޮށް އެސިޓީގެ ކައުންސިލްގެ މެންބަރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ޝުކުރު ދަންނަވައިފިއެވެ.

ރައީސް އާއި އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުންނާއެކު ކައުންސިލް އިދާރާގައި އިއްޔެ ބޭއްވި ބައްދަލުކުރެއްވުމުގައި އައްޑޫ ސިޓީގެ ތަރައްޤީއާ ގުޅޭ މުހިންމު ކަންކަމާގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ސިޓީ ކައުންސިލުގެ މެންބަރުން ވަނީ ޚާއްސަގޮތެއްގައި އައްޑޫ ސިޓީގެ ސިއްޙީ ޚިދުމަތްތައް ތަރައްޤީކުރުމަށް ކުރެވިފައިވާ މުހިންމު ގިނަ ކަންތައްތަކެއް ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.

އެގޮތުން އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި ގިނަ އައު ޚިދުމަތްތަކެއް ތައާރަފްކުރެވި އަދި ކެތްލެބްގެ މަސައްކަތްވެސް ނިމުމަކާ ގާތްވެފައިވާކަމާއި ހުޅުމީދޫގެ ސިއްހީ މަރުކަޒުގެ ޚިދުމަތްތައް އިތުރަށް ފުޅާކުރެވި ރައްޔިތުންނަށް އޭގެ ލުއިފަސޭހަތައް ލިބެމުން އަންނަކަން ސިޓީ ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ތައުލީމީ ދާއިރާއިން އައްޑޫ ސިޓީގެ ސްކޫލުތަކުގެ ޖާގައިގެ މައްސަލަ ހައްލުކޮށްދެއްވުމަށް ކޮށްފައިވާ މަސައްކަތްތަކާއި އަދި ތައުލީމީ ދާއިރާއިން ލިބެމުން އަންނަ ކުރިއެރުންތައް ވެސް ސިޓީ ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވިއެވެ.

ކައުންސިލުން ފާހަގަކުރެއްވި އިތުރުކަންކަމުގެ ތެރޭގައި މަސްވެރިންނަށް ކުރިމަތިވާ ދަތިތަކާއި، ކުނީ މެނޭޖްކުރުމުގައި ކުރިމަތިވާ ދަތިތަކުގެ އިތުރުން ސިޓީ ކައުންސިލުގެ އިންސާނީވަސީލަތް އިތުރުކުރުމަށް ބޭނުންވާކަން ފާހަގަކުރެއްވުންހިމެނެއެވެ. އަދި އިޤުތިސާދީ އިޖުތިމާއީ ދާއިރާއިން އައްޑޫ ސިޓީގެ ތަރައްޤީއަށް މުހިންމު އިތުރުކަންކަމުގެ އިތުރުން ހައްލުހޯދުމަށް ބޭނުންވާ މުހިންމުކަންކަން ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި މަސްވެރިނަށް ލުއި ފަސޭހަ ހޯދައިދިނުމުގެ ގޮތުން މިހާރު ވެސް މަސައްކަތް ތަކެއް ކުރިޔަށްދާކަން ފާހަގަކުރެއްވިއެވެ. އަދި މީގެ އިތުރުން ވެސް ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާއި މަޝްވަރާކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

comment ކޮމެންޓް