ފެންނަ އިރަށް ކައިވެނީގެ ވާހަކަ ނާހައިބަލަ!

"ކޮބާ މީހަކާ އަދިވެސް އިންނާކަށް ނުވޭތަ؟" އާއި "އަދިވެސް މީހަކު ހޯދަން ނޫޅެނީތަ" ފަދަ ވާހަކަތަކަކީ ޒުވާން އުމުރުގައި އަބަދު ވެސް އަޑު އިވޭ ވާހަކައެކެވެ. އަދި, ނުވެސް ދަންނަ މީހުންގެ ފަރާތުން މި ވާހަކަ އަޑު އަހަން ޖެހުމަކީ ދިވެހިންނަށް އާ ވާހަކައެއް ނޫނެވެ.

ނަމަވެސް މިއީ މިހާރު ހުއްޓައިލަން ވެއްޖެ ވާހަކަ އަކަށް ހަދަން ވެއްޖެއެވެ.

ޒުވާން އުމުރެއްގައި ކައިވެނި ކުރުމަށްޓަކައި މުޅި މުޖުތަމައުން ޕްރެޝަރެއް އޮވެއެވެ. ދަންނަ މީހުންނާއި ނުދަންނަ މީހުންގެ ފަރާތުން ކައިވެނީގެ ވާހަކަ އެކުމަކީ މީހެއްގެ ހާލު އަހާލުމުގެ ކުރީން ވެސް ގިނަ ފަހަރަށް އަހާ ވާހަކައެކެވެ.

"ރަށުގެ މީހަކު ވަރަށް ދުވަސް ވަންދެއް ނުފެނި ހުރެފަ ފެނިއްޖެ ނަމަ އެންމެ ފުރަތަމަ ވެސް ކޮށްލާނީ ހުންނަ ގޮތަށް ކޮމެންޓެއް. ދެން އިތުރު ވާހަކަ އެއް އަހަން ވާއިރަށް ދެން އަހާނީ ކައިވެނީގެ ވާހަކަ،" އުމުރުން 27 އަހަރުގެ ޝާވިން މުހައްމަދު ބުންޏެވެ.

އުމުރުން 30 އާ ގާތް ކުރާ ވަރަކަށް ކައިވެނި ކުރުމަށް އޮންނަ ޕްރެޝަރު ބޮޑުވެއެވެ. އުމުރުން 30ގެ ކުރިން ކައިވެނި ނުކޮށްފި ނަމަ ކޮންމެ ވެސް ކަމެއް އެ މީހާގެ ގޯސް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. އަދި، މި ޕްރެޝަރު އަންހެނުންނަށް އިންތިހާއަށް ބޮޑެވެ. އުމުރުން 20ގެ މެދުތެރެއަށް ވާއިރު އަންހެނެއް ކައިވެނި ނުކޮށް ހުރިއްޔާ އެ ހިސާބުން އެ ކަންތައް ވަރަށް ގޯސްވީއެވެ.

"އަދިވެސް އެބަ އޮވޭ ވަރަށް ބޮޑު ޕްރެޝަރެއް އަންހެނުންނަށް ހާއްސަކޮށް. އަހަރެންނަށް 20 އަހަރު ވީ ހިސާބުން ފެށިގެން އާއިލާއިން ވެސް ހަމަ އާންމުކޮށް ދައްކާ ވާހަކައެއް ކައިވެނީގެ ވާހަކައަކީ،" އުމުރުން 24 އަހަރުގެ ޝެރިން އަލީ ކިޔައިދިނެވެ.

ޝެރިންގެ އުމުރުން 29 އަހަރުގެ ބޭބެއެއް ހުރެއެވެ. ނަމަވެސް އޭނާގެ ބޭބެއަށް މި ވަރަށް ޕްރެޝަރު ނުކުރާ ކަމަށް ޝެރިން ބުނެއެވެ.

ބައެއް ހާލަތްތަކުގައި ކައިވެނީގެ ވާހަކައަކީ މީހާގެ ބުރަ މަސައްކަތްތަކުގެ މުހިއްމުކަން ވެސް ގެއްލުވާލާ ކަމެކެވެ.

"ކިތައްމެ ބުރަ މަސައްކަތެއް ކޮށްގެން ކިތައްމެ ވަރަކަށް ކިޔަވައިގެން ވަޒީފާގައި އުޅުނު ނަމަވެސް ކައިވެނި ނުކޮށް ހުންނަ ވާހަކަ ބުނެލާއިރަށް ހީވަނީ ދެން ދިރިއުޅުން ބޭކާރުވީއޭ. ރެޑީ ވީއިރަކުން ކައިވެނި ކުރާނެ ނުބުންޏަސް،" އުމުރުން 30 އަހަރުގެ ޝަނާޒް އިބްރާހިމް ބުންޏެވެ.

ޝަނާޒް ފާހަގަކުރާ ގޮތުގައި ކައިވެނި ކުރުމާއި މީހާގެ ކާމިޔާބީތަކާ ގުޅިފައި އޮތުމަކީ ވަރަށް ޑީމޯޓިވޭޓް ވާ ކަމެކެވެ. މީހުންގެ ވިސްނުން ހުންނަ ގޮތުން ހީވަނީ މީހާ އުނިކަމެއް ހުންނަނީ ކަމަށް ޝަނާޒް ފާހަގަކުރެއެވެ. އަދި، މާ ގިނައިން އެ ވާހަކަތައް އަޑު އަހަން ޖެހުމަކީ ކައިވެނި ކުރުމަށް ޕްރެޝަރު އުފެދޭ ކަމެއް ކަމަށް ވެސް އޭނާ ފާހަގަކުރެއެވެ. ނަތީޖާއަށް ވަނީ ކައިވެނި ކުރަން ބޭނުން ނުވި ނަމަވެސް ބައެއް ފަހަރު ކައިވެނި ކުރަން މަޖުބޫރު ވުން ކަމަށް އޭނާ ފާހަގަކުރެއެވެ.

އެހެންވީމާ ދެން ފަހަރަކުން މީހަކާ ދިމާވުމުން އޭނާ ގާތުގައި ކައިވެނީގެ ވާހަކަ އެހުމުގެ ބަދަލުގައި އޭނާގެ ހާލު ފުރަތަމަ އަހާލާށެވެ. އަދި، ކައިވެނީގެ ވާހަކަ އެހުމުގެ ވިސްނުން ދޫކޮށްލާށެވެ. އަމިއްލައަށް އެ ވާހަކަ ބުނަން ބޭނުން ނަމަ އެ ވާހަކައެއް ބުނާނެއެވެ. މިއީ އެހެން ނޫނީ ނުދަންނަ މީހުންނާ ބެހޭ ކަމެއް ނޫނެވެ.

comment ކޮމެންޓް