މި ސަރުކާރުގެ ތަރައްގީގެ މަޝްރޫތައް ނިމޭއިރު ދެން ކުރާނެ ކަމެއް މަދުވާނެ: ރައީސް

އައްޑުއަށް ސަރުކާރުން ގެންނަ ތަރައްގީ ފާހަގަކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ބޭއްވި ހަފްލާގައި ރައީސް ވާހަކަދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް

ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ވެރިކަމުގެ މި ފަސް އަހަރުގެ ދައުރުގައި ފަށައިފައިި ހުރި މަޝްރޫއުތަކުގެ އަމަލީ މަސައްކަތް އެއްކޮށް ނިމުމުން ދެން ރާއްޖޭގައި އުމްރާނީ ތަރައްގީއަށް ކުރަން ހުންނާނީ މަދު ކަންތައްތަކެއް ކަމަށް އެމަނިކުފާނު މިރޭ ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީއަށް މި ސަރުކާރުން ގެންނަ ތަރައްގީ ފާހަގަކުރުމުގެ ގޮތުން ބޭއްވި ޚާއްސަ ޙަފްލާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ތަރައްގީގެ މަޝްރޫތައް ހިނގަމުން އަންނަ ކަމަށެވެ.

އެގޮތުން އަސާސީ ޚިދުމަތްތަކާއި އިޖުތިމާއި އަދި އިގުތިސޯދީ ތަރައްގީއަށް ކުރިޔަށް ގެންދާ މަޝްރޫއުތަކުގެ ވާހަކަ ނަންގަންނަވަމުން ރައީސް ވިދާޅުވީ އެ މަސައްކަތްތައް ނިމުމުން، އުމްރާނީ ތަރައްގީއަށް ކުރަން ޖެހޭ ކަންތައްތައް މަދުވާނެ ކަމަށެވެ.

"އަސާސީ ޚިދުމަތްތައް ކަމަށްވާ ފެނާއި ނަރުދަމާ އާއި ކަރަންޓާއި ތައުލީމާއި ސިއްޙަތާ، މިހެން ގޮސް ދަތުރުފަތުރާއި ކުޅިވަރާއި މިހެން ގޮސް ލިސްޓު ކިޔިދާނެ މިއިން ޒަމާނަކު ރާއްޖޭގައި ނުހިންގޭ ވަރުގެ ގިނަ ބޮޑެތި މަޝްރޫތައް ހިންގިއްޖެ. އަދި މިހާރު ވެސް ހިނގަމުން އެބަދޭ. މި މަޝްރޫތައް ނިމޭއިރުގައި މި ރާއްޖޭގައިި އުމްރާނީ ތަރައްގީއަށް ދެން ކުރަން ހުންނާނީ މަދު ކަމެކޭ ވެސް ދެންނެވިދާނެ، މިހެން ދެންނެވިއަސް ހުންނާނެ ކޮންމެ ވެސް ވަރަކަށް،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ އުތުރުން ދެކުނަށް ތަރައްގީގެ މަޝްރޫއެއް ނުހިނގާ ރަށެއް ނެތް ކަމަށެވެ.

"އައްޑޫ ރައްޔިތުންގެ މެނިފެސްޓޯ އަންނަނީ ތަންފީޒުވަމުން"

ފާއިތުވި އިންތިޚާބުގެ ވާހަކަ ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ އިންތިޚާބުގެ ކެމްޕޭންގެ އެންމެ ފަހު ޖަލްސާއަށް އެމަނިކުފާނު ވަޑައިގަތީ އައްޑޫއަށް ކަމަށެވެ. އެ ދުވަހު އައްޑޫގެ ރައްޔިތުން އައްޑޫ ތަރައްގީކުރަން ބޭނުންވާ ގޮތްކަމަށް ބުނެ ތައްޔާރުކޮށްފައިވާ މެނިފެސްޓޯއެއް އެއިރުގެ މޭޔަރު އެމަނިކުފާނާ ހަވާލުކުރެއްވިކަމަށް ރައީސް ވިދާޅުވިއެވެ.

"އައްޑޫ ސިޓޫީ ރައްޔިތުން އައްޑޫ ސިޓީ ތަރައްގީކުރަން ބޭނުންވާ ގޮތް ލިޔެފައި. އެ ދުވަހު އަޅުގަނޑާ އެ ފޮތް އޭރުގެ މޭޔަރު [އަބްދުﷲ ޞާދިޤު (ސޯބެ)] ހަވާލުކުރެއްވި،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއަދު ފެންނަނީ އެ މެނިފެސްޓޯގައި ހުރި ކަންތައްތައް އައްޑޫގައި ތަންފީޒުވަމުން އަންނަ މަންޒަރު ކަމަށެވެ. މިހެން ނަމަވެސް އައްޑޫ ސިޓީގެ ރައްޔިތުން ބޭނުންވާނެ ކަންތައްތަކެއް އަދިވެސް ހުންނާނެކަން ޔަގީންވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން ރިޔާސީ އިންތިޚާބު ބޯމަތިވެފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މިއީ އަނެއްކާ ވެސް އައްޑޫ ރައްޔިތުން މި ސިޓީ ތަރައްގީކުރާނެ ގޮތް ވިސްނައި ރާވަންވީ ވަގުތު ކަމަށެވެ.

އޭގެ އިތުރުން، ރައީސް ޞާލިހު ވަނީ ދެވަނަ ދައުރެއްގައި ވެސް ވެރިކަން ކުރެއްވުމުގައި އިސްކަންދެއްވާނީ ރާއްޖޭގައި ހަމަޖެހުން ގާއިމްކުުރުމަށް ކަމަށް ދައްކަވާ ވާހަކަތައް ތަކުރާރުކުރައްވާފައެވެ. ސަބަބެއް ކަމަށް އެމަނިކުފާނު ވިދާޅުވީ ތަރައްގީއަށް އެންމެ މުހިންމު ހަމަޖެހުމަށް ވުމެވެ.

"އެހެންވީމާ މި ފަސް އަހަރެކޭ އެއްގޮތަށް ކުރިއަށް އޮތް ފަސް އަހަރު ވެސް އަޅުގަނޑުމެންގެ އަމާޒަކަށް ވާންވާނީ ސުލްހަ، ހަމަޖެހުން، ސްޓެބިލިޓީ، ރާއްޖޭގައި ގާއިމްކުރުން،" ރައީސް ވިދާޅުވިއެވެ.

އައްޑުއަށް ސަރުކާރުން ގެންނަ ތަރައްގީ ފާހަގަކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ބޭއްވި ހަފްލާގައި ހަވާ އަރުވަނީ -- ފޮޓޯ/ ރައީސް އޮފީސް

ރައީސްގެ ވާހަކަފުޅުގައި، އިޖްތިމާއީ މައްސަލަތަކާ މެދު ވިސްނުން މުހިންމު ކަމަށް ވެސް ވިދާޅުވިއެވެ. އެއާއެކު ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އިޖުތިމާއީ ބޮޑެތި މައްސަލަތައް ހައްލުކުރުމަށް އަޙައްމިއްޔަތުކަން ދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކުރިން ދެއްކެވި ވާހަކަތަކާ މި ވާހަކަތައް ގުޅުވާލައްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގައި ހަމަޖެހުން ގާއިމް ކުރެވޭނެ މަގަކީ ވެސް އެއީ ކަމަށެވެ.

އައްޑުއަށް އަންނަ ތަރައްގީ ފާހަގަކުރުމުގެ ގޮތުން މިރޭ ބޭއްވި ހަފްލާގައި ހަވާ އަރުވައިފައިވެއެވެ. އަދި ލައިވް މިއުޒިކްގެ ހަރަކާތްތައް ވެސް ކުރިއަށް ގެންދިޔައެެވެ. މި މަންޒަރު ބަަލައި، ހަފްލާގައި ބައިވެރިވުމުގެ ގޮތުން އައްޑޫގެ ގިނަ ބަޔަކު ހިތަދޫ ސިޓީ ސްކޮއާ ސަރަހައްދަށް ޖަމާވިއެވެ.

comment ކޮމެންޓް