އައްޑޫގެ ފަތުރުވެރިކަން ތަރައްގީ ނުވެ އޮތީ މި ސަރުކާރުގެ އިޚްލާސްތެރި ކަމެއް ނެތީމަ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު --- ފޮޓޯ/ މަޖިލިސް

އައްޑޫ ސިޓީގެ ފަތުރުވެރިކަން ތަރައްޤީ ނުވެ އޮތީ މި ސަރުކާރުގެ އިޚްލާސްތެރިކަމެއް ނެތީމަ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.

ވެރިކަން ކުރާ ކޯލިޝަނުގައި ހިމެނޭ މައި ޕާޓީ، އެމްޑީޕީގެ ވެސް ރައީސް ނަޝީދު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙް މިހާރު އައްޑޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފެއްޓެވި މަޝްރޫއުތަކަށް ފާޑުވިދާޅުވަމުންނެވެ.

ނަޝީދު ކުރެއްވި ޓްވީޓުގައި އެމަނިކުފާނު ވިދާޅުވީ، (ޝަންގްރިއްލާ) ވިލިނގިލި، ހެރެތެރެ އަދި ހަންކެޑެ އަދިވެސް އޮތީ ރަނގަޅަށް ހިނގައިނުގަނެ ކަމަށާއި އައްޑޫ ސިޓީގެ ފަތުރުވެރިކަން މިހާތަނަށް ތަރައްޤީ ނުވެ އޮތީ ރަށެއް ނެތިގެން ނޫން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މި ކަންކަން ނުކުރެވި މިއޮތީ މި ސަރުކާރުގެ އިޚްލާސްތެރި މަސައްކަތް މިކަމަށް ނުކުރެވިގެން ކަމަށެވެ.

އިތުރު ރިސޯޓުތައް ހަދަން ބިން ހިއްކާ މައްސަލައިގެ އިތުރުން ގަން އެއާޕޯޓާ ހިންގަން ފެށުމުގެ އައު ވިސްނުމަކަށް މާ ލަސްވެފައިވާ ކަމަށް ވެސް ނަޝީދުގެ ޓްވީޓުގައި ވިދާޅުވިއެވެ.

އައްޑޫގައި ރައީސް ސާލިޙް އިއްޔެ ފައްޓަވައިދެއްވި ބިން ހިއްކުމުގެ މަޝްރޫއުގެ ތެރޭގައި ރިސޯޓު ތަރައްގީކުރުމުގެ ބޭނުމަށް ވަކިން ހާއްސަ ރަށްތަކެއް ހިއްކުން ވެސް ހިމެނެއެވެ.

ސަރުކާރުން ބުނަމުން އަންނަނީ އައްޑޫގައި މިހާރު ކުރިޔަށްދާ މަޝްރޫއުތައް ނިމުމުން، 7،000 ޓޫރިސްޓު އެނދު އެ ސަރަޙައްދަށް އަންނާނެ ކަމަށެވެ. އެއީ ހަންކެޑޭގައި ތަރައްގީކުރާ އިންޓަގްރޭޓަޑް ޓޫރިޒަމް ރިސޯޓާއި ރަށްރަށުގައި ތަރައްގީކުރާ ގެސްޓްހައުސް އެނދުތައް ވެސް ހިމަނަގައިގެންނެވެ.

ބިން ހިއްކުމުގެ މަޝްރޫއުގެ އިތުރުން ގަން އިންޓަނޭޝަނަލް އެއާޕޯޓު އަޕްގްރޭޑު ކުރުމުގެ އަމަލީ މަސައްކަތް ވެސް ވަނީ މިއަދު ފަށާފައެވެ. މި މަޝްރޫއު ނިމުމުން އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ވަސީލަތްތައް ގާއިމުވެގެން ދާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

comment ކޮމެންޓް