އިންޑިއާއަށް އަންނަ ތަރައްގީގެ ހެޔޮ އަސަރު ހުރިހާ ގައުމަކަށް ވެސް، ޚާއްސަކޮށް އަވައްޓެރި ގައުމުތަކަށް ކުރާނެކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒްގެ ސްޓޭޓް މިނިސްޓަރު ވެއްލަމްވެއްލީ މުރަލީދަރަން މިއަދު ވިދާޅުވެއްޖެއެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މުރަލީދަރަން ވިދާޅުވީ އިންޑިއާ އާއި ރާއްޖެ ގުޅިފައި އޮތީ ހަމައެކަނި އަވަށްޓެރިންގެ ގޮތުގައި އެކަނި ނޫން ކަމަށެވެ. އޭނާ ވިދާޅުވީ ދެ ގައުމު ގުޅިފައި އޮތީ އެކުގައި ތަރައްގީ އާއި ކުރިއަރައިފައިވާ މުސްތަގުބަލެއް ހޯދަން މަސައްކަތް ކުރާ ދެ ގައުމުގެ ގޮތުގައި ކަމަށެވެ.
"ރާއްޖެއަކީ އިންޑިއާ، އިންޑިއާ ކަނޑުގެ ސަރަހައްދުގައި އެންމެ މުހިންމު އެއް ގައުމު. އިންޑިއާގެ ބޮޑުވަޒީރު މޯދީ ވިދާޅުވާ ގޮތުން ނަމަ އިންޑިއާ އާއި ރާއްޖޭގެ ގުޅުން ބިނާވެފައި އޮތީ ހަމައެކަނި ދެ ގައުމުގެ ރައްޔިތުން ބޭނުންވާ ކަންކަމަށް އެކަންޏެއް ނޫން. މިއީ ހަމަޖެހުމާއި ސުލްހަ އާއި ތަރައްގީގެ ނިޝާނެއް،" މުރަލީދަރަން ވިދާޅުވިއެވެ.
މުރަލީދަރަން ވިދާޅުވީ ރާއްޖެއިން ގެންގުޅޭ އިންޑިއާ ފަސްޓް ޕޮލިސީ އާއި އިންޑިއާގެ ނެއިބާހުޑް ފަސްޓް ޕޮލިސީގެ ދަށުން ދެ ގައުމަށް ފާއިތުވި އަހަރުތަކުގެ ތެރޭ މުހިންމު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.
އެގޮތުން ސިޔާސީ ގޮތުން އުފެދުނު އެކި ޚިޔާލު ތަފާތުވުންތަކާއި ނުތަނަވަސްކަމަށް ފަހު ރަައީސް ޞާލިހުގެ ވެރިކަމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިއަދު އިންޑިއާއަކީ ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ބައިވެރިޔާ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭގެ އިތުރުން، އިންޑިއާއަށް އަންނަ ތަރައްގީއާ އެކު އެހެން ގައުމުތަކަށް ވެސް ކުރިއެރުން އަންނާނެ ކަމަށާއި، ޚާއްސަކޮށް އަަވައްޓެރި ގައުމުތަކަށް އެ ކަމުގެ ފައިދާ ލިބުން ބޮޑު ވާނެ ކަމަށް މުރަލީދަރަން ވިދާޅުވިއެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީގެ މަސައްކަތަކީ އިންޑިއާގެ ރެނާޓަސް ކުންފުންޏާ ހަވާލުކޮށްގެން ހިންގާ ބޮޑު މަޝްރޫއެކެވެ. ދެ އަހަރުގެ ދުވަހުގެ ތެރޭ ތަރައްގީކުރަންޖެހޭ މި މަޝްރޫއަށް 29.7 މިލިއަން ޑޮލަރު (445.8 މިލިއަން ރުފިޔާ) ޚަރަދުވެއެވެ. މިއީ އިންޑިއާ ސަރުކާރު މެދުވެރިވެގެން އެ ގައުމުގެ އެގްޒިމް ބޭންކުން ނަގާފައިވާ ލޯނަކުން ހިންގާ މަޝްރޫއެކެވެ.