ރ. ދުވާފަރުން ޢާލިމް އަބްދުއްލަތީފް
މެންދުރުގެ އެންމެ ހޫނުގަދަ ވަގުތަކަސް، މި ރަށު މީހުން މަގުތަކުގައި މަދެއް ނޫނެވެ. މަސައްކަތްތެރި ރައްޔިތެއް އުޅޭ މި ރަށް އޮތީ ހޭލަމޭލައަށެވެ. އަތޮޅުތެރޭގެ އެހެން ރަށްތަކަށްވުރެ މާ ހެޕަނިންނެވެ.
އިރު މެދު ޖެހެން ދިޔަ އެ ވަގުތު އަހަރެން މި ނުކުތީ ދުވާފަރު މަޖައެއްް ކާލަން ލިބޭތޯއެވެ. މި ރަށު މީހުން ބުނާ ގޮތުގައި މަޖައެއް ކާލައި މަޖާކޮށްލަން އެންމެ ފައްކަލީ މެންދުރުގެ މި ހޫނުގަދަ ވަގުތުގައެވެ. އަދި އެ ކަން ފުރިހަމަ ވާނީ އެންމެން އެކުގައި މޫދަށް ވެސް އެެރެލީމައެވެ.
މީހުން ގާތު އަހަމުން، މަޖާ ހަދާ ބައެއްގެ ގާތަށް ދެވޭތީ މިސްރާބު ޖެހީމެވެ. އަދި ހަނދާން ނެތުމުގެ ކުރިން އެއް ވާހަކަ ބުނެލާނަމެވެ. އަހަރެން ވެސް މި ނުކުތީ، މަޖާ ކާލައި މޫދަށް އެރިލަން ހަމަ ފުލް ކިޓުގައެވެ.
މަޖާ ހަދާ ތަނަށް ގޮސް، އަހަރެން ވެސް އެ މީހުންނާ ބައިވެރިވެގަނެފީމެވެ. ބޭނުންވީ ވީހާ ވެސް ކައިރިން ދުވާފަރުގެ މި ތަފާތު މަޖާ ހަދާ ގޮތް ބަލައިލާށެވެ.
ހެލެބެލި ހުތާއި ރިހާކުރާ އަޅައިގެން މީރު މަޖާގަނޑުތައް ރާއްޖޭގެ އެހެން ރަށްރަށުގައި ވެސް ހަދައެވެ. އެކަމަކު، ދުވާފަރު މަޖާ މާ ތަފާތުވެފައި ސަޅިއެވެ. އެއަށް ނާޅާކަށް އެއްޗެއް އެ ވެރިންގެ އަތަކު ނުޖެހެއެވެ.
އަހަރެމެންނަށް މަޖާ ތައްޔާރުކޮށްދިން ދައްތަ، އައިމިނަތު މުހައްމަދުފުޅު (ތުއްތައްތަ) މަޖާ ހެދީ ބަރާބަރަށް އެ ހަދާ ގޮތް ކިޔައިދެމުންނެވެ.
"ފުރަތަމަ މި އަޅަނީ ހަކުރު، ލުނބޯ، ރޯހަވާދު، ރިހާކުރު، އޮރެންޖު، ކަނަ، ޖަނބުރޯލު އަދި ކުންނާރު. އެއަށްފަހު މި ހުރިހާ އެއްޗެއް އެއްކޮށްފައި ކުރުނބާ ފިހިތައް އަޅާނީ،" އޭނާ ފެށިއެވެ.
ކުޅި ރަހަ ހެޔޮވަރު ކުރަން ޗިލީ ސޯހާއި، ޓޮމާޓޯ ޕޭސްޓާއި ލޮނުމިރުސް ހަވާދު ވެސް އަޅައެވެ. އަދި ބައެއް މީހުން އަސާރަ ވެސް އަޅާ އުޅެއެވެ.
ތުއްތައްތަ ކިޔައިދިން ގޮތުގައި ކަނދޮޅުދުއިން ދުވާފަރަށް މި އައިސްފައިވާ މަޖާ މި ގޮތަށް ހަދާތާ ގާތްގަނޑަކަށް 45 އަހަރަށްވުރެ ގިނަ ދުވަސް ވެދާނެއެވެ.
އެ ޒަމާނުގައި ޗިލީ ސޯސް ފަދަ ތަކެއްޗެއް ނުލިބޭނެއެވެ. އޭރު އަޅަނީ ހިކިމިރުހާއި ލޮނުމިރުހެވެ.
"މިއީ އާއިލާ އެންމެން އެއްކޮށް ދަތުރު އަންނަ އިރު ވެސް، މަޖާ ނުހަދަންޏާ ނުވޭ ދަތުރު އާދެވުނު ކަމަކަށް. މަޖާ ކަމެއް ހަދާލީމާ މީގެ ރޫހު އަންނަނީ،" ތުއްތައްތަ ބުންޏެވެ.
ދުވާފަރު މަޖާ ހަދާއިރުގައި އެކި މީހުން އެކި އެއްޗެހި އަޅައެވެ. ދެން މި ލިސްޓު ކޮށްލަނީ މަޖާ ހަދަން ދުވާފަރު މީހުން އަޅާ އެއްޗިއްސެވެ. ފަހަރުގައި ބައެއް މީހުން އަޅާ އެއްޗެއް ނެތުމަކީ އެކަށީގެންވާ ކަމެކެވެ.
ދުވާފަރު މަޖާގަނޑަށް ބޭނުންވާ އެއްޗެހި
- ހަކުރު
- ޓޮމާޓޯ ޕޭސްޓު
- ޗިލީ ސޯސް
- ނޫޑްލިސް ސޫޕް
- ރިހާކުރު
- ހެލެނބެލި ހުތް
- ލޮނުމިރުސް ހަވާދު
- ހިކިމިރުސް
- ކުންނާރު
- ކަދުރު
- ކަނަމަދު
- އަސާރަ
- ފެހި އާފަލު
- ޖުމްހޫރީ މޭވާ
- އަނބުޅަ
- ކާމަރަނގަ
- ފަޅޯ
- ހުތް އަނބު
- ކިހާއް
- އޮރެންޖު
- ލުނބޯ
- އަނބުޅަ
- ޖަނބުރޯލު
ދުވާފަރު މަޖާގަނޑު ހެދުމަކީ މިއީ މާ ގިނައިރުތަކެއް ނަގާ ކަމެއް ނޫނެވެ. އެއްޗެހި ކޮށާއިރު ވެސް، އެހެން ރަށްރަށުގައި ހެން މާ ކުދިކުދިކޮށް ކޮށާކަށް ނުހަދައެވެ. ފޮތިފޮއްޗަށް ބޮޑެތިކޮށް ކޮށައިލަނީއެވެ.
ތުއްތައްތަ ބުނި ގޮތުގައި ރަށުން ބޭރުން އަންނަ ގިނަ މީހުން މަޖާގަނޑެއް ދުވާފަރު މީހުން އަތުން ކައިގެން ނޫނީ ނުދާނެއެވެ.
"ރަށުން ބޭރު މީހުން ދައްތަމެން ހަދާ މަޖާ ކައިފައި ބުނަނީ ވަރަށް މީރޭ. ދައްތަމެން ތިޔަ ހަދާ ގޮތާ ތިމަންނާމެން ހަދާ ގޮތާ ތަފާތޭ،" އޭނާ ބުންޏެވެ.
ދުވާފަރު މަޖާގަނޑު މޮޑެ ނިމުމުން، ބަލަހައްޓައިގެން ނުހުރެ އުނބުގަނޑަކަށް އެ އަޅައިފީމެވެ. އަޅައިގެން ދޮންވެލި ގޮނޑުދޮށުގައި ވެޑުވިލައިފީމެވެ.
މިއީ ތޯތޯއެއް ނޫނެވެ. ސަކަރާތަކަށް ބަޔަކު ދައްކާ ވާހަކައެެއް ވެސް ނޫނެވެ. ހަމަ އަސްލުވެސް، ދުވާފަރު މަޖާގައި ހުރީ ތަފާތު އަސަރެކެވެ. އެ ކުޅިކަމާއި އެ މީރުކަމެއް އެހެން ރަށެއްގެ މަޖައަކުން ނުލިބޭނެއެވެ.
މަޖާ ކައި ނިންމައިލައިގެން އެއްގަމަށް ދިޔައިރު، ބަތް ތެއްޔެއް ގެންގުޅޭތަން ފެނުނެވެ. އަހާލެވުނެވެ. ކީއްކުރާ ބަތެއް ހެއްޔެވެ.
"މަޖާ ކައި ނިމުނީމަ މަޖަލުގައި ހުންނަ ދިޔަގަނޑު ތެރެއަށް ބަތް އަޅައިގެން މޮޑެނީ. އޭގެ ތެރެއަށް އަޅާނެ ތެލުލި ފަތް، ވަޅޯ މަސް،" ތުއްތައްތަ ހެވިލައިފައި ޖަވާބުދިނެވެ.
ދުވާފަރު މަޖާގަނޑަށް އަޅާ އެއްޗެހި ކައި ނިމުނަސް އަދި މި މީހުން ހުއްޓައެއް ނުލައެވެ. ދިޔަގަނޑާ މޮޑެލައިގެން ބަތް ވެސް ކަނީއެވެ.
މަޖާ ކައި ނިމުމަށްފަހު ދުވާފަރު މީހުން މަޖާގެ ދިޔަގަނޑު ތެރެއަށް ބަތް އަޅައިގެން މޮޑޭ -- ސަން ފޮޓޯ
މި ފަހަރު މި ކަން ވެސް ތަޖުރިބާކުރާނަމޭ ހިތައި ބަތް ވެސް ތައްޓަކަށް އަޅައިފީމެވެ. ވަރަށް މީރެވެ. ތެލުލިފަތާ ވަޅޯމަހާ މޮޑެލައިގެން ކާއިރު އެ އޮތީ ވާ ކަމެެކެވެ.
ދުވާފަރު މަޖާ ހަދާ ގޮތް ވަރަށް ގާތުން ބަލައިލެވިއްޖެއެވެ. އެ ރަހައިގެ އަސަރުން އަންތަރީސް ވެސް ވިއެވެ. ދުވާފަރު މީހުން ބުނާހެން، މި ވަރުގެ މަޖައެއް އެހެން ރަށަކުން ކާކަށް ނުލިބޭނެއެވެ. މިއީ އެހެން ލެވެލްއެކެވެ!