ބަތަލާ ރަކުލް ޕްރީތު ސިންގްއާއި އެކްޓަރު ޕަވައިލް ގުލާޓީގެ ތުރިލާ ފިލްމު "އައި ލަވް ޔޫ"ގެ ފުރަތަމަ ޓީޒާ ބެލުންތެރިންނަށް ދައްކާލައިފިއެވެ.
ޖިއޯ ސިނަމާގައި ފިލްމު ޕްރިމިއާ ކުރުމަށް ނިންމާފައިވާއިރު މިއީ ލޯބީގެ އަނދިރި ފަރާތް ދައްކުވައިދޭނެ ފިލްމެކެވެ. މި ފިލްމަކީ، ޖިއޯ ސްޓޫޑިއޯސްއާއި އެތީނާ ޕްރޮޑަކްޝަންއާއި ގުޅިގެން އުފައްދާ ފިލްމެކެވެ.
ޑައިރެކްޓަރު ނިކިލް މަހާޖަންގެ މި ފިލްމުގައި ޕްރޮޑިއުސަރުންގެ ގޮތުގައި މަސައްކަތް ކުރާނީ ޖިއޮތީ ދޭޝް ޕާންޑޭ އަދި ގޯރަވް ބޯސްއެވެ.
ފިލްމުގެ ފުރަތަމަ ޓީޒާއިން އެކްޓަރު ޕަވައިލް ގުލާޓީ ފެންނަނީ ބަތަލާ ރަކުލް އަދާކުރާ ކެރެކްޓަރު ދެކެ އިންތިހާއަށް ލޯބިވާ މީހެއްގެ ގޮތުގައެވެ.
އެގޮތުން ލޯބިވާ އަންހެން ކުއްޖާ ހާސިލުކުރުމަށް ކޮންމެ ފަދަ ކަމެއް ވެސް ކުރަން ތައްޔާރުވެފައިވާ މީހެއްގެ ގޮތުގައި ޕަވައިލް ފެނެއެވެ. ފިލްމުގެ ޓީޒާ ނިންމާލާއިރު ރަކުލް ފެންނަނީ ތަނެއްގައި ބަންދުވެ އެ ތަނުން ސަލާމަތްނުވެވި ހުންނަ ތަނެވެ.
މި ފިލްމަކީ، ވަރަށް ގިނަ އިމޯޝަންސްތަކާ އެކު ޑްރާމާ އެކުލެވޭނެ ފިލްމެއް ކަމަށް ޖިއޯ ސްޓޫޑިއޯސްއިން ވަނީ ބުނެފައެވެ. ޕަވައިލް ގުލާޓީއަކީ 2020 ވަނަ އަހަރު ރިލީޒްވި ފިލްމު "ތައްޕަޅު"އިން ގިނަ ބައެއްގެ މެދުގައި މަގުބޫލުވި އެކްޓަރެކެވެ. ހަމައެއާ އެކު މިދިޔަ އަހަރު ރިލީޒްވި ފިލްމު "ދޮބާރާ"އިން ވެސް އެކްޓަރަށް ބެލުންތެރިންގެ ތަރުހީބު ވަނީ ލިބިފައެވެ.
މިދިޔަ އަހަރު ރަކުލް ޕްރީތު ސިންގް ވެސް ވަނީ ގިނަ ފިލްމުތަކަކުން ފެނިފައެވެ. ރަކުލްއަކީ ހިންދީ ސިނަމާގައި މި ވަގުތު ހުރި ކުރިއަރަމުން އަންނަ ބަތަލާއިންގެ މެދުގައި އެންމެ ބޮޑު ވާދަވެރިކަމެއް އޮންނަ އެއް ބަތަލާއެވެ. ނަމަވެސް ރަކުލް ބުނެފައިވަނީ އެއްވެސް ބަތަލާއަކާ ވާދަވެރިކަން ބޭއްވުމަކީ ރަކުލްގެ ގަބޫލުކުރާ ސިފައެއް ނޫން ކަމަށާއި އޭނާގެ ވާދަކުރަނީ އަމިއްލަ ނަފުސާ ކަމަށެވެ. ރަކުލް އަބަދު ވެސް ބޭނުންވަނީ ހުށަހަޅައިދޭ ކޮންމެ ފިލްމަކުން ވެސް ބެލުންތެރިންނަށް ތަފާތެއް ދެއްކުން ކަމަށާއި ފިލްމީ ދާއިރާގައި ނުވަ އަހަރު ވަންދެން މަސައްކަތް ކޮށްފައިވަނީ އެ ޢަޒުމާއެކު ކަމަށް ރަކުލްވަނީ ބުނެފައެވެ.